އުމުރުން އެންމެ ފަސް އަހަރުގެ، ހދ. ކުޅުދުއްފުށީ، ޝަބުނަމީގެ އަޒްޔަން އަބްދުލް ހަމީދަ (ޔާން) އަކީ ލޮލުގެ ތެރެއިން ފެށިގެން ގޮސް ބޮލުގެތެރެއަށް އުފެދުނު ޓިއުމަރެއްގެ ސަބަބުން ސިއްހީ ހާލަތު ގޯސްވެ އެކަމަށް ބޭސްފަރުވާ ކުރަމުން އަންނަ ކުއްޖެކެއެވެ. ޓީވީއެމުން ގެނެސްދޭ އިހްސާސް ޕްރޮގްރާމްގައި ވަނީ އެ ތުއްތު ދަރިފުޅުގެ ބަލި ހާލަތު އޭނާގެ މަންމަ އައިޝަތު ސުޒާނާ ވަރަށް އަސަރާއެކު ކިޔައިދީފައެވެ.
އުފަން ވީ އިރު އެއީ ދުޅަހެޔޮ ސިއްހަތެއްގައި އޮތް ކުއްޖެއް ކަމަށް އެ އާއިލާއަށް ގަބޫލު ކުރި ނަމަވެސް އެއިރު އެ ދަރިފުޅު ދެ ލޮލުން ދެ ދިމާއަކަށް ބަލާ ކަން އާއިލާގެ މީހަކަށް ފާހަގަ ކުރެވިގެން ދެއްކި ވާހަކަ އެއްވެސް ވަރަކަށް ގަބޫލު ކުރަން ބޭނުން ނުވި ކަމަށް ސުޒާނާ ބުންޏެވެ. ނަމަވެސް އެ ދަރިފުޅު ބޮޑުވަމުން އައިރު އެ ދަރިފުޅުގެ އުޅުމާއި މިޒާޖުގައި ހުރި ބައެއް ކަންކަން ފާހަގަވި ކަމަށާއި ތަންތަނުގައި އަޅައިގަނެގެން ވެއްޓޭ ކަމަށާއި އަބަދު ރޮއެ ހަދާތީ އެ ދަރިފުޅުއަކީ އޯޓިސްޓިކް ކުއްޖެއް ކަމަށް ހީކުރި ކަމަށް ސުޒާނާ ބުނެއެވެ.
އޭގެ ފަހުން، ޔާން ވަރަށް ބޮޑަށް ބަލިވެގެން ޑޮކްޓަރަށް ދެއްކި ކަމަށާއި އެ ފަހަރު އޭނާއަށް ޑެންގޫ ޖެހުނު ކަމަށް ސުޒާނާ ބުނެއެވެ. އޭރު ބޯ ހިއްލައިލައިގެން ކޮޅަށް ތެދުވެވޭނެ ވަރެއް ވެސް ޔާންގެ ގައިގައި ނެތް ކަމަށާއި އެކަމާ އެތައް ފަހަރަކު ޑޮކްޓަރަށް ދެއްކުމުން ވެސް ދިނީ އެއް ޖަވާބެއް ކަމަށާއި އެއީ ޑެންގޫ ހުން ޖެހުމުން ވެދާނެ ގޮތެއް ކަމަށް ޑޮކްޓަރުން ބުނި ކަމަށް ސުޒާނާ ބުނެއެވެ.
ނަމަވެސް ދަރިފުޅުގެ ފަރާތުން ފެންނަމުން ދިޔަ އަލާމާތްތަކުގެ ވާހަކަތައް ދައްކަމުން ސުޒާނާ ބުނީ، އެ ދަރިފުޅު ގައިގައި ވަރެއް ނުހުންނަ ކަމަށާއި ވާހަކަ ދައްކާ ވެސް ނުހަދާ ކަަމަށެވެ. އަބަދު ރޮވެނީ ކަމަށާއި ވާ ގޮތެއް ވެސް އެ ދަރިފުޅުއަށް ބުނެދޭން ނޭނގޭ ކަމަށް ސުޒާނާ ބުނެއެވެ. އެހެންކަމުން އެ ވާ ގޮތެއް ބަލައިދޭން ޑޮކްޓަރު ގާތުގައި އެދުމުން އެންމެފަހުން އެމްއާރްއައި އެއް ހެއްދީ ކަމަށާއި އޭގެ ނަތިޖާ ދެއްކި ގޮތުން އެ ދަރިފުޅުގެ ބޮލުގައި 10 ސެންޓިމީޓަރުގެ ޓިއުމަރެއް ހުރި ކަމަށް ޑޮކްޓަރުން ބުނެއެވެ. ދެން ވަގުތުން އެ ދުވަހު އެ ހޮސްޕިޓަލުގައި އެޑްމިޓް ކުރުމަށް ފަހު އަނެއް ދުވަހު އެމަޖެންސީކޮށް މާލެއަށް ފޮނުވާލީ ކަމަށް ސުޒާނާ ބުނެއެވެ.
