އެކަނި ފަޅުގެއަށް ވަންނަން ދިޔައިރު، އާޔާ ހުރީ ވަރަށް ބިރުންނެވެ. ރޭގަނޑުވެ އަނދިރިވުމުން އޭނާގެ ހިތަށް ވަނީ ނުތަނަވަސް ކަން ވެރިވެފައެވެ. ގަހަކުން ފަތެއް ހެލިލިޔަސް އާޔާ ހުރީ ސިހިސިހިއެވެ. ދުލަށް އައިހާ ހެޔޮ އެއްޗެއް ކިޔަމުން ގޮސް އެ ފަޅުގޭގެ ފާރުމަތިން ފުންމާލި އާޔާގެ ފައި ފުރޮޅާލައިގެން ބިންމައްޗަށް އޭނާ ވެއްޓިއްޖެއެވެ. އަތުގައި އަދި ލައިގެން ހުރި ޓްރެކްސޫޓުގައި ހުރި ވެލިތައް ފޮޅާލަމުން އާޔާ ތެދުވެ އެ ފަޅުގޭގެ ފެންޑާއާ ދިމާއަށް ބަލާލީ، ފޮތް ނަގައިގެން އެނބުރި ގެއަށް ދާން ބޭނުންވެފައި ހުރިލެއް ބޮޑު ކަމުންނެވެ.

ގޯތިތެރެއިން އުނދޯލި ހުރި ދިމާއަށް އާޔާ ފިޔަވަޅު އަވަސްކޮށްލި ނަމަވެސް އެތަނުން މީހެއްގެ ހިލަން ވީހެން ހީވުމުން އާޔާ މަޑުޖެހިލިއެވެ. ޖޯލީގައި އިށީނދެގެން މީހަކު އިން ތަން ފެނުމުން އާޔާ ކުރިއަށް ފިޔަވަޅު އަޅާލީ މަޑުމަޑުންނެވެ. އެއީ ކާކު ކަން އެނގުމުން އާޔާގެ ހިތަށް ހަމަޖެހުމެއް ލިބުނެވެ.

"މާހިލް..."

ހައިރާންވެފައި ހުރެ އާޔާ ކުރިއަށް ހިނގައިގަންނަމުން އެކުވެރިޔާގެ ނަމުން ގޮވާލިއެވެ. އެ އަޑަށް އާޔާއަށް ދިމާއަށް މާހިލް ބަލާލަމުން އަނބުރާ ފަޅުގެއަށް އެ އައީ ކީއްވެތޯ ސުވާލު ކޮށްލިއެވެ. އާޔާ ހިނިގަނޑެއް ޖަހާލަމުން މާހިލް އިށީނދެެ އިން އުނދޯއްޔާ ހަމައަށް އައިސް އެތާ މަތީ އޮތް އޭނާގެ ބަޔޮލޮޖީ ފޮތް ނަގަމުން އޭނާ އައީ އެ ފޮތް ބަލާ ކަމަށް ބުންޏެވެ. ޑެއާ ވެސް ފުރިހަމަ ވެއްޖެ ކަމަށް ބުނަމުން އާޔާ އެދުނީ މާހިލް ގާތު އޭނާއާއެކު ގެއަށް ދިއުމަށެވެ. ނަމަވެސް މާހިލް ހުރީ އެތަނުން ދާ ހިޔާލެއްގައެއް ނޫނެވެ.

