އެމްޑީޕީގެ ފޯރިގަދަ އެތެރޭގެ އިންތިހާބަށް ފަހު، އެ ޕާޓީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި، އިންތިހާބީ ޗެއާޕާސަން އަދި އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް މިއަދު ބައްދަލު ކުރައްވައިފިއެވެ.

މިދިޔަ ހޮނިހިރު ދުވަހު ބޭއްވި އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި ފައްޔާޒާއި ގާތުން ވާދަ ކުރައްވާފައި ވަނީ އެ ޕާޓީގެ ކުރީގެ ސްޕޯކްސްޕާސަން އަދި މާފަންނު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީއެވެ. ފައްޔާޒް ޗެއާޕާސަން ކަމަށް ހޮވި ވަޑައިގަތީ ވާދަވެރި އިންތިހާބަކަށް ފަހު 57 ޕަސެންޓު ވޯޓުންނެވެ.

ފައްޔާޒް އިންތިހާބު ކާމިޔާބު ކުރެއްވި ނަމަވެސް، ނަޝީދާއި އެމަނިކުފާނަށް ތާއީދު ކުރައްވާ ބޭފުޅުން އިއްޔެ އާ ހަމައަށް ތިއްބެވީ ހިމޭނުންނެވެ. އެކަމަކު ނަތީޖާ ގަބޫލު ކުރެއްވި ކަން އިއްޔެ އެ ބޭފުޅުން ވަނީ އިއުލާނު ކުރައްވައިފައެވެ. އަދި އެކުގައި "ހިންގާލާނެ" ކަމުގެ ޔަގީންކަން ވެސް ވަނީ ދެއްވާފައެވެ.

އިންތިހާބަށް ފަހު އެމްޑީޕީގެ އޮފީހުގައި ދެ ބޭފުޅުން ވެސް ބައްދަލު ކުރައްވާފައިވާއިރު، އެންމެ ފުރަތަމަ ކަމަކަށް އޮތީ ކޭކު ފެޅުމެވެ. އެ ކަން އިންތިޒާމްކުރީ އެމްޑީޕީ އޮފީހުގެ އިދާރީ މުވައްޒަފުންނެވެ. އެއީ އެ ޕާޓީގެ ޗެއާޕާސަން ކަމަށް ފައްޔާޒް ހޮވުމާއި އޭނާގެ އުފަން ދުވަހާ ދިމާވުމުން ކަމަށް ވާތީއެވެ. ކޭކު ފެޅުމުގައި ނަޝީދުގެ އިތުރުން، ޑެޕިއުޓީ ޗެއާޕާސަން އަދި ހުޅުމާލެ ދާއިރާގެ މެންބަރު އަލީ ނިޔާޒް ވެސް ބައިވެރިވެ ވަޑައިގަތެވެ.

ކޭކު ފެޅުމަށް ފަހު، ތިން ބޭފުޅުންގެ މެދުގައި ވަނީ ރަސްމީ ބައްދަލުވުމެއް ބާއްވައިފައެވެ.

ފައްޔާޒް އިންތިހާބު ކާމިޔާބު ކުރެއްވުމާ ގުޅިގެން އޭނާ އަށް މަރުހަބާ ދަންނަވައި އިއްޔެ ކުރެއްވި ޓްވީޓްގައި ނަޝީދު ވިދާޅުވީ، ފައްޔާޒްގެ ޗެއާޕާސަން ކަމުގެ ދަށުން އެމްޑީޕީއަށް އިތުރު ކާމިޔާބީ ހޯދޭނެ ކަމާމެދު އެއްވެސް ޝައްކެއް ނެތް ކަމަށެވެ. ޖަވާބުގައި ފައްޔާޒް ވިދާޅުވީ ނަޝީދުގެ އެހީތެރިކަމާ އެކު ގައުމު ތަރައްގީ ކުރުމަށާއި ޑިމޮކްރަސީ ކުރިއެރުވުމަށް ކުރަމުންދާ މަސައްކަތުގައި އެމްޑީޕީއަށް ބާރަށް ކުރިއަށް ދެވޭނެ ކަމަށެވެ.

އެމްޑީޕީގެ ޗެއާޕާސަން ކަމަށް ފައްޔާޒް އިންތިހާބުވެ ވަޑައިގެންފައިވާއިރު، އަންހެނުންގެ ރޫހުގެ ރައީސާ ކަމަށް އިންތިހާބުވެ ވަޑައިގަތީ އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމެވެ. އަދި ޔޫތު ވިންގްގެ ރައީސަކަށް އިންތިހާބުވެ ވަޑައިގަތީ ރިފްގާ ޝިހާމެވެ.