ފިލިޕީންސްގެ އާ ރައީސަކު ހޮވުމަށް އެ ގައުމުގައި އިއްޔެ ކުރިއަށް ގެންދިޔަ ވޯޓުގައި، ކުރީގެ ހުދުމުހުތާރު ވެރިޔާ ފާޑިނާންޑް މާކޯސްގެ ދަރިކަލުން، ފާޑިނާންޑް "ބޮންގްބޮންގް" މާކޯސް ޖޫނިއާ، ބޮޑު ކާމިޔާބެއް ހޯއްދަވަމުން ގެންދަވާ ކަމަށް، ނުރަސްކީ ރެކޯޑްތަކުން ދައްކައިފިއެވެ.

ބޮންގްބޮންގް މާކޯސްއާ އެންމެ ގާތުން ވާދަ ކުރައްވާ ލެނީ ރޮބްރެޑޯއާ އަޅާ ބަލާއިރު، ބޮންގްބޮންގްގެ މަގުބޫލުކަން އިންތިހާއަށް ބޮޑު ކަމަށް، ފިލިޕީންސްގެ އިންތިހާބުތަކާ ބެހޭ ކޮމިޝަނުން އާންމު ކުރި މައުލޫމާތަށް ރިއާޔަތްކޮށް އެ ގައުމުގެ މީޑިއާއިން އާންމު ކުރި ރިޕޯޓްތަކާ ހަވާލާދީ، ބައިނަލްއަގުވާމީ މީޑިއާއިން ހަބަރު ދެއެވެ.

ފިލިޕީންސްގައި އިއްޔެ ވޯޓުލުން ކުރިއަށް ގެންދިޔަ 70000 މަރުކަޒުގެ ނަތީޖާއަށް ބަލާއިރު، 2 ބައިކުޅަ 1 ބަޔަށް ވުރެ ގިނަ މަރުކަޒުގައި ކުރި ހޯއްދެވީވެސް ބޮންގްބޮންގް ކަމަށް މައުލޫމާތު ލިބެއެވެ.

ހަރުކަށި އަމުރުތަކެއް ތަންފީޒު ކުރައްވައިގެން މުޅި ދުނިޔޭގެ ސަމާލުކަން ހޯއްދެވި ފިލިޕީންސްގެ ރައީސް ރޮޑްރިގޯ ދުތާރުތޭއަށް ފަހު އެ ގައުމުގެ ވެރިކަމާ ހަވާލުވެވަޑައިގަންނަވާނެ ފަރާތެއް ކަނޑައެޅުމަށް ކުރިއަށް ދިޔަ ރޭހުގައި 10 ކެންޑިޑޭޓެއް ފާހަގަ ކުރެވުނެވެ. ނަމަވެސް އެންމެ ވަރުގަދަ ވާދަވެރިންގެ ގޮތުގައި ތިއްބެވީ ބޮންގްބޮންގް މާކޯސްއާއި ރޮބްރެޑޯއެވެ.

ވަރުގަދަ އިނގިލާބަކަށް ފަހު، ބޮންގްބޮންގް މާކޯސްގެ ބައްޕަ، ފިލިޕީންސްގެ ވެރިކަމުން ދުރުކުރެވުނުތާ މިހާރު ގާތްގަނޑަކަށް 35 އަހަރުވެއްޖެއެވެ. ނަމަވެސް ނުރަސްމީ ރެކޯޑްތަކަށް ބަލާއިރު، ފިލިޕީންސްގެ ރައްޔިތުން މިވަނީ، ހުދުމުހުތާރު އާއިލާއަށް ފިލިޕީންސްގެ ހުންގާނު ދޫކޮށްލަން ނިންމާފައެވެ. އެގޮތުން އުމުރުން 64 އަހަރުގެ ބޮންގްބޮންގް މާކޯސްއަށް 21.7 މިލިއަން ވޯޓު ލިބިވަޑައިގެންފައި ވާ ކަމަށް ނުރަސްމީ ރެކޯޑްތަކުން ދައްކާ އިރު، އެންމެ ގާތުން ވާދަ ކުރައްވާ ރޮބްރެޑޯއަށް ލިބިވަޑައިގެންފައި ވަނީ 10.3 މިލިއަން ވޯޓު ކަމަށް މައުލޫމާތު ލިބެއެވެ.

އޭނާގެ ސިޔާސީ ކެރިއަރުގައި ބޮންގްބޮންގް މާކޯސް ވަނީ ގަވަރުނަރުކަމާއި، ގާނޫނު ހަދާ މަޖިލީހުގެ މަތިގެއާއި ތިރިގޭގެ މެންބަރުކަން ކުރައްވާފައެވެ. މީގެ އިތުރުން އޭނާގެ ބައްޕަގެ ވެރިކަމަކީ އެންމެ އެދެވޭ ވެރިކަމެއް ކަމަށް ބަޔާން ކޮށްދިނުމުގެ ގޮތުން ސޯޝަލް މީޑިއާގައިވެސް ބޮންގްބޮންގް ވަނީ ވަރުގަދަ ކެމްޕޭނެއް ހިންގަވާފައެވެ.

ކަން މިހެން އޮތް ނަމަވެސް، މާކޯސްގެ އާއިލާއިން މުއްސަނދިކަން ހޯދާފައިވަނީ ސަރުކާރުގެ ފައިސާއަށް ހިޔާނާތްތެރިވެގެން ކަމަށް ބުނެ، އަޑުތަކެއް ވަނީ ފެތުރިފައެވެ. ބްލޫމްބާގުގެ ރެކޯޑްތަކަށް ބަލާއިރު މާކޯސް އާއިލާގެ އެސެޓްތަކުގެ އަގު ހުރީ 5 ބިލިއަން ޑޮލަރާއި 10 ބިލިއަން ޑޮލަރާ ދެމެދު މިންވަރެއްގައެވެ.