އެތައް މިލިއަން މީހުންގެ އާބާދީއެއް އޮންނަ ފިލިޕީންސްގެ އާ ރައީސް ހޮވުމަށް ކުރިއަށް ގެންދާ ރިޔާސީ އިންތިހާބުގެ ވޯޓުލުން، އެ ގައުމުގައި މިއަދު ފަށައިފިއެވެ.

މިއަދު ކުރިއަށްދާ ރިޔާސީ އިންތިހާބުގައި ކުރި ހޯއްދަވާނެ ކަމަށް ގިނަ ބަޔަކު ބުރަވަނީ، އެ ގައުމުގެ ކުރީގެ ހުދުމުހުތާރު ލީޑަރުގެ ދަރިފުޅު، ފާޑިނާންޑް "ބޮންގްބޮންގް" މާކޯސް ޖޫނިއާއެވެ.

މިހާތަނަށް ކުރިއަށް ގެންދިޔަ ހިޔާލު ހޯދުމުގެ ސާވޭތަކުގެ ނަތީޖާއަށް ބުރަވެ، މި ފަހަރުގެ އިންތިހާބު އޭނާ ކާމިޔާބު ކޮށްފިނަމަ، ފިލިޕީންސްގެ ސިޔާސީ މައިދާނުގައި ނުފޫޒުގަދަ މާކޯސް ހާންދާންއަށް އަނެއްކާވެސް އެގައުމުގެ ވެރިކަން ލިބޭނެއެވެ.

ފާޑިނާންޑް "ބޮންގްބޮންގް" މާކޯސް ޖޫނިއާއާ އެންމެ ގާތުން ވާދަ ކުރައްވަނީ، 2016 ވަނަ އަހަރު ނައިބު ރައީސަކު ހޮވުމަށް އޮތް އިންތިހާބުގައި އޭނާ ބަލި ކުރި، ލެނީ ރެބްރެޑޯއެވެ.

ފިލިޕީންސްގެ ކުރީގެ ހުދުމުހުތާރު ލީޑަރު ފާޑިނާންޑް މާކޯސްގެ ދަރިފުޅު އަދި ރިޔާސީ ކެންޑިޑޭޓް ފާޑިނާންޑް "ބޮންގްބޮންގް" މާކޯސް ޖޫނިއާ / ފައިލް ފޮޓޯ: އައުޓްލުކް އިންޑިއާ

އާ ރައީސަކު ހޮވުމަށް ކުރިއަށް ގެންދާ ވޯޓުގެ އިތުރުން، ގާނޫނު ހަދާ މަޖިލީހުގެ ގޮނޑިތަކަށް މެންބަރުން އިންތިހާބު ކުރުންވެސް މިއަދު ކުރިއަށް ދާނެއެވެ.

އިންތިހާބުގައި ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ 67 މިލިއަން މީހުން ތިބިއިރު، ގިނައީ ޒުވާނުން ކަމަށް މައުލޫމާތު ލިބެއެވެ. އަދި ގިނަ އަދަދެއްގެ ބަޔަކު މިއަދު ވޯޓުލާން ނިކުންނާނެ ކަމަށްވެސް ލަފާ ކުރެވެއެވެ.

މިއަދުގެ އިންތިހާބު ކޮންމެ ކެންޑިޑޭޓަކު ކާމިޔާބު ކުރެއްވި ކަމުގައި ވީ ނަމަވެސް، ހަރުކަށި ކަމަށް މަޝްހޫރު ރޮޑްރިގޯ ދުތާރްރޭގެ ވެރިކަމުގެ ދައުރު ނިމުމަކަށް އަންނާނެއެވެ. އޭނާ މިހާރު ހުންނެވީ، މަޖުބޫރީ ގާނޫނެއްގެ ތެރެއިން ހޯއްދެވި 6 އަހަރު ދުވަހުގެ ވެރިކަމުގެ ދައުރެއްގައެވެ.

