ފިލިޕީންސްގެ ބައެއް ސަރަހައްދުތަކަށް އެރި ތޫފާނު "ރާއި" ގެ ސަބަބުން ހާލުގައި ޖެހުނު ދިވެހި ދަރިވަރުންނަށް މާލީގޮތުން އެހީތެރިކަން ފޯރުކޮށްދިނުމަށް ސަރުކާރުން ނިންމައިފިއެވެ.

ތޫފާން ރާއިގެ ސަބަބުން ފިލިޕީންސްގެ ސޭބޫގައި ތައުލީމު ހާސިލްކުރަމުންދާ ދިވެހި ދަރިވަރުންތަކެއް ދިރިއުޅެމުންދިޔަ ޑޯމިޓަރީއަށް ބޮޑެތި ގެއްލުންތައްވެ، ފެނާއި ކަރަންޓު ކެނޑި، މުއާސަލާތީ އަދި އެހެނިހެން އަސާސީ ހިދުމަތްތަކަށް ބުރޫއެރުމުގެ ސަބަބުން ދަރިވަރުން ވަނީ ހާލުގައި ޖެހިފައެވެ.

އެހެންކަމުން، އަސާސީ ހިދުމަތްތައް ލިބެންހުރި ތަނަކަށް އެ ދަރިވަރުން ވަގުތީގޮތުން ބަދަލުކުރުމަށްޓަކައި އެހީތެރިކަން ފޯރުކޮށްދެއްވުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ނިންމަވާފައިވާ ކަމަށާއި، އެކަން ކުރައްވަން ނިންމަވާފައިވަނީ އެންސްޕާއާއި ޒަކާތު ފަންޑު މެދުވެރިކޮށް ސަރުކާރުން ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.

އެ މިނިސްޓްރީން ބުނީ، އެގޮތުން ދަރިވަރުން ދިރިއުޅެމުން ދިޔަ ސަރަހައްދުގެ އަސާސީ ހިދުމަތްތައް ދިނުމަށް ފިލިޕީންސްގެ ސަރުކާރުން މަސައްކަތްކުރަމުންދާ ކަމަށާއި، އެކަމަށް މަހެއްވަރު ނަގާނެ ކަމަށް އެ ގައުމުގެ އެމްބަސީން ބުނެފައިވާތީވެ، ސަރުކާރުން އެއް މަސްދުވަހުގެ އެހީ ދިނުމަށް ނިންމާފައިވާ ކަމަށެވެ.

މިގޮތަށް ސަރުކާރުން ނިންމުމާ އެކު، ކަމާބެހޭ ފަރާތްތަކާ ގުޅިގެން ދަރިވަރުންނަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތްތައް ކުރަމުންދާ ކަމަށްވެސް އެ މިނިސްޓްރީން ބުންޏެވެ.

ތޫފާނު ރާއި ފިލިޕީންސަށް އަރާފައި ވަނީ ގަޑިއަކު 195 ކިލޯމީޓަރުގެ ބާރުމިނުގައެވެ. އަދި 30 އަށް ވުރެ ގިނަ މީހުން މި ތޫފާނުގެ ސަބަބުން މަރުވެފައިވާއިރު، ތިން ލައްކައަށްވުރެ ގިނަ މީހުން ހާލުގައި ޖެހިފައިވެއެވެ.