އުރީދޫ މޯލްޑިވްސްގެ އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) މެދުވެރިކޮށް އުފައްދާފައިވާ ޑިޖިޓަލް ކެއާ އެސިސްޓެންޓް "އެވީ" އަޕްގްރޭޑްކޮށް، ކަސްޓަމަރުންނަށް ދިވެހި ބަހުން ޑިޖިޓަލް އެސިސްޓެންޓާ މުއާމަލާތް ކުރެވޭނެ ގޮތް ހަދައި އަލުން އެވީ ލޯންޗު ކޮށްފިއެވެ.

އުރީދޫގެ ޑިޖިޓަލް ކެއާ އެސިސްޓެންޓް 'އެވީ' އަލުން ތައާރަފުކޮށް ދެއްވީ މިއަދު މެންހަޓަން ބިޒްނަސް ހޮޓެލްގައި ބޭއްވި ރަސްމިއްޔާތެއްގައި ޓެކްނޮލޮޖީ މިނިސްޓަރު އައިމިނަތު ޝައުނާ އާއި ކަލްޗާ މިނިސްޓަރު ޔުމްނާ މައުމޫން އެވެ. އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ޝައުނާ ވިދާޅުވީ، ދިވެހި ބަހުން ވާހަކަ ދައްކާ ވާޗުއަލް އެސިސްޓެންޓެއް ތައާރަފު ކުރުމަކީ ރާއްޖެ ޓެކްނޮލޮޖީގައި ކުރާ ދަތުރުގައި ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ.

ހާއްސަކޮށް ދިވެހި ބަހުން ވާހަކަ ދައްކާ މި ފަދަ ޓެކްނޮލޮޖީއެއް ތައާރަފް ވުމަކީ އިނގިރޭސި ބަހުން ވާހަކަ ދައްކަން ނޭނގޭ ފަރާތްތަކާ އެކު ގިނަ ބަޔަކަށް އެ ހިދުމަތް ބޭނުން ކުރުމުގެ ފުރުސަތު ލިބިގެންދާނެ ކަމެއް ކަމަށް ޝައުނާ ފާހަގަ ކުރެއްވިއެވެ.

އެވީ އަލުން ލޯންޗު ކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން

އުރީދޫން ބުނީ، "އެވީ" އަށް ގެނެސްފައިވާ ބަދަލަކީ މަތިން، ކަސްޓަމަރުންނަށް ފުރިހަމަ ހިދުމަތްތަކެއް ފޯރުކޮށްދީ، މިހާރަށް ވުރެ ހުރިހާ އުމުރުފުރައެއްގެ އެކިކަހަލަ ކަސްޓަމަރުންނަށް ވެސް ހިދުމަތްތައް ހޯދުމުގައި ޓެކްނޮލޮޖީގެ އެހީގައި ލުއިގޮތްތައް ފޯރުކޮށް ދިނުމަށް ކުރެވޭ މަސައްކަތުގެ ދަށުން ގެނެސްފައިވާ ބަދަލެއް ކަަމށެވެ.

މީގެ އިތުރުން، އުރީދޫ ބްރޭންޑުގެ އާ ވިޝުއަލް އައިޑެންޓިޓީ އާއި އެއްގޮތްވާ ގޮތުގެ މަތިން އުރީދޫ މޯލްޑިވްސް އިން ވަނީ އެ ކުންފުނީގެ މުޅިން އާ ދިވެހި ފޮންޓް ވެސް ރަސްމީކޮށް ތައާރަފްކޮށްފަ އެވެ. "އަޕްގްރޭޑް ޔޯ ވޯލްޑް" ގެ ދަށުން ދާދި ފަހުން އެ ކުންފުނީގެ ބްރޭންޑް އައިޑެންޓިޓީއަށް ގެނައި ސްޓްރެޓެޖިކް ބަދަލުތަކަކީ އުރީދޫގެ ޝަހުސިއްޔަތާއި ޒަމާނީ ޓެކްނޮލޮޖީއާ އެއްގޮތަށް އެ ކުންފުނިން ކުރަމުން އަންނަ ދަތުރާއި ވިޔަފާރިއަށް އަންނަ ކުރިއެރުން ރަމްޒުކޮށްދޭ ކަމެއް ކަމަށް އުރީދޫން ބުނެއެވެ. މި ބަދަލުން ދައްކުވައި ދެނީ ޓެކްނޮލޮޖީއާއެކު ހުޅުވިގެންދާ ފުރުސަތުތައް ތަނަވަސްކުރުމުގެ ވިސްނުން ކަމަށް އެ ކުންފުނިން ބުނެއެވެ.

އެ ފޮންޓު ތައާރަފު ކޮށްދެއްވީ އާޓްސް އެންޑް ކަލްޗާ މިނިސްޓަރު ޔުމްނާ މައުމޫން އެވެ. އެ ފޮންޓު ފަރުމާކޮށް ދިނީ ގިނަ އަދަދެއްގެ ތާނަ ފޮންޓު އަމިއްލައަށް ފަރުމާކޮށް، އެއްވެސް އަގަކާ ނުލައި އާންމުންނަށް ގެނެސްދޭ ހުސައިން ނިޔާޒެވެ. އުރީދޫގެ އާ ފޮންޓު އެ ކުންފުނީގެ ވެބްސައިޓުން މިހާރު ޑައުންލޯޑު ކުރެވެން ހުންނާނެއެވެ.

