ފިލިޕީންސަށް އެރި ތޫފާން ރާއީގެ ސަބަބުން އެތައް ބަޔަކު ހާލުގައި ޖެހިފައި ވާއިރު ތޫފާނުން ސަލާމަތްވި ގިނަ އަދަދެއްގެ މީހުން ފެނާއި ކާބޯތަކެއްޗަށް ވެސް ޖެހިފައި ވާކަމަށް އެގައުމުގެ އޮފިޝަލުން ހާމަކޮށްފިއެވެ.

ފާއިތުވި ހަފްތާގައި އެގައުމަށް އެރި މި ތޫފާނުން ސަލާމަތްވި މީހުންގެ ތެރެއިން މިހާތަނަށް ދެ މީހަކު މަރުވެގެން ވެސް ރިޕޯޓުކޮށްފައި ވެއެވެ.

ތޫފާނުގެ ސަބަބުން ގިނަ ބައެއްގެ ގެދޮރަށް، ދިރިނޫޅެވޭ ވަރަށް ގެއްލުންވެފައި ވާއިރު ބައެއް ހިސާބުތަކުން ކަރަންޓް ކެނޑިގެން ދިއުމާއެކު ބައެއް ފޯނު ލައިންތައް ވެސް ކެނޑިފައިވާ ކަމަށް އެގައުމުން ބުނެއެވެ. އެގޮތުން ޖުމްލަ 1.8 މިލިއަން މީހުންނަށް ތޫފާނުގެ ސަބަބުން ވަނީ ގެއްލުން ލިބިފައެވެ.

ތޫފާނުގެ ސަބަބުން މަރުވި މީހުންގެ އަދަދު 375 އަށް އަރާފައި ވާއިރު 56 މީހުން ވަނީ ގެއްލިގެން ރިޕޯޓުކޮށްފައިވާ ކަމަށް އެގައުމުން ބުނެއެވެ. ތޫފާނާ ގުޅިގެން މި ތޫފާނުގެ އަސަރު އެންމެ ބޮޑަށް ކޮށްފައިވާ ޓައުން، ޓުބަޖޯން ގެ މޭޔަރު ވިދާޅުވީ އެތައް ބަޔަކު ހާލުގައި ޖެހިފައިވާ ކަމަށާ، ކާނާ ލިބުމުގައި ބޮޑެތި ދަތިތަކެއް އެބަހުރި ކަމަށެވެ. އޭނާ ވިދާޅުވީ އެ ޓައުންއިން ކާނާ ހުސްވުމުގެ ބިރުވެސް މިހާރު ކުރިމަތިވެފައިވާ ކަމަށެވެ.

ފިލިޕީންސަށް މި އެރި ތޫފާން ރާއީ އަކީ މިއަހަރު އެރި އެންމެ ބާރުގަދަ ތޫފާނެވެ.