މުޅި ދުނިޔެ އިނދަޖައްސާލި ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) ގެ ބަލިމަޑުކަމުގައި މަރުވި ކަމަށް ރަސްމީ ރެކޯޑްތަކުން ދައްކާ އަދަދަށްވުރެ، ކޮވިޑް މަރުގެ ހަގީގީ އަދަދު، 3 ގުނަ އިތުރު ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ބުނެފިއެވެ.

ބުރާސްފަތި ދުވަހު ޑަބްލިއުއެޗްއޯއިން އާންމު ކުރި އަންދާޒާތަކަށް ބަލާއިރު، 2020 ވަނަ އަހަރާއި 2021 ވަނަ އަހަރު، ކޮވިޑްގައި އިތުރު 13.3 މިލިއަނާއި 16.6 މިލިއަންނާ ދެމެދު އަދަދެއްގެ ބައެއްގެ ފުރާނަ ވަނީ ގެއްލިފައެވެ.

އިތުރަށް ރެކޯޑް ކުރި މަރުގެ ކޭސްތަކުގެ ތެރެއިން 84 ޕަސެންޓް ކޭހަކީ، ދެކުނު އިރުމަތީ އޭޝިއާ، ވިލާތު އަދި އެމެރިކާ ސަރަހައްދުން ރެކޯޑް ކުރި ކޭސްތަކެއް ކަމަށްވެސް ޑަބްލިއުއެޗްއޯއިން ބުނެއެވެ.

ކޮވިޑް މަރުގެ އިތުރު ކޭސް ތަފްސީލު ކޮށްދެމުން ޑަބްލިއުއެޗްއޯއިން ބުނެފައިވަނީ، އޭގެ ތެރޭގައި ކޮވިޑްގެ ބަލިމަޑުކަމާ ވިދިގެން ހިނގި ހާދިސާތަކުގައި މަރުވި މީހުންގެ އަދަދުތައްވެސް އޭގައި ހިމަނާފައި ވާނެ ކަމަށެވެ. މިއަށް އެކްސެސް މޮޓާލިޓީއޭވެސް ކިޔައެވެ. އެކްސެސް މޮޓާލިޓީއަކީ އާންމު ހާލަތުގައި މީހުން މަރުވާ ނިސްބަތާއި ކާރިސާއެއްގެ ސަބަބުން މަރުވާ މީހުންގެ އަދަދާ ދެމެދު އޮންނަ ފަރަގެވެ.

ކޮވިޑްގެ އެކްސެސް މޮޓާލިޓީގައި، ސީދާ ބަލިޖެހިގެން މަރުވި މީހުންގެ އިތުރުން، ސިއްހީ ހިދުމަތްތަކާއި ދަތުރުފަތުރުގެ ހިދުމަތަށް ބުރޫ އެރުމުގެ ސަބަބުން ހިނގި މަރުގެ ހާދިސާތައް ފަދަ، ނުސީދާ ކޭސްތައްވެސް ހިމަނާފައިވެއެވެ.

ކޮވިޑްގެ ބަލިމަޑުކަމުގައި އިންޑިއާއިން މަރުވި މީހުންގެ 4.7 މިލިއަނަށް ވުރެ މައްޗަށް އަރާ ކަމަށް ޑަބްލިއުއެޗްއޯއިން ފާހަގަ ކޮށްފައި ވާ އިރު، އެއީ ރަސްމީ ރެކޯޑްތަކުން ދައްކާ އަދަދަށް ވުރެ 10 ގުނަ އިތުރު އަދަދެކެވެ. ކަންމިހެން އޮތް އިރު، އިންޑިއާ ސަރުކާރުން ވަނީ ޑަބްލިއުއެޗްއޯގެ ހޯދުންތަކަށް އިންކާރު ކޮށްފައެވެ. އަދި ތަފާސް ހިސާބުތައް އެކުލަވާލުމުގައި ޑަބްލިއުއެޗްއޯއިން ގެންގުޅުނު ނިޒާމުގައި މައްސަލަ އުޅޭ ކަމަށް އިންޑިއާއިން ވަނީ ތުހުމަތު ކޮށްފައެވެ. ރަސްމީ ރެކޯޑްތަކަށް ބަލާއިރު ކޮވިޑްގައި އިންޑިއާއިން މަރުވި މީހުންގެ އަދަދު ބައި މިލިއަނަށްވުރެ މައްޗަށް އަރައެވެ.

ތަފާސް ހިސާބުތަކަށް ރިއާޔަތް ކުރައްވަމުން ޑަބްލިއުއެޗްއޯގެ ޑައިރެކްޓާ ޖެނެރަލް ޑރ ޓެޑްރޯޒް އެޑަނޮމް ގެބްރިޔޭސޫސް ވިދާޅުވީ، މި ކަމަކީ، ކާރިސީ ހާލަތުގައިވެސް އެކަށީގެންވާ ގޮތެއްގައި ސިއްހީ ހިދުމަތް ފޯރުކޮށްދެވޭނެ ފަދަ ނިޒާމެއް ގާއިމު ކުރުމަށް ގައުމުތަކުން އިންވެސްޓް ކުރުމަށް ބަރު އަޅުވަނިވި ކަމެއް ކަމަށެވެ.