ކުޑަކުދިންގެ ދުވަހާ ގުޅިގެން ކަލާފާނު ސްކޫލުން އިސްނަގައިގެން ގަސް އިންދުމުގެ އިވެންޓެއް ބާއްވައިފިިއެވެ.

އިއްޔެ ހުޅުމާލެ ރުށްގަނޑު 1 ސަރަހައްދުގައި ބޭއްވި އެ އިވެންޓުގައި ކަލާފާނު ސްކޫލްގެ ދަރިވަރުންނާއި ބެލެނިވެރިން، އަދި ޓީޗަރުން ގުޅިގެން ވަނީ 50 ގަސް އެ ސަރަހައްދުގައި އިންދާފައެވެ.

އެ އިވެންޓު ޝަރަފުވެރި ކޮށްދެއްވައި ދެއްކެވި ވާހަކައިގައި އެޗްޑީސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އަހްމަދު އާތިފް ވިދާޅުވީ، ހުޅުމާލެ އަކީ ހިތްފަސޭހަ ތަނަކަށް ހެދުމަށްޓަކައި އެންމެންގެ އެއްބާރުލުން ބޭނުންވާ ކަމަށެވެ. އަދި އެ ފުރުސަތު ވަނީ ހުރިހާ ފަރާތްތަކަށް ހުޅުވާލެވިފައި ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"މި މަސައްކަތުގައި އާންމުންގެ ބައިވެރިވުން މުހިއްމު، އަޅުގަނޑުމެންނާއި ގުޅިގެން މިކަން ކުރުމަށް ހުރިހާ ސްކޫލްތަކަށާއި އެންޖީއޯތަކަށް މި ފުރުސަތު އެބޮތް." އާތިފް ވިދާޅުވިއެވެ.

އެޗްޑީސީން ބުނީ، ހުޅުމާލޭގެ އެކި ސަރަހައްދުތައް ފެހި ކުރުމަށް ގިނަ މަސައްކަތްތަކެއް އެ ކޯޕަރޭޝަނުން ކުރަމުން ދާ ކަމަށެވެ. އެގޮތުން ހުޅުމާލެ ފޭސް 2 އަށް މީހުން ބަދަލުވާން ފެށުމުން، އެ ސަރަހައްދު ފެހި ކުރުމަށް ރާވަމުން ދާ ކަމަށް ބުންޏެވެ.

އެ ކޯޕަރޭޝަނުން ބުނި ގޮތުގައި، ހުޅުމާލެ އަކީ ހިތް ފަސޭހަ، އަދި ފެހި ތަނަކަށް ހެދުމަށް ގިނަ މަސައްކަތްތަކެއް މުޅި އަހަރަށް ބަހާލައިގެން ކުރިއަށް ގެންދިއުމަށް ވަނީ ރާވާފައި ކަމަށެވެ.