އެ އާއިލާ މާލެ އައިސް ފުރަތަމަ އައިޖީއެމްއެޗަށް ދެއްކި ނަމަވެސް ފަރުވާ ނުދެވުމުން އޭޑީކޭއަށް ދެއްކި ކަމަށް ސުޒާނާ ބުންޏެއެވެ. އޭޑީކޭއިން ޑރ. ނިޔާފް، އެ ދަރިފުޅު ބެލި ކަމަށާއި އަދި ބޮލުގެ ނާރަކަށް އެއްޗެއް ލައްވަށް ކުޑަ އޮޕަރޭޝަނެއް ކުރި ކަމަށް ސުޒާނާ ބުންޏެވެ. އެ އޮޕަރޭޝަން ކުރި ތަނުގެ ރޮދި ކޮށި އިރު ޔާންގެ ހެޔަށް ގޮތްވި ކަމަށާއި އަދި އެ ހިސާބުން ޑޮކްޓަރުން ލަފާ ދިނީ އިތުރު ފަރުވާ އަށް ރާއްޖެއިން ބޭރަށް ދިއުމަށް ކަމަށް ސުޒާނާ ބުނެއެވެ.
ދެން އޭނާ ޔާން ގޮވައިގެން ރާއްޖެއިން ބޭރަށް ފުރީ ކުރިމަތިލާން ޖެހެނީ ކިހާވަރެއްގެ ކަމެއް ކަން ނޭނގި ހުރެއެވެ. އެކޮޅުން ޓެސްޓުތައް ހެދުމަށް ފަހު 10 ގަޑިއިރުގެ އޮޕަރޭޝަނެއް ކުރި ކަމަށާއި، ޓިއުމަރުން ނެގި އެތިކޮޅު ތަހުލީލް ހެދުމަށް ފަހު ކެންސަރު ޖެހިފައިވާ ކަމށް އެ ޑޮކްޓަރުން ބުނި ކަމަށް ސުޒާނާ ބުންޏެވެ. ދެން ފެށީ ކީމޯ ތެރަޕީ ދޭން ކަމަށާއި އަދި ދެވަނަ ސާޖަރީއެއް ކޮށްގެން ވެސް އެ ޓިއުމަރު އެއްކޮށް ނުނެގޭ ކަމަށް ސުޒާނާ ބުންޏެވެ.
ދެވަނަ ސާޖަރީއަށް ފަހު އައިސީޔޫގައި އެ ދަރިފުޅު އޮއްވާ ޑޮކްޓަރުން ބުނެގެން އެތަނަށް ސުޒާނާ ވަން ދުވަހެއް އޭނާ ހިއްސާ ކުރަމުން ބުނީ، އެ ދުވަހު ދަރިފުޅުގެ ނޭފަތާއި ކަންފަތާއި އަނގައިން ބައިވަރު ލޭ އައިސްފައި އޮއްވާ ފެނުނު ކަމަށާއި އެ މަންޒަރު ބަލަން އޭނާގެ ހިތަށް ކެތްނުވެ ހޯސްލައިފައި ރޮވުނީ ކަމަށެވެ.
ޔާންގެ ފަރުވާއަށް ކުރެވެން އޮތް ހުރިހާ ކަމެއް ކުރުމުގެ އަޒުމްގައި ހުރި ސުޒާނާ އަށް އެ ދަރިފުޅުގެ ތިން ވަނަ އޮޕަރޭޝަނެއް ކުރަން ޖެހޭނެ ކަމަށް ޑޮކްޓަރުން ބުނުމުން ސުޒާނާ ކުރި ސުވާލުތަކަށް ޑޮކްޓަރުން ބުނީ، އެ ޓިއުމަރުގެ 25 ޕަސެންޓް އަދި ނުނަގާ ހުރި ކަމަށާއި އެ ނުނެގެނީ އެ ޓިއުމަރު އުފެދިފައި ވަނީ ދަރިފުޅުގެ ލޮލު ތެރެއިން ކަމަށް ވާތީ ކަމަށެވެ. އަދި އެ ޓިޔުމަރު ޖެހޭނީ ކަހަން ކަމަށާއި، އެ ދަރިފުޅު ދެ ލޮލުން ދެ ދިމާއަކަށް އެ ބަލަނީ ވެސް ލޮލު ތެރެއިން ޓިއުމަރު އުފެދިފައި ވާތީ ކަމަށް ޑޮކްޓަރުން ބުނި ކަމަށް ސުޒާނާ ކިޔައިދެއެވެ.