ބަހެއް ނުބުނެ މާހިލް ކުރިއަށް އުނދޯލި ހެއްލާލިއެވެ. ކުރިއަށް އުނދޯލި ޖެހިލި ވަގުތު މާހީލް އާޔާގެ އަތުގައި ފިރުމާލިއެވެ. އެނބުރި އުނދޯލި ފަހަތަށް ދިޔަ ވަގުތު އާޔާ މާހިލް އާ ހަތަރު ކަޅި ހަމަކޮށްލީ މާހިލްގެ އެ ބީހިލުމުން ހައިރާން ކަމެއް ލިބުނީމައެވެ. އަނެއްކާ ވެސް އުނދޯލި ކުރިއަށް އައިސްފިއެވެ. އެކަމަކު މި ފަހަރު މާހިލް އުނދޯލިން ފޭބީއެވެ. އަދި ކުރިއަށް އެނާ ފިޔަވަޅެއް އަޅާލިއެވެ. އާޔާއާ ގާތަށް މާހިލް އަޅާ ކޮންމެ ފިޔަވަޅަކާ އެކު އާޔާގެ ހިތުގެ ވިންދު އަވަސް ވިއެވެ. މާކުރިން ވެސް އާޔާގެ ހިތުގައި މާހިލްއަށް ހާއްސަކުރެވިފައިވާ ޖަޒްބާތުތަކެއް އޮތެވެ. މިރޭ އޭނާގެ އިހްސާސްތައް ކޮންޓްރޯލް ކުރެވިދާނެކަމާ މެދު ޝައްކު އުފެދުނެވެ. މިރޭ މާހިލްގެ ހަރަކާތްތައް ހުރި ގޮތުން މާހިލް ވެސް އާޔާމެދު ދެކެނީ ހާއްސަ ގޮތަކަށް ކަން އާޔާއަށް އެނގުން ވެގެން ދިޔައީ އޭނާގެ ހިތް އުފަލުން ބަންޑުން ވި ކަމަކަށެވެ.

މާހިލް ކުރިއަށް ޖެހިލަމުން އާޔާގެ އަތުގައި ހިފާލުމުން ދުރަށް ޖެހޭކަށް އާޔާ ގަދައެއް ނުހަދައެވެ. ހިތުގެ ވިންދު އަވަސްވަމުން ދިއުމާއެކު މާހިލައާ އެހާ ގާތުގައި ހުންނަން ޖެހުމުން އޭނާގެ ހަށިގަނޑަށް ތަފާތު އިހްސާސްތަކެއް ކުރަން ފެށިއެވެ. ލަދުގަނެ މީހާ ފިނި ވެ ދެފައިކޮޅުން ބާރު ދޫވާން އުޅޭ ފަދަ އިހްސާސެކެވެ. އެހެންކަމުން ނޭވާ ހިފަހައްޓައިގެން ހުރެ އާޔާ މަޑުމަޑުން އިސްޖަހާލީ އޭނާގެ ރަތްވަމުން ދިޔަ މޫނު މާހިލް އަށް ފޮރުވަމުންނެވެ.

އާޔާގެ ދަތްދޮޅީގައި މާހިލް ހިފަހައްޓާލަމުން އެ މޫނު މާހިލްގެ މޫނާ ދިމާވާނެ ގޮތަށް އުފުލާލަން މާހިލް މަސައްކަތް ކުރުމުން ވެސް އާޔާ ގަދަ ހަދާކަށް މަސައްކަތެއް ނުކުރިއެވެ. އެ ވަގުތު އާޔާ ދެލޯ ހުޅުވާލީ މާހިލްއާ ހަތަރު ކަޅި ހަމަކުރުމުގެ ނިޔަތުގައި އެ ލޯ ބުނަމުންދާ އެއްޗެއް ދެނެގަތުމުގެ ބޭނުމުގައެވެ. މާހިލްގެ ހިތުގައި ވަނީ ހަމައެކަނި އާޔާ ތޯ ބަލަން އެނާ ބޭނުން ވިއެވެ. އެ ލޮލުގެ ވިދުމުން އާޔާގެ ހިތުގައި އުފެދެމުން ދިޔަ އެތައް ހާސް ސުވާލުތަކަކަށް ޖަވާބު ލިބޭނެ ކަމަށް އާޔާއަށް ގަބޫލު ކުރެވުނެވެ.

