މާލޭގައި މިހާރު ހިނގަމުންދާ ސިލްސިލާ މާރާމާރީތަކާ ގުޅިގެން ކުރީގެ ރައީސް އަބްދުﷲ ޔާމީން ކަންބޮޑުވުން ފާޅުކުރައްވައި ސުވާލު އުފައްދަވައިފިއެވެ.

މާލޭގައި މިދުވަސްކޮޅު ބޮޑެތި މާރާމާރީތައް ހިންގާއިރު ގިނަ ބަޔަކު ވަނީ މި މާރާމާރީތަކުގައި ޒަހަމް ވެސް ވެފައެވެ.

އެކަމާ ގުޅިގެން ރައީސް ޔާމީން ވިދާޅުވީ، ފިނަ ދުވަސްތަކަކަށް ފަހު އަނެއްކާވެސް ވަޅި ޖެހުމުގެ އަނިޔާވެރި އަމަލުތަކާއި ނުރައްކާތެރި ކުށްތައް އެތުރުވާތަން ފެނިވަޑައިގަންނަވާ ކަމަށެވެ.

އެއާއެކު ޔާމީން އައްސަވަނީ، އެކަންކަން އާންމުވީ އެކަންކަން ހުއްޓުވަން މަސައްކަތް ނުކުރާތީ ތޯއާއި އެކަންކަން ފުލުހުންނަށް ވަރިހަމަވެ ހިތްވްރު ދޭތީތޯއެވެ.

ރައީސް ޔާމީން އުފެއްދެވި މި ސުވާލަށް ފުލުހުން ޖަވާބު ދީފައެއް ނުވެއެވެ. ނަމަވެސް ފާހަގަ ކޮށްަން ޖެހޭ ކަމަކީ، މި ދުވަސް ކޮޅު މާލެ ސަރަހައްދުގައި މާރާމާރީތައް އިތުރުވެ، އެ މަރާމާރީތަކުގައި ޒުވާނުން ބައިވެރިވެފައި ވާ ކަމެވެ. އަދި މާރާމާރީ ހުއްޓުވުމަށާއި މާރާމާރީ ހިންގާ، ފިލައިގެން އުޅޭ މީހުން ހޯދަން ފުލުހުން އިއުލާން ކޮށްފައި ވާކަންވެސް ފާހަގަ ކޮށްލެވެއެވެ. އަދި މިރޭ މަލޭގެ ބައެއް ސަރަހައްދުތަކުގެ ކަންކަން މަތީގައި ފުލުހުން ހަރަކާތްތެރިވަމުންވެސް އެބަދެއެވެ.

މިދުވަސްކޮޅު މާރާމާރީތައް އިތުރުވެފައި ވާއިރު ފިތުރު އީދު ދުވަހު ހެނދުނު މަޖިދީމަގާއި ޖަނަވަރީމަގު ގުޅޭ ސަރަހައްދުގައި ވެސް ވަނީ މާރާމާރީއެއް ހިނގާފައެވެ. އެ މާރާމާރީގެ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އާންމުކޮށްފައި ވާއިރު، އެ މާރާމާރީގައި ޒަހަމްވި ދެ މީހުންގެ ތެރެއިން އެކަކު ޒަހަމްވެފައިވާ މަންޒަރު އެ ވީޑިއޯއިން ފެނެއެވެ. އެ ސަރަހައްދުގައި ތިބި ބައެއް އާންމުންނާއި ފުލުހުން ވަނީ ޒަހަމްވި މީހާ ޕިކަޕަކަށް ލައިގެން ހޮސްޕިޓަލަށް ގެންގޮސްފައެވެ.

އެ މާރާމާރީގެ އިތުރުން، ފިތުރު އީދު ދުވަހުގެރޭ ފަތިހުވެސް މާރާމާރީއެއް ހިންގައި ދެ މީހަކު ޒަހަމްކޮށްލާފައި ވެއެވެ. އަދި ހުޅުމާލޭގައި ރޭ އިތުރު ދެ މާރާމާރީއެއް ހިންގާފައި ވެއެވެ. އެ ދެ މާރާމާރީ އާ ގުޅިގެން ފަސް މީހަކު ވަނީ ހައްޔަރު ކޮށްފައެވެ.