އަސްކަރީ ހާއްސަ އޮޕަރޭޝަނެއްގެ ނަމުގައި ރަޝިއާއިން ވަރުގަދަ ހަނގުރާމައެއް ކުރަމުން އަންނަ ޔޫކްރައިންގެ ރައީސް ވްލޮޑޮމީރް ޒެލެންސްކީގެ "މަޝްހޫރު" ޖެކެޓް، ރެކޯޑް އަގަކަށް ނީލަން ކިޔައިފިއެވެ.

ޔޫކްރައިންގެ މަސްރަހުން ބައިނަލްއަގުވާމީ މީޑިއާއަށް ޒެލެންސްކީގެ މަންޒަރުތައް ސިފަވެގެން ދާއިރު އެންމެ އާންމުކޮށް އޭނާ ތުރުކުރައްވައިގެން ހުންނަވާތީ ފެންނަ ޖެކެޓް، އިނގިރޭސިވިލާތުގެ ލަންޑަންގައި ނީލަން ކިޔާފައި ވަނީ 110000 ޑޮލަރަށް ކަމަށް މައުލޫމާތު ލިބެއެވެ.

ރަޝިއާއިން ވަރުގަދަ ހަނގުރާމައެއް ކުރަމުންދާ ޔޫކްރައިންގެ ރައީސް ވްލޮޑޮމީރް ޒެލެންސްކީ (ކ)، ޔޫކްރައިންގެ ވެރިރަށް ކިއޭވްގައި، އިނގިރޭސި ބޮޑުވަޒީރު ބޮރިސް ޖޯންސަންއާއެކު / ފޮޓޯ: ސީއެންއެން

ލަންޑަންގެ ޓޭޓް މޮޑާންގައި ކުރިއަށް ގެންދިޔަ ޒެލެންސްކީގެ ޖެކެޓްގެ ނީލަމުގައި، ދާދި ފަހުން ޔޫކްރައިންއަށް ޒިޔާރަތް ކުރެއްވި އިނގިރޭސި ބޮޑުވަޒީރު ބޮރިސް ޖޯންސަންވެސް ބައިވެރިވެވަޑައިގެން، އަގު ހުށަހެޅުއްވި ކަމަށް ހަބަރު ލިބެއެވެ. އަދި ޖޯންސަންގެ ޔޫކްރައިން ދަތުރުގައި ޒެލެންސްކީ އެރުވި ހާ ޖެހި ޖަގެއްވެސް ނީލަމުގައި ވިއްކާލެއްވި ކަމަށް މައުލޫމާތު ލިބެއެވެ.

ޔޫކްރައިން ހަނގުރާމައިގެ ސަބަބުން ބައިނަލްއަގުވާމީ ލޯތައް ޒެލެންސްކީއަށް އަމާޒުވެފައި ވާ އިރު، ޖޯންސަން ވަނީ ޒެލެންސްކީގެ މަސައްކަތްޕުޅަށް ތައުރީފު ކުރައްވާފައެވެ. އަދި ޒެލެންސްކީއަކީ ޒަމާނީ ތާރީހު ދުށް އެންމެ އާދަޔާ ހިލާފު ލީޑަރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ބޭފުޅެއް ކަމަށްވެސް ޖޯންސަން ވަނީ ސިފަ ކުރައްވާފައެވެ.