މަޑުމަޑުން އެސްފިޔަތައް ހުޅުވާލި އިރު ގަދަ އަލިކަމެއް އެޅިފައިވުމުން އެ ދިމާއަށް އާޔާގެ މޫނު އަނބުރާލިއެވެ. ދެލޮލަށް އުނދަގޫވެ އާޔާގެ ސަމާލުކަން ގެއްލި އެ އަލި އަންނަ ދިމާއަށް ބަލާލީ ޖެހިލުންވެ ހުރެއެވެ. ދެލޯ ހަނިކޮށްލަމުން މޫނު މައްޗަށް އަތް ހުރަސްކޮށްލި އާޔާ ދެ ބުމަ ގޮށްޖަހާލީ އޭނާއަށް ވާން މި އުޅެނީ ކިހާވަރެއްގެ ކަމެއް ކަން ވެސް ނޭނގުނީމައެވެ.

*** *** *** *** *** ***

އަނދިރިކަމުން ފުރިފައިވާ ކޮޓަރީގެ ހޮޅިބުރި ދިއްލާލުމުން އާޔާ ދެލޯ ހަނިކޮށްލަމުން ދޮރުމަތީ ހުރި އޭނާގެ މަންމައާ ދިމާއަށް ބަލާލިއެވެ. ރޭގަނޑުގެ ކާނާ ހިފައިގެން އޭނާގެ މަންމަ އެ ކޮޓަރިއަށް ވަދެ ހުރިކަން އާޔާއަށް ރޭކާލީ ހޮޅިބުރި ދިއްލީމައެވެ. މަންމަ ފެނުމުން އާޔާއަށް ސިހުމެއް ލިބުނެވެ. އަދި އޭނާގެ އުނގުމަތީގައި އޮތް އެގްޒެމިނޭޝަން ޕެޑް ބާލިސް ދަށަށް ކޮށްޕާލަމުން އެ ފޮރުވާލީ އެ ފޮތުގައި އޮތް އެއްޗެއް ބަލަން މަންމަ ސުވާލުކޮށްފާނެތީ އެކަމާ މެދު ވިސްނާލަމުންނެވެ.

ތަބަކެއް ހިފައިގެން އާމިރާ ވަދެ އާޔާގެ މަގަތުގައި އެނދުމަތީ އިށީނެވެ. ނުކައި އޮންނާކަށް ނުވާނެ ކަމަށް ބުނެ، އާޔާއަށް ކާން ދޭން އާމިރާ އެ ކޮޓަރިއަށް ވަނީ އާޔާ ކޮޓަރިން ނުނިކުންނާނެ ކަން އެނގޭތީއެވެ. "ކޮންމެސް ވަރަކަށް ކާން ވާނެ... ނުކައި ހުއްޓާ މާ ބޮޑަށް ބަލިވެދާނެ... ބޭސް ވެސް ކާން ޖެހެއެއްނު..."

ލޯތްބާއެކު އާމިރާ ވާހަކަ ދައްކަމުން ރޮށިކޮޅެއް ނައްޓާފައި މަސްކޮޅެއްގައި ޖައްސާފައި އާޔާގެ އަނގަޔަށް އެ އެތިކޮޅު ލަވާލިއެވެ. އުއްފު ވެސް ނުބުނެ އާޔާ މަންމަ ދިއްކުރި އެތިކޮޅު ކާލިއެވެ. ކާހިތް ނުވާ ކަމަށް ބުނެ މަންމަ ފޮނުވާލާކަށް އާޔާއަކަށް ނުކެރުނެވެ. މަންމަ އިތުރަށް ހިތުގައި ޖެހޭ ފަދަ ކަމެއް ކުރަން ބޭނުން ނުވާތީ އޭނާ ހިމޭނުން ހުރެ އާމިރާ އަތުން ލަވައިދިނުމުން ކަމުން ދިޔަ އާޔާ އިނީ މަންމައާ ހަތަރު ކަލީ ބައްދަލު ނުކުރާން އިސްޖަހައިގެންނެވެ.

