އެމްޑީޕީގެ ކޮންގްރެސްގައި އެހެން ޕާޓީތަކުގެ ވަޒީރުން އިސްތިހާރު ނުކުރަން އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދު ގޮވާލައްވައިފިއެވެ.

ނަޝީދު މިހެން ގޮވާލެއްވީ މިހާރު ކުރިއަށްދާ އެމްޑީޕީގެ ކޮންގްރެސްގައި ހެރިޖޭޖް މިނިސްޓްރީގެ މަސައްކަތްތަކާ ގުޅޭގޮތުން މައުލޫމާތު ދެއްވުމަށް އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު ތޯރިގް ދެއްވި ޕްރެޒެންޓޭޝަނެއްގައި، ހެރިޓޭޖް މިނިސްޓަރު ޔުމްނާ މައުމޫނަށް ތައުރީފް ކުރައްވައި ވާހަކަ ދެއްކެވުމުންނެވެ.

ނަޝީދު ވިދާޅުވީ، މިހާރު އެންމެހާ ބޭފުޅުން ތިއްބެވީ، އެމްޑީޕީގެ ކޮންގްރެސްގައި ކަމަށާއި އެހެނިހެން ޕާޓީތަކުގެ ވަޒީރުންގެ ވިސްނުން ކޮންގްރެސް އަށް މުހިންމު ނޫން ކަމަށެވެ.

އެމްޑީޕީއަކީ ވާދަވެރި ސިޔާސީ ޕާޓީއެއް ކަމަށާއި އެ ޕާޓީގެ މެންބަރުންނަށް އެހެނިހެން ޕާޓީތަކުގެ ފަލްސަފާތަކާއި، ވަޒީރުން ވެސް އަދި އެ ޕާޓީތަކުގެ ފިކުރުތައް ވެސް މުހިންމު ނުވާނެ ކަމަށް ނަޝީދު ވިދާޅުވިއެވެ. އަދި އެ ފިކުރުތަކުގެ މަތިން ގައުމު ހިންގާކަށް ވެސް އެމްޑީޕީން ބޭނުން ނުވާ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ކޯލިޝަނަކާ އެކު ކުރިއަށް ގެންދާ މި ސަރުކާރުގައި ހިމެނިވަޑައިގަންނަވާ ވަޒީރުންގެ ތެރެއިން ޔުމްނާ އަކީ އެމްއާރްއެންގެ ބޭފުޅެކެވެ. އަދި ޔުމްނާ އަކީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ދަރިކަނބަލެއް ވެސް މެއެވެ.

ތޯރިގް ދެއްކެވި ވާހަކައަށް ނަޝީދު ރައްދު ދެއްވަފައިވާ އިރު، ތޯރިގްގެ ވާހަކައިގައި އޭނާ ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ދެ ވަނަ ދައުރެއް ދޭން ޖެހޭ ކަމަށް ވިދާޅުވެފައެވެ.

ކޮންގްރެސް އާ ހަމައަށް އައި އިރު އެމްޑީޕީގެ އެތެރޭގައި ދެބަސްވުމާއި ހިޔާލުތަފާތުވުން އިތުރުވެ އެމްޑީޕީގެ މެންބަރުން ވަނީ ދެ ފެކްޝަނަށް ބެހިފައެވެ. އެ ގޮތުން ރައީސް ނަޝީދާ އެކު ބަރުލަމާނީ ނިޒާމެއް ގެންނަން ތާއީދު ކުރާ ބައެއް މެންބަރުން ތިބި އިރު ރައީސް ސޯލިހާ އެކު ގިނަ އަދަދެއްގެ މެންބަރުން ތިބީ ރިޔާސީ ނިޒާމް އާ އެކު ކުރިއަށް ދާން ތާއީދު ކޮށްގެންނެވެ. އެމްޑީޕީ ދެ ފެކްޝަނަކަށް ބެހިފައިވާ މި ދަނޑިވަޅުގައި ކޮންގްރެސް އަށް ރައީސް ނަޝީދު ވަނީ ބަރުލަމާނީ ނިޒާމެއް ގެންނަން އެދި ގަރާރެއް ހުށަހަޅުއްވާފައެވެ. އެ ގަރާރަށް ވޯޓަށް އެހުން މިއަދު މެންދުރުފަހުން އޮންނާނެއެވެ.