ތިން ވަނަ އޮޕަރޭޝަން ނުކޮށް އެ އާއިލާއަށް އިންޑިއާގައި މަޑުނުކޮށް މާލެއަށް އަންނަން ޖެހުނީ ކޮވިޑްގެ ހާލަތާ ހެދިއެވެ. އެއަށް ފަހު ކީމޯ ތެރަޕީ ދެމުން ދިޔައީ ހުޅުމާލެ ހޮސްޕިޓަލުން ކަމަށާއި ހުޅުމާލޭގައި ކުއްޔަށް އުޅެން ޖެހުން ވެސް ވީ އެ އާއިލާއަށް ދިމާވި ގޮން ޖެހުމަކަށް ކަމަށް ސުޒާނާ ބުނެއެވެ. މާލީ ގޮތުން ދަތިތަކަކާ ކުރިމަތި ލާންޖެހި، އަތްމަތި ހުސްވެގެން ދިޔަ ކަމަށާއި ނަމަވެސް އެތައް ބައެއްގެ ފަރާތުން ލިބުނު އެހީއާއެކު އެ އާއިލާއަށް އެތަނުގައި ތިބެވޭ ގޮތް ހަމަޖެހިގެން ދިޔަ ކަމަށް ސުޒާނާ ބުންޏެވެ.
ދެން އަނެއްކާ ވެސް އިންޑިއާއަށް ޔާން ގޮވައިގެން ފުރީ މާލީ ގޮތުން އެހީ ހޯދައިގެން ކަމަށާއި އިންޑިއާއިން ކުރި ތިންވަނަ އޮޕަރޭޝަނަށް ފަހު އެ ދަރިފުޅު ސުޒާނާ އަށް ފެނުނު އިރު އޮތީ ސިފަ ނޭނގޭ ވަރަށް ދުޅަވެފައި ކަމަށް ބުންޏެވެ. އަދި އެ ދަރިފުޅުގެ އެއް ލޯ ދުޅަވެ ތަތްލާފައި އޮތް އިރު އަނެއް ލޯ ހުޅުވައިގެން އޮތް ކަމަށް ސުޒާނާ ބުންޏެވެ. ނަމަވެސް ޓެބްލެޓް ނަގައިގެން ކުލެން އޮވެފައި އޭގެ ޗާޖް ދިޔައީހޭ ދަރިފުޅު އަހާލި ކަމަށާއި، އެހިސާބުން އެ ލޮލަށް ނުފެންނަ ކަން ސުޒާނާ އަށް އެނގުނު ކަމަށް ބުންޏެވެ.
ދުޅަވެފައިވާ ލޮލުގެ ދުޅަކަން ތިރިވެ އެ ލޯ ހުޅުވުނު އިރު، ޔާންގެ އެ ލޮލަށް ފެނެއެވެ. އެހެންކަމުން ޑޮކްޓަރުން ބުނީ، އަނެއް ލޮލަށް ނުފެންނަނީ ޓިއުމަރު ހުރީ އެ ލޮލުގައި ކަމަށް ވާތީ ކަމަށެވެ. ދެން ޑޮކްޓަރުންގެ ލަފާގެ މަތިން ލޮލުގެ ހާއްސަ ޑޮކްޓަރަކަށް ދެއްކަން އަމިއްލަ ހަރަދުގައި މަދޫރާއީ އަށް ދިޔަ ކަމަށް އޭނާ ބުންޏެވެ. ޔާންގެ ލޯ ބެލުމަށް ފަހު ޑޮކްޓަރުން ބުނީ އެ ލޮލަށް ދެން ނުފެންނާނެ ކަމަށެވެ. އައިނެއް އެޅިޔަސް ނުފެންނާނެ ކަމަށާއި އެ ލޮލުގެ ނާރުތައް ވަނީ ބުރިވެފައި ކަމަށް އެ ޑޮކްޓަރުން ބުންޏެވެ.
މިދިޔަ މަހުގެ 23 ވަނަ ދުވަހު ޔާންގެ ހާލު ސީރިއަސްވެ އައިސީޔޫގައި އެޑްމިޓްކޮށްގެން ވަނީ ފަރުވާ ދީފައެވެ. އަދި ހާލު އިތުރަށް ގޯސްވާތީ އެ އާއިލާ ވަނީ އިންޑިއާއަށް ފުރާފައެވެ. އެ އާއިލާއަށް ބޭނުންވަނީ ހެޔޮ ދުއާއެވެ. ޔާންއަށް އަވަސް ޝިފާއެއް މިނަވަރު ކުރައްވާތޯ އެދި ދުއާ ކުރަމުންދާ އެ ދެމަފިރިންގެ ހިތްވަރާއި ކެތްތެރިކަމުން ފެނިގެން ދިޔައީ ދަރިއެއް ދެކެ މަންމައަކާއި ބައްޕައަކު ލޯބިވާނެ އެންމެ ފުން މިނެވެ.
'ދަ ޕްރެސް' ގެ ދުއާއަކީ މާތްﷲ ޔާންއަށް އަވަސް ޝިފާއެއް މިންވަރު ކުރައްވައި އެ އާއިލާއަށް ކެތްތެރިކަން ދެއްވުމެވެ.
ތިހާ ޙަރަދު ކުރި އިރުވެސް ދީލަތި އެހީ އަކަށް ނޭދުނު ފުރަތަމަ އާއިލާތީ އަޅުގަނޑަށް ފެނުނު