އާޔާ އިން ގޮތުން އާމިރާ ސުވާލެއް ވެސް ކުރާކަށް ބޭނުމެއް ނުވިއެވެ. ރޭގެ ހާދިސާއާ ގުޅޭ ގޮތުން އާޔާ ގާތުން ކަންކަން އޮޅުން ފިލުވަން ގަފޫރު އެދުނަސް އެވާހަކަ ދައްކަން އާމިރާ ފަސް ޖެހުނެވެ. އެ ވާހަކަ ފަށައިފިއްޔާ އާޔާ ނުކައިފާނެތީއެވެ. ދެ ރޮށި ކައި ނިމުމުން ދެން ނުކެވޭނެ ކަމަށް އާޔާ ބުނުމުން އާމިރާ ދިއްކޮށްލީ ފެން ތައްޓަކާއެކު ޑޮކްޓަރު ދީފައި ހުރި ބޭސްތަކެވެ. އެ ބޭސް އަނގަޔަށް ލާ ފެންފޮދެއް ބޯލުމުން އާމިރާ އެ ކޮޓަރިން ނިކުންނަން ހިނގައިގަތެވެ. ބޭސް ކައި ނިމުމުން އާޔާ ބޭނުންވީ އަރާމުކޮށްލާށެވެ. އެހެންކަމުން އެނދުގައި އޭނާ އޮށޯވެލަމުން ގައިމަތީ ބެޑްޝީޓް އަޅާލިއެވެ.

އާޔާ އަރާމުކޮށްލަން ބޭއްވުމަށް ފަހު އާމިރާ އެ ކޮޓަރިން ނިކުމެގެން ދިޔައީ މާލެ ބަދަލުވުމާ ގުޅޭ ގޮތުން މާދަމާ އާޔާއާ ވާހަކަ ދައްކާނީ ކަމަށް ނިންމައިގެން ހުރެއެވެ. ކޮޓަރިން ނިކުންނަމުން އެނދުގައި އޮތް އާޔާގެ މޫނަށް އާމިރާ ފުން ނަޒަރަކުން ބަލާލީ އެ ދަރިފުޅުގެ މޫނުމައްޗަށް ކުރީގެ ހިނިތުންވުން ގެނެވޭނެ ދުވަހެއް ދެއްކެވުން އެދި ދުއާކޮށްލަމުންނެވެ.

ދޮރު ލެއްޕުނު އަޑަށް އާޔާ އޭނާގެ އަނގަޔަށް ލީ ދެ ބޭސް ގުޅަ ނަގާ އެނދު ކައިރީ ހުރި ޑަސްޓްބިން ތެރެއަށް ވައްޓާލިއެވެ. އުއްޑުން އޮތް އާޔާގެ ނަޒަރު އެ ވަގުތު ހުސްކޮށްލެވުނީ ސީލިންގްގައި ހަރުކޮށްފައިވާ ފަންކާގެ ފިޔަތަކަށެވެ. މަންމަގެ މަޑުމޮޅި ކަމުގެ ފަހަތުގައި އެ މަންމަ ކުރަމުން ދިޔަ ހިތާމަ އާޔާއަށް އިހްސާސް ވެއެވެ. އަދި މިއަދު އޭނާގެ ސަބަބުން މައްމަ އާ ބައްޕަ ދެބަސްވާން ޖެހުމުން އަމިއްލަ ނަފްސު ކުށްވެރި ކުރެވުނެވެ. އެކި ހިޔާލުތައް އެ ސިކުނޑި ވަށަލާފައި ވާ އިރު އޭނާގެ ލޮލުގައި ނިދީގެ ކަންފުޅެއް ވެސް ނެތެވެ.

*** *** *** *** *** ***

އެނދުގައި އޮށޯވެ ނިތްކުރި މައްޗަށް އަތް ވައްޓާލައިގެން އޮތް މާހިލްގެ ލޯމައްޗަށް ރޭގައި ވީ ކަންތައްތައް ސިފަވާން ފެށިއެވެ. އޭނާއަށް ކަން ކުރެވުނީ ރަނގަޅަށް ނޫން ކަމަށް ގަބޫލު ކުރެވުނެވެ. ނަމަވެސް އޭނާ ކަން ކުރި ގޮތުގެ ވާހަކަ އެއްވެސް މީހެއްގެ ގާތުގައި ދައްކާކަށް ބޭނުމެއް ނުވިއެވެ. ކޮންމެ ގޮތެއް ވިޔަސް އޭނާއަށް ގޯސް ކަމެއް ކުރެވިއްޖެ ކަމުގެ އިހުސާސް ކުރެވެން ފަށައިފިއެވެ. އެކަން ރަނގަޅު ކުރުމަށް ހެދިދާނެ ގޮތަކާ މެދު ވިސްނާލަން އޮތް މާހިލް ސިއްސައިގެން ދިޔައީ އޭނާގެ ފޯން ރިންގްވާ އަޑަށެވެ.

