ކުރީގެ ރައީސް އަބްދުﷲ ޔާމީން ވެރިކަމުގައި ހުންނެވިއިރު ޖަލަށް ލެވުނު މީހުންގެ އަދަދު މަދީތޯ ރައީސް މައުމޫންގެ ދަރިކަނބަލުން އަދި ހެރިޓޭޖް މިނިސްޓަރު އަދި ޔާމީންގެ ކޮއްކޯފުޅު ޔުމްނާ މައުމޫން ސުވާލުކުރައްވައފިއެވެ.
ޔުމްނާ މިހެން ވިދާޅުވެފައި ވަނީ ވިލިމާލޭގައި އިއްޔެ އޮތް ކެމްޕެއިން އިވެންޓެއްގައި ރައީސް ޔާމީން ދެއްކެވި ވާހަކަފުޅަށް ރައްދު ދެއްވަމުންނެވެ.
މިގޮތުން އެ އިވެންޓުގައި ރައީސް ޔާމީން ވަނީ މަގާމުގައި އަބަދު ނުތިބެވޭނެ ކަމަށާއި ހާލަތު ބަދަލުވާ ދުވަހު ޖަލަށް ދާން ޖެހިދާނެ ކަމުގެ އިންޒާރު ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދަށާއި ޗީފް އޮފް ޑިފެންސް ފޯސް އަބްދުﷲ ޝަމާލަށާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ރަޝީދަށް ދެއްވާފައެވެ.
ރައީސް ޔާމީންގެ ވާހަކަފުޅުތަކާ ގުޅިގެން ޔުމްނާ ކުރެއްވި ޓްވީޓެއްގައި ވަނީ ޖަލުތަށް ބޮޑުކޮށް ހުރިހާ ރައްޔިތުން ޖަލަށް ލާނީ ތޯ އާއި ކުރީގައި ޖަލަށް ލެވުނުވަރު މަދީ ތޯ ސުވާލުކުރައްވާފައެވެ.
އިއްޔެގެ އިވެންޓުގައި ރައީސް ޔާމީން ވަނީ އެމަނިކުފާނުގެ ބޭބެ، މައުމޫން ހައްޔަރުކުރީ ކުށެއް ނުކުރައްވާ ހުންނަވައިގެން ނޫން ކަމަށާއި އެމަނިކުފާނު ހައްޔަރުކުރީ ދައުލަތުގެ ހައްގަކަށް އަރައިގަނެ، ސުޕްރީމް ކޯޓުގެ ތެރެއިން ދައުލަތް ވައްޓާލަން މަސައްކަތް ކުރުމުގެ އެންމެ މޭސްތިރިއަކަށް ހުންނެވުމުން ކަމަށް ވިދާޅުވެފައެވެ.
ނަމަވެސް މައުމޫން ހައްޔަރުކޮށް ޖަލަށްލާން ނިންމީ އެމަނިކުފާނު ނޫން ކަމަށާއި އެއީ ގައުމީ ސަލާމަތާއި ބެހޭ ކޮމިޓީން ނިންމި ނިންމުމެއް ކަމަށް ޔާމީން ވިދާޅުވިއެވެ.