އެ ފޮންޓާ ގުޅޭ ގޮތުން އުރީދޫގެ ބްރޭންޑް މެނޭޖަރު މުހައްމަދު އަކްޝަމް ވިދާޅުވީ އެއީ ވަރަށް ދުރާލާ މަސައްކަތް ކޮށްގެން، ވަރަށް ބައިވަރު މީހުންގެ ހިޔާލާއި އެހީތެރިކަމާ އެކު އުފެއްދި ފޮންޓެއް ކަމަށެވެ.

އުރީދޫ މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު އަދި ޗީފް އެގްޒެކެޓިވް އޮފިސަރު ހާލިދު އަލް ހަމާދީ ވިދާޅުވީ، އޭއައި މެދުވެރިކޮށް ގުޅުވާލަދޭ ހިދުމަތްތަކާއި އެހެނިހެން ކުރިއަރަމުން އަންނަ ޓެކްނޮލޮޖީތަކުގެ ސަބަބުން ކަސްޓަމަރުންގެ ދިރިއުޅުން ބަދަލުކޮށް، މުޖުތަމައުތަކުގެ ދިރިއުޅުން މުއްސަނދިވާނެ ފަދަ ފުރުސަތުތައް ތަނަވަސްވެގެންދާނެ ކަމަށެވެ. އަދި އުރީދޫގެ ތަސައްވަރާއި މަގްސަދާއި އެއްގޮތްވާ ގޮތުގެ މަތިން، މިއަދު އެވީ އާ ދިވެހިން މުއާމަލާތްކޮށް ހިދްމަތްތައް ހުރިހާ ކަސްޓަމަރުންނަށް ހޯދުމުގެ ފުރުސަތު ހުޅުވައިދެވުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.

މީގެ އިތުރުން އުރީދޫ އޮޕަރޭޓްކުރާ ކޮންމެ މާކެޓެއްގައި އެގައުމެއްގެ ބަހާއި ސަގާފަތް ހިފެހެއްޓުމަކީ އުރީދޫއިން ވަރަށް ބޮޑަށް އިސްކަންދޭކަމެއް ކަމަށް ހާލިދު އަލް ހަމާދީ ވިދާޅުވިއެވެ. އެގޮތުން ރާއްޖޭގައި މިއަދު އުރީދޫގެ އަމިއްލަ ދިވެހި ފޮންޓެއް ރަސްމީކޮށް ތައާރަފް ކުރުމަކީ ވެސް ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށާއި އެ ރީތި އާ ފޮންޓުގެ ސަބަބުން ދިވެހި ބަހުން މުއާމަލާތްތަކަށް އިސްކަންދީ، ކަސްޓަމަރުންނާ އޮންނަ ގުޅުން އިތުރަށް ވަރުގަދަ ވެ އުރީދޫގެ މުއާމަލާތްތަކުން އުރީދޫ ބްރޭންޑް އައިޑެންޓިޓީގެ އަސްލު ދައްކުވައި ދޭނެ ކަމީ ޔަގީންކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.

އުރީދޫ މޯލްޑިވްސްގެ ޑިޖިޓަލް އެސިސްޓެންޓް، އެވީ މެދުވެރިކޮށް މޮބައިލް ކަސްޓަމަރުންނަށް ކަސްޓަމާ ކެއާ އެޖެންޓަކާ ވާހަކަ ދެއްކުމަށް ކޯލްގައި ވަގުތު ހޭދަ ނުކޮށް ޑޭޓާ، އެސްއެމްއެސް، ވޮއިސް އަދި ބިލް ބެލެންސް ފަސޭހަކަމާއެކު ބަލާލެވޭނެއެވެ. 929 އައިވީއާރު، ފޭސްބުކް މެސެންޖާ އަދި ވައިބާ ޕްލެޓްފޯމް މެދުވެރިކޮށް ފަސޭހަކަމާއެކު މި ހިދުމަތް ހޯދުމަށް މިހާރު ހުޅުވަލާފައިވާ އިރު، އެހެން ބޮޓްތަކެކޭ އެއްފަދައިން އެވީ ވެސް މިވަގުތު ހުރީ ދިވެހި ބަހުން ކަސްޓަމަރުންނާ މުއާމަލާތް ކުރުމުގެ އުނގެނުމުގެ މަރުހަލާގައެވެ. މެޝިން ލާނިން މެދުވެރިކޮށް އެވީ ހިދުމަތް އިތުރަށް ރަނގަޅުކޮށް ކުރިއަށް އޮތް ތަނުގައި ކަސްޓަމަރުންނަށް ލިބޭ ހިދުމަތްތައް ފުޅާވެގެންދާނެ ކަމަށް އުރީދޫން ބުނެއެވެ.