އެ ގަޑީގައި ގުޅަނީ އަންމަޑޭ ކަން އެނގުމުން އިތުރަށް މާހިލް ކަންބޮޑުވިއެވެ. ނަމަވެސް އޭނާ އެ ކޯލް ނެގިއެވެ. އެއީ ރޭގެ ހާދިސާއާ ގުޅޭ ގޮތުން އޭނާއަށް ވާހަކަ ދެއްކޭނެ ހަމައެކަނި މީހަކީ އަންމަޑޭ ކަމަށް ވާތީއެވެ. އެއީ އެކަން ހަމައެކަނި އެނގޭ އެކަކެވެ. އެ ކަމުން ސަލާމަތްވާނެ ގޮތެއް ހޯދަން މަޝްވަރާ ކުރެވޭނީ ވެސް އެ އެކުވެރިޔާއާ އެކަންޏެވެ.

*** *** *** *** *** ***

މާހިލް ފޯނު ނަގާނެ ވަގުތެއްގެ އިންތިޒާރުގައި އަންމަޑޭ އިނީ ހާސްވެ ކަންބޮޑުވެފައެވެ. މާހިލް ފޯނު ނެގުމާ އެކު އަންމަޑޭ އޭނާ ގާތު ކަމަކު އެދެން ބޭނުންވިއެވެ. ނަމަވެސް އެއްޗެއް ނުބުނެވި އުޅެނިކޮށް މާހިލްގެ ކޮޓަރީގައި މީހަކު ޓަކި ޖަހާލުމުން މަޑުކޮށްލާށޭ މާހިލް ބުނެލިއެވެ. ފޯނުގައި އިން އަންމަޑޭ ކަނުލާ އަޑުއަހަން އިނީ އޭނާގެ ހިތަށް އުނދަގޫތަކެއް ވާން ފެށުމުންނެވެ.

ކޮޓަރީގެ ދޮރު ހުޅުވި އަޑު ނީވެނީސް އަޑުގެ ނެތްތަނަށް ކާކުތޯ މާހިލް އަހާލި އަޑު ފޯނުގައި އިން އަންމަޑޭ އިވުނެވެ. ދެން އިވުނީ އަންހެން އަޑެއް ކަމުން އެއީ މާހިލްގެ މަންމަ ކަން ދެނެގަންނަން އަންމަޑޭ އަކަށް އުނދަގުލެއް ނުވިއެވެ. އެނޫން އިތުރު މީހަކު އެގެއަކު ނޫޅޭނެއެވެ. ދެން އިވުނީ މާހިލް އެ ކޮޓަރީގެ ދޮރު ހުޅުވާލި އަޑެވެ. އެއާއެކު މާހިލްގެ މަންމަ ބުނި ޖުމްލަ ކަންފަތުގައި ޖެހުމުން ބޭއިހްތިޔާރުގައި އިން ތަނުން އަންމަޑޭއަށް ތެދުވެވުނެވެ. "މާހިލް، ދަރިފުޅު ހޯދަން ފުލުހުން އައިސް އެބަ ތިބި..."

މި އަންނަނީ ކަމަށް ބުނެ މާހިލް ދޮރު ލައްޕާލި އަޑު އިވުނެވެ. އަދި އެއަށްފަހު ފޯނުން އަންމަޑޭއަށް ގޮވާލި އަޑު އިވުމުން އަންމަޑޭ ނުތަނަވަސްވެފައި ހުރެ އަހާލިއެވެ. "ދެން ކިހިނެއް ހަދާނީ... ފުލުހުން ކައިރީ ކީކޭ ބުނަނީ..."

