އިންތިހާ ނުތަނަވަސް ކަމުގައި ފާއިތުވެގެން ދިޔަ ހަފުތާއަކަށް ފަހު އަވަށްޓެރި ސްރީލަންކާގެ ރައްޔިތުން ހަފުތާ ބަންދާ ކުރިމަތިލާފައި މިވަނީ، "އާ" ބޮޑުވަޒީރަކާ އެކުގައެވެ. އިންޑިއާގެ ސިޔާސީ މައިދާނަށް ނުފޫޒުގަދަ ރާޖަޕަކްސަ އާއިލާގެ މަހިންދަ ރާޖަޕަކްސަ، ބޮޑުވަޒީރު ކަމުގެ މަގާމުން އިސްތިއުފާ ދެއްވިތާ ދެތިން ދުވަހުގެ ތެރޭގައި އެ މަގާމަށް އައްޔަން ކުރައްވާފައި ވަނީ ސްރީލަންކާގެ ބޮޑުވަޒީރު ކަމަށް އާ ބޭފުޅެއް ނޫނެވެ. ދިވެހިންނަށްވެސް ދެކެފަރިތަ މޫނެކެވެ.

ބުރާސްފަތި ދުވަހު ސްރީލަންކާގެ 26 ވަނަ ބޮޑުވަޒީރުގެ ގޮތުގައި، ރަނިލް ވިކްރަމަސިންހަ ބޮޑުވަޒީރު ކަމުގެ ހުވާ ކުރެއްވީ ދުނިޔޭގެ ރެކޯޑްތަކަކާވެސް އެކުގައެވެ. 1993 އިން 1994 އަށް، 2001 އިން 2004 އަށް، 2015 ވަނަ އަހަރު 100 ދުވަހަށް އަދި 2015 އިން 2018 އަށް އަދި 2018 އިން 2019އަށްވެސް ސްރީލަންކާގެ ބޮޑުވަޒީރުކަން ކުރެއްވި ރަނިލް، އެ މަގާމާ ހަވާލުވެވަޑައިގެންނެވި މިއީ 6 ވަނަ ފަހަރު ކަމުގައި ވާ އިރު، އެއީވެސް ރެކޯޑެކެވެ.

މަސްރަހު އިންތިހާއަށް ހޫނުވެފައިވާ ސްރީލަންކާގެ ބޮޑޫވަޒީރު ކަމުގެ މާގަމަށް، ގާނޫޏު ހަދާ މަޖިލީހުން ރަނިލް އައްޔަން ކުރެއްވީ، އޭނާގެ ސިޔާސީ ވާދަވެރި ޕާޓީއާއި ރައީސް ގޮތަބާޔާ ރާޖަޕަކްސަގެ މަސައްކަތްޕުޅުންނެވެ. މީގެ އިތުރުންވެސް އެންމެ ފާހަގަ ކޮށްލެވޭ ރެކޯޑަކީ، ރަނިލްއަކީ މުޅި ދުނިޔޭގައިވެސް، މަޖިލީހުގެ އެންމެ ސީޓަކާއެކު ބޮޑުވަޒީރުކަން ކުރައްވާ ހަމައެކަނި ސިޔާސީ ޝަހްސުކަމުގައިވުމެވެ.

މަގާމާ ހަވާލުވެވަޑައިގަތުމަށް ފަހު ވާހަކަފުޅު ދައްކަވަމުން ރަނިލް ވިކްރަމަސިންހަ ވަނީ، ގައުމުގެ އިގުތިސޯދު ނެގެހެއްޓެވުމުގެ ޗެލެންޖު ނަންގަވައިގެން ހުންނެވި ކަމަށާ، އެކަން ފުރިހަމަ ކުރައްވަން ޖެހިވަޑައިގަންނަވާނެކަމަށް ވިދާޅުވެފައެވެ. އަދި ރައީސް ގޮތަބާޔާ ރާޖަޕަކްސަގެ އިސްތިއުފާއަށް ގޮވާލާ، އެ ގައުމުގައި ކުރިއަށް ގެންދާ މުޒާހަރާތަކަށް ސަރުކާރުން ހުރަސް ނާޅާނެ ކަމަށްވެސް އޭނާ ވަނީ ވިދާޅުވެފައެވެ.

ރައްޔިތުންގެ ތަކުލީފުތައް އަޑުއިވުއްމުގެ ފުރުސަތު ދެވެން ޖެހޭ ކަމަށް ވިދާޅުވި ރަނިލް ވިކްރަމަސިންހަ ވަނީ ގާނޫނު ހަދާ މަޖިލީހުގައި އޭނާއަށް އޮތް އަގުލަބިއްޔަތު ސާފުކޮށްދެއްވާނެ ކަމަށްވެސް ވިދާޅުވެފައެވެ.