ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު، ޖުޑީޝަލް ސާވިސް ކޮމިޝަންގެ މެންބަރުކަމަށް ހދ.ވައިކަރަދޫ، ގްރީންވިލާ މުހައްމަދު ނިޔާޒް މިއަދު އައްޔަން ކުރައްވައިފިއެވެ.

ރައީސް އޮފީހުން ބުނީ ޖޭއެސްސީގެ މެންބަރުކަމަށް އައްޔަން ކުރެއްވުމުގެ ކުރިން ނިޔާޒް، ޖުޑީޝަލް ސާވިސް ކޮމިޝަންގެ މެންބަރުކަމުގެ ހުވާ، ރައީސުލްޖުމްހޫރިއްޔާގެ ކުރިފުޅުމަތީގައި ކުރައްވާފައިވާ ކަމަށެވެ.

މިގޮތުން ހުވައިލައިދެއްވީ، ސުޕްރީމް ކޯޓުގެ ފަނޑިޔާރު މަހާޒު އަލީ ޒާހިރު ކަމަށް ރައީސް އޮފީހުން ވަނީ ބުނެފަައެވެ.

ރައީސް އޮފީހުން ބުނީ މި ރަސްމިއްޔާތުގައި ޖޭއެސްސީގެ މެންބަރު ކަމަށް އައްޔަން ކުރެއްވި ކަމުގެ ލިޔުން، ރައީސުލްޖުމްހޫރިއްޔާ، ނިޔާޒާ ހަވާލުކުރައްވާފައިވާ ކަމަށެވެ.

ނިޔާޒު މަތީތައުލީމު ހާސިލުކުރެއްވީ ޝަރީއަތާއި ގާނޫނުގެ ރޮނގުން މޭލޭޝިއާގެ އިންޓާނޭޝަނަލް އިސްލާމިކް ޔުނިވާސިޓީން ކަމަށް ރައީސް އޮފީހުން ބުނެއެވެ. އޭނާ ކުރިން ފުރުއްވާފައިވާ މަގާމުތަކުގެ ތެރޭގައި ހދ. ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓްކަމާއި ހދ. ވައިކަރަދޫ ކޯޓުގެ މެޖިސްޓްރޭޓްކަން ހިމެނެއެވެ.