އަންމަޑޭ ކުރި ސުވާލުތަކުން މާހިލްގެ ހިތުގެ ވިންދު އަވަސް ވިއެވެ. ފުން ނޭވާއެއް ދޫކޮށްލަމުން މާހިލްގެ ނިންމުން އޭނާ ހާމަ ކުރިއެވެ. "އަހަރެން ހުރިހާ ވާހަކައެއް ރީއްޗަށް ކިޔައި ދޭނީ... ފޮރުވައިގެން ވާނެ ފައިދާއެއް ނޯންނާނެ..."

އެހެން ނުހަދާށޭ ބުނެ އާދޭސް ކުރަން އަންމަޑޭ ބޭނުން ވިއެވެ. ނަމަވެސް ދުލުން ބަހެއް ބޭރު ނުވަނީސް މާހިލް އެ ކޯލް ކަނޑާލައިފިއެވެ. އެހިސާބުން ދެން ފުލުހުން އަންނާނީ އަންމަޑޭ މެން ގެއަށް ކަން އޭނާއަށް އެނގުމުން މުށްކަވާފައިވާ އަތުން އޭނާ ފާރުގައި ޖަހާލިއެވެ. ކަނޑާލި ފޯނަށް ބަލަހައްޓައިގެން ހުރި އަންމަޑޭ ފޯނުގެ ގެލެރީ އެޕްލިކޭޝަން ހުޅުވާލިއެވެ. އެންމެ ފަހުން އެ ފޯނުން ނަގާފައިވާ ވީޑިއޯ އޭނާ ހުޅުވާލީ ކޮޓަރީގެ ދޮރު ހުރީ ތަޅުލާފައި ތޯ ޔަގީން ކޮށްލަމުންނެވެ.

*** *** *** *** *** ***

ވީޑިއޯ ނަގަން އޭނާގެ ފޯނުން ފިތަކަށް ފިތާލައިގެން ހުރެ އެ ފަޅު ގޭތެރެ އޭނާ ވީޑިއޯ ކުރަމުން ދިޔައެވެ. ފޯނުން ވީޑިއޯ ކުރަމުން ދިޔަ އިރު އޭނާގެ ފޯނުން ފްލޭޝް ލައިޓް ދިއްލައިގެން ހުރީ އެތަނުގައި ހުރި އަނދިރިކަމުގެ ތެރެއިން ވީޑިއޯ ކުރަމުންދާ މަންޒަރު ނުސާފު ކަމުންނެވެ. ފޯނު ހިފައިގެން ހުރި އަންމަޑޭގެ ކަންފަތުގައި މީހަކު ވާހަކަ ދައްކާ އަޑު ޖެހުމުން އޭނާއަށް ސިހުމެއް ލިބުނެވެ. ރަނގަޅަށް ކަނުލާ އަޑުއަހަން ހުރުމަށްފަހު އެ ވާހަކަ ދައްކަނީ އާޔާއާއި މާހިލް ކަން އޭނާއަަށް ނަގައިގަންނަން އެނގުނެވެ.

ވީޑިއޯ ކުރަމުން އޭނާ މަޑު ފިޔަވަޅުތަކެއްގައި ސިއްރު ސިއްރުން ދިޔައީ އުނދޯލި ހުރި ދިމާއަށެވެ. ފާރެއްގެ ނިވަލުގައި ހުރި އަންމަޑޭ އަށް ފެނުނީ މާހިލް އުނދޯލިން ފޭބުމަށްފަހު އާޔާއާ ގާތްވި މަންޒަރެވެ. ވަގުތުގެ ބޭނުން ހިފަން އަންމަޑޭ ބޭނުން ވިއެވެ. އެހެންކަމުން އާޔާ އިސްޖަހާ ލޯމަރާލި ވަގުތު ބަލާފައި އަންމަޑޭ ފޯނުން ވީޑިއޯ ކުރަމުން އެ ދިމާއަށް ނިކުތެވެ.

