ގާތްގަނޑަކަށް މަހެއް ވެފައި ވަނިކޮށް، އިތުރު މީހަކު ކޮވިޑް-19 ޖެހިގެން މަރުވެއްޖެއެވެ.

އެޗްޕީއޭއިން ބުނީ، މަރުވެފައި ވަނީ، ހުޅުމާލެ އޮރެންޖް ފެސިލިޓީގައި ކޮވިޑަށް ފަރުވާ ހޯދަމުން ދިޔަ، އުމުރުން 56 އަހަރުގެ ދިވެހި އަންހެނެއް ކަމަށެވެ.

އެންމެ ފަހުން ކޮވިޑު ޖެހިގެން ރާއްޖޭން މަރުވެފައިވަނީ އައްޑޫގައި ކޮވިޑަށް ފަރުވާ ހޯދަމުން ދިޔަ، އުމުރުން 71 އަހަރުގެ ދިވެހި ފިރިހެނެކެވެ. އޭނާ މަރުވެފައި ވަނީ މިދިޔަ މަހުގެ 26 ގައެވެ.

ކޮވިޑު ޖެހޭ މީހުން މަދުވެފައި އޮތުމަށް ފަހު، މިފަހުން ވަނީ އިތުރުވާން ފަށައިފައެވެ. މީގެ ކުރިން ދުވާލަކަށް 15 އާއި 20 ދެމެދުގެ އަދަދެއްގެ މީހުންނަށް ކޮވިޑު ޖެހިގެން ރިޕޯޓުކުރާއިރު، އެ އަދަދު ވަނީ 40 އަށް އިތުރުވެފައެވެ.

އެޗްޕީއޭއިން އެންމެ ފަހުން އާންމުކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، މިމަހުގެ 5 އިން 11 އަށް 142 މީހަކަށް ކޮވިޑު ޖެހިފައިވެއެވެ. އެއީ އޭގެ ކުރީ ހަފްތާއަށް ވުރެ 69 ޕަސެންޓު އިތުރު އަދަދެކެވެ. އެ އޭޖެންސީން މީގެ ކުރިން ބުނި ގޮތުގައި، ސާމްޕަލް ޕޮޒިޓިވިޓީ އާއި ހޮސްޕިޓަލުގައި އެނދުމަތި ކޮށްގެން ފަރުވާދޭ މީހުންގެ އަދަދުވެސް އިތުރުވަމުން އެބަ ދެއެވެ.

އެހެންކަމުން، ކޮވިޑްގެ ސަބަބުން ހާލަތު އަލުން ގޯސްވިޔަ ނުދިނުމަށްޓަކައި އެޗްޕީއޭއިން ވަނީ އެ އޭޖެންސީން އާންމުކޮށްފައިވާ ގައިޑްލައިންތަކާ އެއްގޮތަށް އަމަލު ކުރުމަށް އިލްތިމާސް ކޮށްފައެވެ.