ދިވެހި ބަސް ކުރިއެރުވޭނީ ބަހުރުވަތައް ކުރިއަރުވައިގެން ކަމަށް ހެރިޓޭޖް މިނިސްޓަރު ޔުމްނާ މައުމޫން ވިދާޅުވެއްޖެއެވެ.

ޔުމްނާ މިހެން ވިދާޅުވެފައި މިވަނީ އައްޑޫ ބަހުން މިދިޔަ ހުކުރު ދުވަހު ހުތުބާކީ މައްސަލައެއްގައި މީދޫގެ ޚަތީބަކު ސަސްޕެންޑް ކުރި މައްސަލާގައި އާންމުންގެ ފާޑުކިޔުން އަމާޒުވެފައިވާ ދަނޑިވަޅެއްގައެވެ.

ޔުމްނާ ވިދާޅުވީ ‏ދިވެހި ބަހުގެ ތެރޭގައި ރާއްޖޭގެ އެކި ހިސާބުތަކުގައި ވާހަކަދައްކާ ބަހުރުވަތައް ވެސް ހިމެނޭ ކަމަށާއި ދިވެހި ބަސް ރައްކާތެރިކޮށް ކުރިއެރުވޭނީ ދިވެހި ބަހުގެ ބަހުރުވަތައް ވެސް ރައްކާތެރިކޮށް ކުރިއަރުވައިގެން ކަމަށެވެ. އަދި ބަހުރުވަތަކުން މުއާމަލާތް ކުރާނެ ފުރުސަތުތައް ތަނަވަސް ވެގެން ކަމަށްވެސް ޔުމްނާ ވިދާޅުވިއެވެ.

‏ބަހުރުވައަކީ އެ ބަހަކުން ވާހަކަ ދައްކާ ރަށެއްގެ ނުވަތަ އަތޮޅެއްގެ މީހުންގެ ދިރިއުޅުމާއި ސަގާފަތާއި ގުޅިލާމެހިފައި އޮންނަ އެއްޗެއް ކަމަށާއި އެއީ އެ ރަށެއްގެ ނުވަތަ އެ އަތޮޅެއްގެ މުހިންމު މާނަވީ ސަގާފީ ތަރިކައެއް ކަމަށް ޔުމްނާ ވަނީ ވިދާޅުވެފައެވެ.

އައްޑޫ މީދޫގައި މިދިޔަ ހުކުރު ދުވަހު ހުކުރު ކުރި ޚަތީބެއް ކަމަށްވާ މުހައްމަދު ރަޝީދު އައްޑޫ ބަހުރުވައިން ހުކުރު ހުތުބާ ކީ މައްސަލައިގައި ހުތުބާއަށް އުނި އިތުރު ގެނައިކަމުގެ ތުހުމަތުކޮށް އޭނާ ވަނީ ސަސްޕެންޑް ކޮށްފައެވެ.