ކޮވިޑް ބަލީގައި ފަރުވާ ހޯދަމުން ދިޔަ އުމުރުން 21 އަހަރުގެ ޒުވާނަކު މިއަދު މަރުވެއްޖެއެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ، މިއަދު ކޮވިޑްގައި 21 އަހަރުގެ ޒުވާނާ މަރުވީ، ހުޅުމާލެ މެޑިކަލް ފެސިލީޓީގައި ފަރުވާ ދެމުން ދަނިކޮށް މެންދުރު ފަހު 3:40 ހާއިރު ކަމަށެވެ. މި މަރާއެކު ކޮވިޑުގައި މަރުވި މީހުންގެ ޖުމްލަ އަދަދު ވަނީ 283 އަށް އަރާފައެވެ.

ކޮވިޑްގައި މަރުވި ޒުވާނާއަކީ މާލެއަށް އުފަން މުހައްމަދު އަނާލް އެވެ. އޭނާގެ ކަށުނަމާދު މިރޭ މަޣްރިބް ނަމާދަށް ފަހު ހުޅުމާލެ ސަހަަރާގައި ބާއްވަން ވަނީ ނިންމާފައެވެ.

އަނާލްގެ އިތުރުން ވެސް މިއަދު ވަނީ ކޮވިޑްގައި ފަރުވާ ހޯދަމުން ދިޔަ 75 އަހަރުގެ އަންހެނަކުވެސް މަރުވެފައެވެ. އޭނާ އަކީ ވެސް ހުޅުމާލެ މެޑިކަލް ފެސިލީޓިގައި ފަރުވާ ދެމުން ދަނިކޮށް މިއަދު މެންދުރު ފަހު 1:42 ގައި މަރުވި މީހެކެވެ.

ރާއްޖެއިން ކޮވިޑް ކޭސްއެއް އެންމެ ފުރަތަމަ ފެނިފައި ވަނީ މާޗް 7، 2020 ގައެވެ. މިހާތަނަށް ކޮވިޑް ބަލި ރާއްޖެއިން ފެނުނުތާ 701 ދުވަސްވެފައި ވާއިރު މިހާތަނަށް މި ބަލީގައި މަރުވި މީހުންގެ ޖުމްލަ އަދަދު ވަނީ 283 އަށް އަރާފައެވެ. 2020 ވަނަ އަހަރުގެ ނިޔަލަށް 49 މީހަކު މަރުވެފައިވާ އިރު، 2021 ވަނަ އަހަރު ނިމުނު އިރު 213 މީހަކު ވަނީ މި ބަލީގައި މަރުވެފައެވެ. މި އަހަރު ފެށިގެން ޖެނުއަރީ މަހު ޖުމްލަ 14 މީހަކު މި ބަލީގައި މަރުވެފައި ވާއިރު މި ހިންގާ ފެބްރުއަރީ މަހު ވަނީ 7 މީހަކު މަރުވެފައެވެ.