ޖިނާއީ ކުށުގެ އިތުރުން ޑްރަގްސްގެ މައްސަލަތަކުގައި ދުތާރްތޭގެ ސަރުކާރުން ގެންގުޅެނީ ރަހުމެއް ނެތް ސިޔާސަތެއް ކަމަށް ބުނެ، ގިނަ ބައެއްގެ ފާޑުކިއުންތައް އަމާޒުވި ނަމަވެސް، ގޯހެއް ހެދުނު ކަމަށް ކުރެވޭ ތުހުމަތުތަކަށް އެ ސަރުކާރުން އިންކާރު ކުރެއެވެ.

ދުތާރްތޭއަށް ފަހު ފިލިޕީންސްގެ އެންމެ އިސް މަގާމުން ދެން ފެނިވަޑައިގަންނަވާނެ ކަމަށް ގިނަ ބަޔަކު އިއްތިފާގުވާ ބޮންގްބޮންގް،64 އަކީ، 21 އަހަރު ވަންދެން ފިލިޕީންސްގައި ވެރިކަން ކުރެއްވި ފާޑިނާންޑް މާކޯސްގެ ދަރިފުޅެވެ. އޭނާއަކީ ފިލިޕީންސްގައި މާޝަލް ލޯ ތަންފީޒު ކުރައްވާ، ކޯޓުތަކާއި، ވިޔަފާރި އަދި މީޑިއާ ކޮންޓްރޯލްވެސް ނެންގެވި ހުދުމުހުތާރު ލީޑަރެކެވެ. އޭނާގެ ވެރިކަމުގެ ފިލިޕީންސްގެ އެތައް ބަޔަކު ހައްޔަރުކޮށް، ލާއިންސާނީ އަނިޔާ ދިން ކަމުގެ އަޑުތައް ވަނީ ފެތުރިފައެވެ. ފިލިޕީންސްގައި މިއަދު ކުރިއަށް ގެންދާ އިންތިހާބަށް ގިނަ ބައެއްގެ ފާޑުކިއުންތައް ވެސް ވަނީ އަމާޒު ވެފައެވެ. އެގޮތުން ސޯޝަލް މީޑިއާ މެދުވެރިކޮށް، ސައްހަ ނޫން މައުލޫމާތު ފޯރުކޮށްދިނުމުގެ ވަބާ ބޮޑުވެފައި ވާ ކަމަށް ފާޑުކިއާ ފަރާތްތަކުން ފާހަގަ ކުރެއެވެ.

ފިލިޕީންސްގެ ނުފޫޒުގަދަ ރައީސް ރޮޑްރީގޯ ދުތާރުތޭ (މ) ވެކްސިން ޖައްސަވަނީ / ފޮޓޯ: ޖަޕާން ޓައިމްސް

ފިލިޕީންސް ގަޑިން 19:00 ގެ ނިޔަލަށް ނުވަތަ ޖީއެމްޓީ ގަޑިން 11:00 ގެ ނިޔަލަށް ވޯޓުލުން ކުރިއަށް ގެންދިއުމަށް ކަނޑައަޅާފައި ވާ އިރު، ކިއުގައި އިތުރު މީހުން ތިބި ނަމަ ވަގުތު އިތުރު ކުރާނެ ކަމަށް މައުލޫމާތު ލިބެއެވެ. މި ފަހަރުގެ އިންތިހާބުގައި، ހައްގު ލިބިގެންވާ މީހުންގެ 80 ޕަސެންޓް މީހުން ވޯޓުލާނެ ކަމަށް ވަނީ އަންދާޒާ ކޮށްފައެވެ.

ވޯޓުލުން ނިމޭ ހިސާބުން، ވޯޓު ގުނުމުގެ މަސައްކަތް ފަށަން ނިންމާފައި ވާ އިރު، ކުރި ހޯއްދަވާ ކެންޑިޑޭޓެއް އެނގެން ނަގާނީ މަދު ގަޑިއިރުކޮޅެއް ކަމަށް ހަބަރު ލިބެއެވެ. ނަމަވެސް ރަސްމީކޮށް ވެރިއަކު އިއުލާން ކުރުމަށް ދުވަސްތަކެއް ނެގުން އެކަށީގެންވެއެވެ.