އަނެއްކާ ވެސް ރާއްޖޭގައި ކޮވިޑް ކޭސްތައް އިތުރުވަމުން އަންނާތީ ސަމާލުވުމަށް ގޮވާލާފައި ވަނިކޮށް އެބަލީގައި މިދިޔަ ހަފްތާގައި ދެމީހަކު މަރުވެފައިވާ ކަަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.
އެޗްޕީއޭ އިން އާންމުކުރި ތަފާސްހިސާބުން ދައްކާ ގޮތުގައި، މި މަހުގެ 16 އިން 22 އާ ދެމެދު 199 ފަރާތަަކަށް ކޮވިޑް ޖެހިގެން ރިޕޯޓް ކޮށްފައިވާ އިރު 2 މީހަކު ވަނީ މި ބަލީގައި މަރުވެފައެވެ. ކޮވިޑް ކޭސްތަކަށް ބަލާއިރު، އެންމެ ގިނަ ކޭސް ފެނިފައި ވަނީ މާލެ ސަރަހައްދުންނެވެ.
އެގޮތުން މާލެއިން 137 މީހަކާއި، ރަށްރަށުން 17 މީހަކާއި އަދި އެހެނިހެން ތަންތަނުން 45 މިހަކަށް ކޮވިޑް ޖެހިފައިވާ ކަމަށް އެޗްޕީއޭއިން ބުނެއެވެ. އަދި މި ބަލީގައި 2 މީހަކު މަރުވެފައިވާ އިރު، މިހާރު ރާއްޖެއިން މި ބަލީގައި ޖުމްލަ 313 މީހަކު ވަނީ މަރުވެފައި ކަމަށް އެޗްޕީއޭއިން ބުނެއެވެ.
މިދިޔަ މާޗްމަހުގެ މެދެއްހާ ހިސާބުން ކޮވިޑް ކޭސްތައް އިތުރުވަމުން އަންނަ އިރު މިދިޔަ ހަފްތާއަކީ އެންމެ ގިނަ މީހުން ކޮވިޑް ޖެހިގެން ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާ ދީފައިވާ ހަފްތާއެވެ. އެ ގޮތުން މިދިޔަ ހަފްތާގައި 35 މީހަކަށް ވަނީ އެޑްމިޓްކޮށްގެން ފަރުވާ ދީފައެވެ. މިއީ މިދިޔަ އަހަރުގެ ޖުލައި މަހުން ފެށިގެން ބަލާ ނަމަ އެންމެ ގިނަ އަދަދަކަށް މި ބަލީގައި މީހުން އެޑްމިޓް ކުރި ހަފްތާވެސް މެއެވެ.
2020 ވަނަ އަހަރުން ފެށީގެން ރާއްޖޭގައި ކޮވިޑް ކޭސްތައް ފެންނަން ފަށާއި ހަލުވި ކަމާއެކު ބަލި ފެތުރެމުން ދިއުމުން ލޮކްޑައުންކޮށް ބަލިން ރައްކާތެރިވުމަށް ގިނަ ފިޔަވަޅުތަކެއް އަޅައިގެން ކޮވިޑް ކޭސްތައް ވަނީ ކޮންޓްރޯލް ކޮށްފައެވެ. އެގޮތުން އެންމެ ބޮޑަށް ކޭސްތައް ކޮންޓްރޯލް ކުރެވިފައި ވަނީ ކޮވިޑުން ދިފާއު ވުމަށް ގިނަ ބަޔަކު ވެކްސިން ޖެހުމުންނެވެ. ނަމަވެސް މިއަހަރު ފެށިގެން މާޗް މަހުގެ މެދަކާ ހިސާބަށް ދިޔައިރު ކޭސްތައް އަނެއްކާ ވެސް އިތުރުވަމުންދާ ތަން މި ވަނީ ފެންނަން ފަށާފައެވެ.
މީގެ ކުރިންވެސް މި ބަލިން ރައްކާތެރިވުމަށް އަޅަމުން އައި ފިޔަވަޅުތަކަށް އާންމުން ސަމާލުވާން ޖެހެއެވެ. ބަލީގެ އަލާމަތްތައް ފެންނަ ނަމަ ޑޮކްޓަރަށް ދައްކައި ޓެސްޓް ކުރުމަކީ މުހިއްމު ކަމެކެވެ. ހަމައެއާއެކު ބަލީގެ އަލާމާތް ފެންނަ ނަމަ މާސްކް އަޅައިގެން އުޅުމާއި ގައިދުރުކަން އިސްކުރުމާއި، ގިނަ ގިނައިން ސައިބޯނި ލައިގެން އަތް ދޮވުމަށް އިސްކަން ދިނުމަކީ ބަލިން ދިފާއު ވުމަށް ކުރެވޭނެ ކަންކަމެވެ.