ރަޝިއާގެ ރައީސް ވްލޭޑްމިއާ ޕޫޓިންގެ އަމުރުފުޅަކަށް ފެބުރުއަރީ 24 ވަނަ ދުވަހު އެ ގައުމުގެ އަސްކަރިއްޔާއިން ޔޫކްރައިންއަށް އަރާ، ކުރަމުން ދާ ހަނގުރާމައިން ސަލާމަތް ވުމުގެ ގޮތުން، ރެފިއުޖީންގެ ގޮތުގައި ޔޫކްރައިން ދޫކޮށް ދިޔަ މީހުންގެ އަދަދު، 6 މިލިއަނަށް ވުރެ މައްޗަށް އަރާފައި ވާ ކަމަށް، ރެފިއުޖީންނާ ބެހޭ އދގެ އިދާރާގެ ރެކޯޑްތަކުން ދައްކައިފިއެވެ.

މެއި 11، 2022ގެ ނިޔަލަށް ޔޫކްރައިން ދޫކޮށް ދިޔަ ރެފިއުޖީންގެ އަދަދު 6029705 އަށް އަރާ ކަމަށް އދގެ ރެކޯޑްތަކުން ދައްކައެވެ. ދުނިޔޭގެ އެހެން މަންޒިލްތަކަށް ދަތުރު ކުރުމުގެ ކުރިން، ގިނަ ރެފިއުޖީން ވަގުތީ ހިޔާވަހިކަން ހޯދަމުން ދަނީ ޔޫކްރައިންގެ އަވަށްޓެރި ގައުމުތަކުގައި ކަމަށް ވާ އިރު، އެންމެ ގިނަ އަދަދަކަށް ޔޫކްރައިންގެ ރެފިއުޖީން ތިބީ ޕޯލަންޑްގައި ކަމަށް މައުލޫމާތު ލިބެއެވެ.

ހަނގުރާމައިން ސަލާމަތް ވުމަށް ގައުމު ދޫކޮށް ދިޔަ ޔޫކްރައިން ރައްޔިތުންނަށް ބަލާއިރު، ރެފިއުޖީންގެ 90 ޕަސެންޓް ހިއްސާ ކުރަނީ އަންހެނުންނާއި ކުޑަ ކުދިންނެވެ. ޔޫކްރައިންގެ ފިރިހެނުންގެ އާބާދީގައި ހިމެނޭ މީހުންގެ ތެރެއިން އުމުރުން 18 އަހަރާއި 60 އަހަރާ ދެމެދުގެ މީހުންނަށް ގައުމުން ފުރައިގެން ނުދެވޭ ގޮތް ވަނީ ހަދާފައެވެ. ސަބަބެއް ކަމަށް ވަނީ އަސްކަރީ ހިދުމަތަށް ނުކުތުމަށް ކުފޫ ހަމަވުމެވެ.

ހަނގުރާމަ ދިގުލާ ދާ ވަރަކަށް، ހިޖުރަ ކުރާ ރެފިއުޖީންގެ އަދަދު ދުވަހުން ދުވަހަށް ދަށްވާ ކަން ފާހަގަ ކުރެވެއެއެވެ. އެގޮތުން މާޗް މަހު 3.4 މިލިއަން މީހުން ގައުމު ދޫކޮށް ބޯޑަރު ހުރަސް ކުރިއިރު، އޭޕްރިލް މަހު އެ އަދަދު ވަނީ 1.5 މިލިއަނަށް ވެއްޓިފައެވެ. މެއި މަހަށް ފެށުނު ފަހުން ގައުމުން ބޭރުގައި 493000 މީހަކު ހިމާޔަތަށް އެދިފައި ވާ އިރު، މިއަހަރު ތެރޭގައި 8 މިލިއަނަށް ވުރެ ގިނަ މީހުން ޔޫކްރައިން ދޫކޮށް ދާނެ ކަމަށް އދއިން އަންދާޒާ ކުރެއެވެ.

ހިޖުރަވެރިންނާ ބެހޭ ބައިނަލްއަގުވާމީ އިދާރާގެ ވަކި ދިރާސާއަކަށް ބަލާއިރު، ޔޫކްރައިން ތެރޭގައި ގެދޮރު ގެއްލިފައި ވާ މީހުންގެ އަދަދުވެސް އިތުރު 8 މިލިއަނަށް އަރައެވެ.

ކަން މިހެން އޮތް އިރު، ޔޫކްރައިންގެ މާލީ ވަޒީރު ސްރެހީ މަރްޗެންކޯ ބުރާސްފަތި ދުވަހު ރޮއިޓާޒްއަށް ވިދާޅުވީ، އެ ގައުމުގައި ރަޝިއާއިން ކުރަމުންދާ ހަނގުރާމައަށް 8.3 ބިލިއަން ޑޮލަރު ހަރަދު ކުރުމަށް މަޖުބޫރުވި ކަމަށެވެ. އެ ފައިސާ ހަރަދު ކުރަން ޖެހުނީ ހަތިޔާރު ގަނެ، މަރާމާތު ކުރުމުގެ އިތުރުން، ގައުމު ތެރޭގައި ހާލުގައި ޖެހިފައި ވާ މީހުންނަށް ކުއްލި އެހީގެ ސާމާނު ފޯރުކޮށްދިނުމަށް ކަމަށްވެސް މާލީ ވަޒީރު ވަނީ ވިދާޅުވެފައެވެ.

ޔޫކްރައިންގެ ސޯޝަކް ޕޮލިސީ މިނިސްޓްރީގެ ރެކޯޑްތަކަށް ބަލާއިރު އެ ގައުމު ތެރޭގައި ގެދޮރު ގެއްލިގެން ރަސްމީކޮށް ދަފުތަރު ކޮށްފައި ވާ މީހުންގެ އަދަދު 2.7 މިލިއަނެވެ. ނަމަވެސް ހަގީގީ އަދަދުތައް އެއަށްވުރެ މާ މައްޗެވެ.

ރަޝިއާއިން އަސްކަރީ ހާއްސަ އޮޕަރޭޝަނެއްގެ ނަމުގައި ޔޫކްރައިންގައި ހަނގުރާމަ ފެށިއިރު، ރަޝިއާއިން މީގެ ކުރިން ހިސޯރު ކުރި ކްރައިމިއާއާއި، ރަޝިއާގެ ތާއީދާއެކު ޔޫކްރައިނުން ވަކިވެގަތުމަށް މަސައްކަތް ކުރާ އިރުމަތީ 2 ސަރަހައްދު ނުހިމަނާ، ޔޫކްރައިންގެ އާބާދީއަކީ 37 މިލިއަން މީހުންނެވެ.