މީޑިއާއަށްވެސް ދުރު އަދި ސޯޝަލްމީޑީއާއާ ވަކިން ދުރު ކުރީގެ ރައީސް އަބްދުﷲ ޔާމީން ޓްވިޓާ އެކައުންޓެއް ހައްދަވާ ބޭނުން ކުރައްވަން ފައްޓަވައިފިއެވެ.

މިރޭ 7 ޖެހި ފަހުން އެމަނިކުފާނު ޓްވިޓާ އެކައުންޓް ފައްޓަވާފައި ވަނީ بِسْمِ اللهِ الرَّحْمٰنِ الرَّحِيْمِ އެވެ. އަދި އޭގެ ފަހުން 19:19 ގައި ގައުމީ ދިދަ ހިއްސާ ކުރައްވާ ވިދާޅުވީ، ދިވެއްސަކަށް ވެވަޑައިގެންނެވީތީ ފަހުރުވެރިވެވަޑައިގަންނަވާ ކަމަށެވެ.

ރައީސް ޔާމީނަކީ ސޯޝަލްމިޑިއާ އެއްގޮތަކަށްވެސް ބޭނުން ކުރައްވާ ބޭފުޅެއް ނޫނެވެ. އަދި ގިނަ މީޑިއާތަކާ ގުޅުން ބާއްވަވާ ބޭފުޅެއްވެސް ނޫނެވެ.

މަނީލޯންޑަރިންގެ ކުށް ސާބިތުގެ ޖަލުގައި ހުންނަވައި، 5 އަހަރުގެ ހުކުމް ސްޕްރީމް ކޯޓާ ހަމައިން ބާތިލު ކުރުމުން އާންމުކޮށް ބޭއްވެވި ފުރަތަމަ ބޮޑު ޖަލްސާގައިވެސް ޔާމީން ވަނީ ދިވެހި މީޑިއާތަކަށް ފާޑު ވިދާޅުވެ، 2 މީޑިއާއެއް ފިޔަވާ ދެން ހުރި ހުރިހާ މީޑިއާތަކެއް ހުރީ އިންޑިއާގެ ޕޭރޯލްގައި ނުވަތަ "އޮން ސޭލް" ގައި ކަމަށް ވިދާޅުވެފައެވެ.

ޔާމީން ޓްވިޓާ އެކައުންޓް ހައްދަވައިގެން ބޭނުން ކުރައްވަން ފެއްޓެވި އިރު މިހާ ތަނަށް ހާހެއްހާަ ފޮލޯވަރުން އެބަތިއްބެއެވެ. އަދި ގިނަބަޔަކު ދަނީ ފޮލޯ ކުރަމުންނެވެ.

ރާއްޖޭގެ ރައީސްކަން ކުރެއްވި ބޭފުޅުންގެ ތެރެއިން މިހާތަނަށް ޓުވިޓާ ބޭނުން ނުކުރައްވާ ހަމައެކަނި ރައީސް އަކީ ރައީސް ޔާމީނެވެ.