ރެކްޓާ މިންގަނޑުން 7.0ގެ ބާރު މިނުގައި ފިލިޕީންސްއަށް މިއަދު ބިންހެލިފައި ވާ ކަމަށް ޔޫއެސް ޖިއޮލޮޖިކަލް ސާވޭއާ ހަވާލާދީ ބައިނަލްއަގުވާމީ މީޑިއާއިން ރިޕޯޓް ކޮށްފިއެވެ.
ބިންހެލުން އައީ ރެކްޓާ މިންގަނޑުން 7.1 ގެ ބާރުމިނުގައި ކަމަށް އެންމެ ފުރަތަމަ ރިޕޯޓް ކުރި ނަމަވެސް، ފަހުން ވަނީ 7.0 އަށް ދަށް ކޮށްފައެވެ.
ފިލިޕީންސްގެ ރަށެއް ކަމަށް ވާ ލޫޒޯންއަށް އައި ބާރުގަދަ ބިންހެލުމުގައި ހޮސްޕިޓަލެއް ހަލާކުވެ، އުތުރުގެ ޕްރޮވިންސެއްގެ އިމާރާތްތައް ހަލާކުވެފައި ވާ އިރު، ވެރިރަށް މެނީލާއަށްވެސް ލޮޅުމުގެ އަސަރު ފޯރި ކަމަށް މައުލޫމާތު ލިބެއެވެ.
އަބްރާ ޕްރޮވިންސްގައި ހިންގަމުން ދިޔަ ހޮސްޕިޓަލުގެ ބައެއް ވެއްޓުމާ ގުޅިގެން، އިމާރާތުން މީހުން ހުސްކޮށްފައި ވާ ކަމަށާ، މި ހާދިސާގައި އެއްވެސް މީހެއްގެ ފުރާނައަށް ގެއްލުން ވި ކަމަށް ރިޕޯޓް ކޮށްފައި ނުވާ ކަމަށް އޮފިޝަލުން ވަނީ ވިދާޅުވެފައެވެ.
އަބްރާ ޕްރޮވިންސްގެ ލަގަންގިލާންގް އަވަށުގެ މޭޔަރު ރޮވެލީން ވޮލަމޯރް ވިދާޅުވީ އަދިވެސް ލޮޅުންތައް އަރަމުން ދާ ކަމަށާ، ގެތަކަށް ގެއްލުންވެގެންވެސް ރިޕޯޓްތައް ލިބެމުން ދާ ކަމަށެވެ. ނަމަވެސް މީހެއްގެ ފުރާނައަށް ނުރައްކާ ވި ކަމަށް ރިޕޯޓް ކޮށްފައި ނުވާ ކަމަށް އޭނާ ވިދާޅުވިއެވެ. ނުރައްކާ އޮތުމުގެ ސަބަބުން ކަރަންޓުގެ ހިދުމަތް އޮޓޯއިން މެދުކަނޑަލާފައި ވާ ކަމަށްވެސް މޭޔަރު ވަނީ ވިދާޅުވެފައެވެ.
ޔޫއެސް ޖިއޮލޮޖިކަލް ސާވޭއިން މައުލޫމާތު ދޭ ގޮތުގައި ޑޮލޯރެސް އަވަށުގެ 11 ކިލޯމީޓަރު އިރު-އިރުދެކުން ބިންހެލުން އައިސްފައި ވަނީ، ބިމުގެ ސަތަހައިގެ އެންމެ 10 ކިލޯމީޓަރު އަޑިންނެވެ.
މައުލޫމާތު ލިބޭ ގޮތުގައި 30 އަކަށް ސިކުންތު ވަންދެން ބިންހެލުން ދެމިގެންދިޔައެވެ.
ބިންހެލުމުގެ ހާދިސާތަކާ ބެހޭ ފިލިޕީންސްގެ ރަސްމީ އިދާރާގެ ޑައިރެކްޓަރެއް ކަމަށް ވާ ރިނާޓޯ ސޮލިޑަމް ވިދާޅުވީ، ސަމާލުކަން ދެމުން ދަނީ އަބްރާއާއި އަބްރާ ވަށައިގެންވާ ޕްރޮވިންސްތަކަށް ކަމަށެވެ. މިއީ ވަރުގަދަ ބިންހެލުމެއް ކަމަށާ، އަދިވެސް އިތުރު ލޮޅުންތައް އަރާނެ ކަމަށް ގަބޫލު ކުރައްވާ ކަމަށްވެސް ސޮލިޑަމް ވަނީ ވިދާޅުވެފައެވެ.
ގުދުރަތީ ގޮތުން ފިލިޕީންސް އުފެދިފައި އޮންނަނީ ބިންހެލުންތަކާއި ގުދުރަތީ ހާދިސާތަކާއި ކާރިސާތައް ގިނަ، ޕެސިފިކް ރިންގް އޮފް ފަޔާއޭ ކިއުނު ސަރަހައްދުގައެވެ. މިއީ ބިންހެލުންތަކާއި އަލިފާން ފަރުބަދަތައް ގޮވުމުގެ ހާދިސާތައް އާންމު ސަރަހައްދެކެވެ.