އިންޑިއާގެ ސިފައިން ބޭރުކުރުމަކީ ގައުމަށްޓަކައި ކުރެވޭ ވަފާތެރި މަސައްކަތެއް ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވިއެވެ.
ޔާމީން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ރާއްޖޭގައި ތިބި އިންޑިއާގެ ސިފައިން ބޭރުކުރަން ޖެހޭ ކަމަށެވެ. އަދި އެކަމަށްޓަކައި ކުރެވޭ މަސައްކަތަކީ ގައުމަށްޓަކައި ކުރެވޭ ވަފާތެރި މަސައްކަތެއް ކަމަށް ޔާމީން ވިދާޅުވިއެވެ.
މީގެ އިތުރުން ލޯބިވާ ގައުމަށްޓަކައި ކުރެވޭ މަސައްކަތްތައް އާކުރަން ޖެހޭ ކަމަށް ވެސް ޔާމީން ވިދާޅުވިއެވެ.
އިދިކޮޅު ލީޑަރު ރައީސް ޔާމީން ޖަލުން މިނިވަންވެވަޑައިގަތުމަށް ފަހު އެމަނިކުފާނުގެ އިސްނެންގެވުމަށް "އިންޑިއާ އައުޓް" ކެމްޕެއިންގެ ހަރަކާތްތައް ވަނީ ވަރަށް ބޮޑަށް ވަރުގަދަކޮށްފައެވެ. އެއާއެކު އަތޮޅު ތެރޭގައިވެސް އެ ހަރަކާތް ވަނީ ފުޅާ ކޮށްފައެވެ. އަދި އިންޑިއާއިން ރާއްޖޭގެ ދާހިލީ ކަންކަމުގެ ތެރެއަށް އަތް ބާނާ ކަމަށް އެތައް ޕޯޑިއަމްއެއްގައި ޔާމީން ދަނީ ވިދާޅުވަމުންނެވެ. މީގެ އިތުރުން އިންޑިއާ ސިފައިން ހަތިޔާރާއެކު ރާއްޖޭގައި ތިބި ކަމަށް އިދިކޮޅުން ކުރާ ތުހުމަތުވެސް ގިނައެވެ. ނަމަވެސް ސަރުކާރުން ބުނެފައި ވަނީ އިންޑިއާގެ އަސްކަރީ ސިފައިން ރާއްޖޭގައި ހަތިޔާރާއެކު ރާއްޖެގައި ހަރަކާތްތެރި ނުވާ ކަމަށެވެ.
ސަރުކާރުން އިންޑިއާ އައުޓް ހަރަކާތް ހުއްޓުވުމަށް ގިނަ ގުނަ މަސައްކަތް ކުރައްވަމުން ގެންދާއިރު އިންޑިއާ އައުޓް ހަރަކާތަކީ ގައުމީ ސަލާމަތަށް އޮތް ނުރައްކަލެއް ކަމަށް ކަނޑައަޅުއްވާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ރިޔާސީ ގަރާރެއްވެސް ނެރުއްވާފައެވެ.