އިސްލާމްދީނަށް ފުރައްސާރަ ކުރި މައްސަލައިގައި ހައްޔަރުކުރި ގދ. ތިދަދޫ، އުމުރުން 37 އަހަރުގެ މުހައްމަދު ރުސްތަމް މުޖުތަބާ އެކަމަށް ކޯޓުގައި އެއްބަސްވެއްޖެއެވެ.

ރުސްތަމް އަކީ ސޯޝަލް މީޑިއާގެ ޕްލެޓުފޯމުތަކުގައި ދީނަށް ފުރައްސާރަ ކުރަމުން ގެންދިޔަ މީހެކެވެ.

އޭނާގެ މައްޗަށް ދީނީ އެއްބައިވަންތަކަން ނަގާލަން މަސައްކަތްކުރުމާއި އޮރިޔާން ކާޑު ގެންގުޅުމުގެ ދައުވާ ކޮށްފައި ވާއިރު މިއަދުގެ އަޑުއެހުމުގައި ރުސްތަމް ވަކީލަކު އައްޔަންކުރަން ފުުރުސަތު ދިނުމުން ވެސް އެކަން ހަމަޖެއްސިފައި ނުވާތީ އަދި ރުސްތަމްގެ މައްޗަށް ކޮށްފައިވަނީ ގާނޫނުގައި ބޮޑެތި ކުށްތަކުގެ ގޮތުގައި ކަނޑައަޅާފައިވާ ކުށްތަކުގެ ދައުވާއަކަށް ނުވާތީ ގާޒީގެ އެންގެވުމަށް ދައުލަތުން ވަނީ ދައުވާތައް އިއްވާފައެވެ.

ދައުވާތަކަށް ޖަވާބުދާރީވާން އެންގެވުމުން ރުސްތަމް ބުނީ މީގެ ކުރިން ވެސް އޭނާއަށް ކުރާ ތުހުމަތުތަކަށް އިއުތިރާފް ވެފައި ވާނެ ކަމަށެވެ. ރުސްތަމް ވަނީ އޭނާއަށް ކުރާ ދައުވާތަކަށް އިއުތިރާފް ވަނީ އެއްވެސް މަޖުބޫރުކަމެއް ނެތި އަމިއްލަ އިހްތިޔާރުގައި ކަމަށް ބުނެފައެވެ.

ރުސްތަމް ދައުވާތަކަށް އިއުތިރާފު ވި ކަމަށް ކޯޓުން ނިންމައިފި ނަމަ ފަސް މަހުގެ ޖަލު ހުކުމެއް އަންނާނެވެ.

މިއަދުގެ އަޑުއެހުމުގައި ރުސްތަމް ވަނީ އޭނާ ބަންދުގައި ހަ މަސް ދުވަހު ހުރި ކަން ފާހަގަކޮށް އިތުރަށް ބަންދުކުރަންޖެހޭ ސަބަބެއް ނޯންނާނެ ކަމަށް ބުނެފައެވެ. ނަމަވެސް ގާޒީ ވަނީ ބަންދުގައި ކިތަންމެ ދުވަހަކު ހުއްޓަސް ޝަރީއަތް ކުރިއަށް ގެންދަން ޖެހޭނެ ކަމަށާއި ބަންދުގައި ހުރި މުއްދަތެއް އުނިކުރާނީ ހުކުމުގައި ކަމަށެވެ.

ދައުލަތުގެ ވަކީލް ވަނީ ރުސްތަމް ބަންދުގައި ހޭދަކުރީ 29 ދުވަހާއި 22 ގަޑިއިރާއި 19 މިނެޓް ކަމަށް ވިދާޅުވެފައެވެ. މިއަދުގެ އަޑުއެހުމުގައި ގާޒީ ވަނީ އެކަން އިތުރަށް ސާފުކުރަން އަންގާފައެވެ.

ރުސްތަމް ފުރަތަމަ ހައްޔަރުކޮށްފައި ވަނީ 2019 ވަނަ އަހަރުގެ ތެރޭގައެވެ. އޭރު އޭނާ ހައްޔަރުކޮށްފައި ބެހެއްޓުމަށް ފަހު މިނިވަން ކުރުމުން އަނެއްކާވެސް 2020 ވަނަ އަހަރު އިސްލާމް ދީނަށް ފުރައްސާރަ ކޮށް ދިވެހި ދައުލަތަށް ގޮންޖަހާ ޓްވީޓް ކުރަން ފަށަފައިވާ ވަނިކޮށް ވަނީ ހައްޔަރު ކޮށްފައެވެ.