ރާއްޖޭގެ ގައުމީ ޓީމަށް ގިނަ މެޗްތަކެއް ކުޅެފައިވާ އިތުބާރު ޑިފެންޑަރު ސޮބާހު މުހައްމަދު (ސޮބާ) މިރޭ އިދިކޮޅު ޕީޕީއެމް އަށް ސޮއިކޮށްފިއެވެ.

މީގެ ކުރިން ސިޔާސީ މަސްރަހުން ފެނިފާނުވާ ސޮބާ، ޕީޕީއެމް އަށް ސޮއިކުރުމަށް ފަހު އޭނާގެ ފޯމް ހަވާލު ކުރީ އެ ޕާޓީގެ ލީޑަރު، ރައީސް އަބްދުﷲ ޔާމީން އާ އެވެ.

ސޮބާއަކީ 2008 ވަނަ އަހަރު ރާއްޖެއަށް ފުޓްބޯޅައިން ފުރަތަމަ ފަހަރަށް ރަން މެޑެލް ހޯދިއިރު އެޓީމްގައި ހިމެނުނު މުހިއްމު ކުޅުންތެރިއެކެވެ. ސޮބާ ވަނީ 12 އަހަރު ވަންދެން ގައުމީ ފުޓްބޯޅަ ޓީމަށް ކުޅެފައެވެ. އެހެންނަމަވެސް ސޮބާ ވަނީ މީގެ ހައެއްކަ އަހަރު ކުރިން ކުޅުން ހުއްޓާލުމަށްފަހު ކޯޗެއްގެ ގޮތުގައި މަސައްކަތް ކުރަން ފަށާފައެވެ. އެގޮތުން ސޮބާ ވަނީ ނިއުރޭޑިއަންޓާއި ވެލެންސިއާ އަށް ވެސް ކޯޗްކަން ކޮށްދީފައެވެ.

ސޮބާގެ އިތުރުން އައްޑޫ ސިޓީ މީދޫގައި އެމްޑީޕީގެ ހަރަކާތްތަކުގައި އިސްކޮށް އުޅުނު އަލީ ޝަހީމް ވެސް ވަނީ މިރޭ ޕީޕީއެމް އަށް ސޮއިކޮށްފައެވެ. ޕީޕީއެމްއަށް ސޮބާހް އާއި އަލީ ޝަހީމް ސޮއިކޮށްފައި ވާތީ ރައީސް ޔާމީނާއި ޕީޕީއެމްގެ ލީޑަޝިޕުން ވަނީ މި ދެ މީހުންނަށް މަރުހަބާ ދަންނަވާފައެވެ.

އިލެކްޝަންސް ކޮމިޝަންގެ ވެބްސައިޓްގައިވާ ގޮތުން ރާއްޖޭގައި ދެވަނަ އަށް އޮތް އެންމެ ބޮޑު ސިޔާސީ ޕާޓީ، ޕީޕީއެމްގައި މިވަގުތު 34،368 މެންބަރުން އެބަތިއްބެވެ.