ކޮންމެ އަހަރެއްގެ ސެޕްޓެމްބަރު 12 ވަނަ ދުވަހަކީ ދިވެހިރާއްޖޭގެ ގައުމީ ތަރިކަ ދުވަހުގެ ގޮތުގައި ފާހަގަކުރެއްވުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ކަނޑައަޅުއްވައިފިއެވެ.

ރައީސް ސޯލިހް މި ނިންމެވުން ނިންމެވީ ދިވެހިރާއްޖޭގެ ގައުމީ ތަރިކަ ދުވަހުގެ ގޮތުގައި ދުވަހެއް ފާހަގަކުރެއްވުމާ ގުޅޭގޮތުން މިއަދު ބޭއްވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައެވެ.

ހެރިޓޭޖު މިނިސްޓަރު ޔުމްނާ މައުމޫނު ވިދާޅުވީ މީގެކުރިން އާސާރީ ތަންތަނާއި ތަކެތި ރައްކާތެރިކޮށް ދަމަހައްޓަން ގައުމީ ފެންވަރެއްގައި އަދި ބައިނަލްއަގްވާމީ ފެންވަރެއްގައި ކުރަމުން އައި މަސައްކަތްތަކަށް ކުރިމަތިވި އެންމެ ބޮޑު ގޮންޖެހުމަކީ ހަރުދަނާ ގާނޫނީ އޮނިގަނޑެއް ނެތުން ކަމަށެވެ.

މި ސަރުކާރުން ސެޕްޓެމްބަރު 12، 2019ގައި ސަގާފީ ތަރިކަ ހިމާޔަތްކޮށް ރައްކާތެރިކުރުމަށް "ދިވެހިރާއްޖޭގެ ސަގާފީ ތަރިކައިގެ ގާނޫނު" ތަސްދީގުކުރެއްވުމުގެ ސަބަބުން ދިވެހިރާއްޖޭގެ ސަގާފީ ތަރިކައަށް ވަރަށް ބޮޑު ރައްކާތެރިކަމެއް ލިބިގެންގޮސްފައިވާކަން ފާހަގަ ކުރައްވާ ޔުމްނާ ވަނީ ފާހަގަ ކުރައްވާފައެވެ.

ގައުމީ ފެންވަރެއްގައި ތަރިކައިގެ ދުވަހެއް ފާހަގަކުރާނަމަ، ދިވެހިރާއްޖޭގެ ސަގާފީ ތަރިކައިގެ ގާނޫނު ވުޖޫދަށް އައި ތާރިހް އެ ދުވަހުގެ ގޮތުގައި ކަނޑައެޅުމަކީ އެންމެ އެކަށީގެންވާ ގޮތް ކަމުގައި ދެކޭ ކަމަށް ހެރިޓޭޖް މިނިސްޓްރީއިން ހުށަހެޅި ކަރުދާހުގައި ވަނީ ބަޔާންކޮށްފައެވެ.

ގައުމީ ފެންވަރެއްގައި ތަރިކައިގެ ދުވަހެއް ކަނޑައެޅުމަކީ ދިވެހި ކާބަފައިންގެ ފަރާތުން ވާރުތަވަމުން އައިސްފައިވާ ތަރިކަތައް އަމާނާތްތެރިކަމާ އެކު އަދުގެ ޖީލަށާއި ކުރިއަށް އޮތް ޖީލުތަކަށް ވާސިލުކޮށްދިނުމުގެ އިތުރުން އެ ކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް ކުރަންޖެހޭ ވަރަށް މުހިންމު މަސައްކަތެއްކަމަށް ވެސް ހެރިޓޭޖް މިނިސްޓްރީއިން ވަނީ ބުނެފައެވެ. އަދި ތަރިކައާމެދު ޝައުގުވެރިކަން އުފައްދާ އެ ވާހަކަތައް ދެއްކުމަށް ހާއްސަ ގައުމީ ތަރިކަ ދުވަހެއް ފާހަގަކުރުމަކީ މުހިންމު ކަމެއް ކަމުގައި ވެސް އެ މިނިސްޓްރީއިން ބުނެއެވެ.