އެމްޑީޕީގެ އިންތިހާބީ ޗެއާޕާސަން އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލްގެ ޗެއާޕާސަން ކަމުގެ ދަށުން އެމްޑީޕީން އިތުރު ކާމިޔާބީ ހޯދާނެ ކަމާމެދު ޝައްކު ނުކުރައްވާ ކަމަށް، އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އިއްޔެ ބޭއްވި އެމްޑީޕީގެ އެތެރޭގެ އިންތިހާބުގެ ނަތީޖާ ދައްކާ ގޮތުން، ފައްޔާޒަށް ލިބިވަޑައިގެންފައި ވަނީ 59 ޕަސެންޓު ވޯޓެވެ. އަދި އޭނާ އާ ގާތުން ވާދަ ކުރެއްވި މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ (އިންތި) އަށް ލިބިވަޑައިގެންނެވީ 41 ޕަސެންޓު ވޯޓެވެ. އެހެންކަމުން ވަގުތީ ނަތީޖާ ދައްކާ ގޮތުން ކުރީގައި އުޅުއްވަނީ ފައްޔާޒެވެ.

ފައްޔާޒަށް މަރުހަބާ ދަންނަވައި ކުރެއްވި ޓްވީޓްގައި ކުރިން އެމްޑީޕީގެ ޗެއާޕާސަންގެ މަގާމުވެސް ފުރުއްވި ނަޝީދު ވިދާޅުވީ، ފައްޔާޒްގެ ޗެއާޕާސަން ކަމުގެ ދަށުން އެމްޑީޕީއަށް އިތުރު ކާމިޔާބީ ހޯދޭނެ ކަމާ މެދު އެމަނިކުފާނުގެ ހިތުގައި އެއްވެސް ޝައްކެއް ނެތް ކަމަށެވެ.

ނަޝީދުގެ ޓްވީޓަށް ދެއްވި ޖަވާބުގައި ފައްޔާޒް ވިދާޅުވީ، ނަޝީދުގެ އެހީތެރިކަމާ އެކު، ގައުމު ތަރައްގީ ކުރުމަށާއި، ޑިމޮކްރަސީ ކުރިއެރުވުމަށް ކުރަމުންދާ މަސައްކަތުގައި އެމްޑީޕީއަށް ބާރަށް ކުރިއަށް ދެވޭނެ ކަމަށެވެ.

ނަޝީދުގެ އިތުރުން، އެމްޑީޕީގެ ނައިބު ރައީސް މުހައްމަދު ޝިފާޒް ވެސް ވަނީ ފައްޔާޒަށް މަރުހަބާ ދަންނަވައިފައެވެ. ޝިފާޒް ވިދާޅުވީ، މުޅި ރާއްޖެވެސް ޝައުގުވެރި ކަމާއެކު ހުއްޓިފައި އޮތީ އެމްޑީޕީގެ އިންތިހާބަށް ކަމަށެވެ. އަދި އެމްޑީޕީއަކީ އަބަދުވެސް އެހެން ސިޔާސީ ޕާޓީތަކަށް ނަމޫނާ ދައްކަވާ ޕާޓީއެއް ކަމަށް އޭނާ ވިދާޅުވިއެވެ.

އިންތިހާބުން ބަލިވެ ވަޑައިގަތުމަށް ފަހު ބަލި ގަބޫލު ކުރައްވައި ފައްޔާޒަށް މަރުހަބާ ދަންނަވައި މިއަދު ކުރެއްވި ޓްވީޓްގައި އިންތި ވިދާޅުވީ، މިވީހާ ދުވަހު ނަގަހައްޓަމުން އައި ހަމަތަކާއި އަސާސްތަކުގައި އެމްޑީޕީއާ އެކު ދެމި ހުންނާނެ ކަމަށެވެ.

އެމްޑީޕީގެ ޗެއާޕާސަން ކަމަށް ފައްޔާޒް އިންތިހާބުވެ ވަޑައިގެންފައިވާއިރު، އަންހެނުންގެ ރޫހުގެ ރައީސާ ކަމަށް އިންތިހާބުވެ ވަޑައިގަތީ އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމެވެ. އަދި ޔޫތު ވިންގްގެ ރައީސަކަށް އިންތިހާބުވެ ވަޑައިގަތީ ރިފްގާ ޝިހާމެވެ.