ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލުމަށް ގޮވާލާ އިދިކޮޅު ކޯލިޝަނުން ކުރިއަށްގެންދާ "އިންޑިއާ އައުޓް" ހަރަކާތުގެ ތެރެއިން ބެނާ ދެމި ދެ ގެއެއްގެ ވެރިން ފުލުހަށް ހާޒިރުވާން އަންގައިފިއެވެ.
އިދިކޮޅު ކޯލިޝަންގެ ބުނީ "އިންޑިއާ އައުޓް" ލިޔެފައިވާ ބެނާ ދެމި މައްސަލާގައި ޕީޕީއެމް އޮފީސް ހުންނަ އިމާރާތުގެ ވެރިފަރާތާއި ގ. ހޭޅި ގޭގެ ވެރިފަރާތް ފުލުހަށް ހާޒިރުވާން އަންގާފައިވާ ކަމަށެވެ.
ޕީޕީއެމް އޮފީސް ހިންގާ ހ. ހުރަފާ ގޭގެ ވެރިފަރާތަށް ފުލުހަށް ހާޒިރުވާން އަންގާފައިވަނީ މެންދުރު ފަހު 2:30 އަށެވެ. ގ. ހޭޅި ގޭގެ ވެރިފަރާތް ހާޒިރުވާން އަންގާފައިވަނީ މިއަދު ހަވީރު 5 ޖަހާއިރަށް ކަމަށް ޕީޕީއެމްއިން ވަނީ ބުނެފައެވެ.
"އިންޑިއާ އައުޓް" ބެނާ ރައީސް އަބްދުﷲ ޔާމީންގެ ގެކޮޅުގެ އިތުރުން ޕީޕީއެމް އޮފީހާއި މާލޭގެ ބައެއް ގޭގޭގައިވެސް ވަނީ ދަމާފައެވެ. އެހެންނަމަވެސް ފުލުހުން ވަނީ ކޯޓު އަމުރުގެ ދަށުން އެ ގެތަކަށް ވަދެ ބެނާތައް ނަގާފައެވެ. އަދި ރައީސް އިބްރާހީމް މުހައްމަދު ސޯލިހުވަނީ "އިންޑިއާ އައުޓް" ހަރަކާތަކީ ގައުމީ ސަލާމަތަށް ނުރައްކާވާ ހަރަކާތެއް ކަމަށް ކަނޑައަޅުއްވައި އެ ހަރަކާތް ހުއްޓުވުމަށް ތަންފީޒީ އިދާރާތަކަށް އަންގަވައި ރިޔާސީ ގަރާރެއް ނެރުއްވާފައެވެ.އެ ގަރާރަށްފަހުވެސް "އިންޑިއާ އައުޓް" ގެ އަކުރުތައް ބަދަލުކޮށް އިދިކޮޅުން ވަނީ ބެނާ ދަމާފައެވެ. އެ ބެނާތައްވެސް ފުލުހުން ވަނީ ނަގާފައެވެ.
އިދިކޮޅު ލީޑަރު ރައީސް ޔާމީން ޖަލުން މިނިވަންވެވަޑައިގަތުމަށްފަހު އެމަނިކުފާނުގެ އިސްނެންގެވުމަށް "އިންޑިއާ އައުޓް" ކެމްޕޭނުގެ ހަރަކާތްތައް ވަނީ ވަރަށް ބޮޑަށް ވަރުގަދަކޮށްފައެވެ. އެއާއެކު އަތޮޅު ތެރޭގައިވެސް އެ ހަރަކާތް އަންނަނީ ކުރިއަށްގެންދަމުންނެވެ.
މިސަރުކާރުގެ ފްރީޑަމް އޮފް ސްޕީޗް ތަމީ؟ މީ ޑިމޮކްރެސީ؟