60 ދުވަހުގެ ތެރޭ ލޭންޑް ޔޫސް ޕްލޭން ފާސްކުރަން ޖެހޭ ގޮތަށް ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލެއް މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) އިން މިއަދު ހުށަހަޅައިފިއެވެ.

އެމްއެންޕީން ނެރުނު ނޫސްބަޔާނެއްގައި ބުނީ، އެ ޕާޓީއަށް މެންބަރުން އިތުރުކުރުމުގެ ގޮތުން މިދިޔަ އަށް މަސް ދުވަހުގެ ތެރޭ ބައެއް ރަށްރަށަށް ގޮސް، އެ ރަށްރަށުގެ ކައުންސިލްތަކާ ބައްދަލުކޮށް، ކައުންސިލްތަކަށް ދިމާވާ ދަތިތަކާ ގުޅޭ ގޮތުން މަޝްވަރާ ކުރެވިފައިވާ ކަމަށެވެ.

އެގޮތުން، އެ ރަށްރަށުގެ ކައުންސިލްތަކުން ކުރި އެންމެ ބޮޑު ޝަކުވާ އަކީ ރަށްރަށުގެ ލޭންޑް ޔޫސް ޕްލޭން ތަކުރާރުކޮށް ފާސްކުރުމުގައި ހުރި ދަތިތަކާއި، ލޭންޑް ޔޫސް ޕްލޭން ފާސް ނުވުމުގެ ސަބަބުން ރަށްރަށުގެ ތަރައްގީ އަށް ކައުންސިލްތަކުން ރާވާފައިވާ ކަންކަން ނުކުރެވި، އެ ކަންކަން ހުއްޓިފައި އޮތް އޮތުމުގެ ޝަކުވާ ކަމުގައި އެ ޕާޓީން ފާހަގަކޮށްފައި ވެއެވެ.

އެހެންކަމުން، މިހާރަށް ވުރެ ފަސޭހަ ގޮތަކަށް ލޭންޑް ޔޫސް ޕްލޭން ފާސްކުރެވޭނެ އުސޫލެއް ހަމަޖެހިގެން ދިއުމަށް ގިނަ ކައުންސިލްތަކުން އެދޭ ކަމަށް އެ ބަޔާނުގައި ވެއެވެ.

އެހެންވެ، މިއަދު ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް އިސްލާހު ހުށަހަޅާފައިވާ ކަމަށްވެސް އެ ޕާޓީން ބުންޏެވެ.

އެމްއެންޕީން ބުނި ގޮތުގައި، ރާއްޖޭގެ ލާމަރުކަޒީ އުސޫލުތައް ހިންގުމުގެ ގާނޫނު މިހާރު އޮތް ގޮތުން، ރަށު ކައުންސިލްތަކުން ގައުމީ އިދާރާއަށް ހުށަހަޅާ ލޭންޑް ޔޫސް ޕްލޭން އިސްލާހު ކުރަން އެންގުމަށް ފަހު، އެ ޕްލޭން ފާސް ނުކޮށް ދިގު މުއްދަތަކަށް ބޭއްވުމުގެ ފުރުސަތު ލިބިގެން ދެއެވެ. އެމްއެންޕީން ހުށަހަޅާފައިވާ އިސްލާހަކީ:

  • ރަށު ކައުންސިލްތަކުން ގައުމީ އިދާރާ އަށް ހުށަހަޅާ ލޭންޑް ޔޫސް ޕްލޭން ގިނަވެގެން 60 ދުވަހުގެ ތެރޭ ފާސްކުރުން
  • އެހެންކަމުން ލޭންޑް ޔޫސް ޕްލޭނާ ގުޅޭ ވަކިކަމެއް އިސްޅާހު ކުރަން ޖެހިއްޖެ ނަމަ، ކައުންސިލާ މަޝްވަރާކޮށް އެ ކަމެއް އިސްލާހު ކޮށް 60 ދުވަހުގެ ތެރޭ އެ ލޭންޑް ޔޫސް ޕްލޭން ފާސްކުރަން ޖެހޭނެ
  • އެ އިސްލާހު ފާސްވެއްޖެ ނަމަ 60 ދުވަހުގެ ތެރޭ ލޭންޑް ޔޫސް ޕްލޭންތައް ތަރައްގީ ކުރުމަށް ގައުމީ އިދާރާ އަށް ލާޒިމް ވާނެ

އެ ޕާޓީން ބުނީ، ލޭންޑް ޔޫސް ޕްލޭން ފާސްނުވުމުގެ ސަބަބުން ރަށްރަށުގެ ތަރައްގީއަށް ކައުންސިލުން ރާވާފައިވާ ގިނަ މަޝްރޫއުތައް ކުރިއަށް ނުގެންދެވޭ މައްސަލައަށް ހައްލެއް ހޯދުމަށްޓަކައި އެ ގާނޫނު އިސްލާހުކުރުން މުހިންމު ކަމަށެވެ. އެހެންވެ، ސިޔާސީ ޕާޓީތަކުގެ ތާއީދާ އެކު އެ އިސްލާހު ފާސްވެގެން ދިއުމަކީ މުހިންމު ކަމެއް ކަމަށް އެ ޕާޓީން ބުންޏެވެ.