އަންމަޑޭ ވީޑިއޯ ކުރަމުން އަންނަ ތަން ފެނުމުން މާހިލް ގާތަށް އައީ ނުލަފާ ހިންޏެކެވެ. އަންމަޑޭ އެމީހުންނާ ފުދޭ ވަރަކަށް ގާތަށް އާދެވެން ދެން މާހިލް މަޑުކޮށްލައިގެން ހުއްޓެވެ. މާހިލް އާޔާ އާ ދިމާލަށް އެނބުރިލީ ރަނގަޅަށް އަންމަޑޭ ސެތްވެލަމުން ބޮޑުވައި އިނގިލި ދައްކާލަމުން އޯކޭއޭ ބުނެލުމުންނެވެ. އޭރުވެސް އާޔާ އިނީ އިސް ޖަހައިގެންނެވެ. އާޔާގެ ދަތްދޮޅީގައި ހިފާ އެ މޫނު އުފުލާލަމުން މާހިލް އިތުރަށް އާޔާގެ ގާތަށް ޖެހިލިއެވެ. ދެމީހުންގެ ހޫނު ނޭވާ އިހްސާސްވާ ގާތްވެފައި ހުއްޓާ މަޑުމަޑުން އާޔާގެ އެސްފިޔަތައް ހުޅުވާލިއެވެ.

ތެޅިގެން ފައި އަންމަޑޭއާ ދިމާއަށް ބަލާލަމުން އާޔަގެ މޫނަށް ދެއަތް ހުރަސްކޮށްލީ އޭނާއަށް އަލިކަމެއް ފެނި ސިއްސައިގެން ދިއުމުންނެވެ. އޭރުވެސް އަންމަޑޭ ދިޔައީ ވީޑިއޯ ކުރަމުންނެވެ. "ކަމޯން އާޔާ... ކިސް މާހިލް... މި މޯމަންޓް ކެޕްޗާ ކޮށްލަން ވާނެއެއްނު. ފަޅު ގެއެއްގަ ފަސްޓް ކިސް. އެވެސް މާހިލް އާއެކީ... ކަމޯން އާޔާ....ޑޫ އިޓް.." އަންމަޑޭ ދިޔައީ އާޔާއަށް ހިތްވަރު ދެމުންނެވެ. ނަމަވެސް އާޔާއަކީ އަންމަޑޭ ހީކުރާ ކަހަލަ ކުއްޖެއް ނޫނެވެ.

"މަށެއް ނޫޅެން... މާހިލް ހިނގާ މިތަނުން ދާން.. މި އަންމަޑޭ ކޮށްފާނެ ކޮންމެ ފަދަ ކަމެއް ވެސް.."

އާޔާ ބޭނުންވީ އެތަނުން ދާށެވެ. އަންމަޑޭ އެދުނު ގޮތަށް ވީޑިއޯ ކުރަން ފުރުސަތު ދޭކަށް އާޔާ ބޭނުމެއް ނުވިއެވެ. ފަޅު ގޭތެރެއިން ނިިކުންނަން ހިނގައިގެން އާޔާގެ ފިޔަވަޅު މަޑު ޖެހުނީ އޭނާގެ އަތުގެ މުލައްދަނޑީގައި އަތަކުން ބާރަށް ހިފެހެއްޓުމުންނެވެ. ފަސް އެނބުރެމުން އޭނާގެ އަތުގައި ހިފަހައްޓައިގެން ހުރި މާހިލްގެ މޫނަށް އާޔާ ބަލާލަމުން ގެއަށް ދާން ހިނގާށޭ އަނެއްކާ ވެސް ބުނެލިއެވެ. އޭރުވެސް އަންމަޑޭ ހުރީ ފްލޭޝް ދިއްލައިގެން ހުރި ފޯނު އެމީހުންނާ ދިމާއަށް އަމާޒުކޮށްގެންނެވެ.

މާހިލް އާޔާގެ އަތުގައި ހިފާ ގަޔާ ދިމާއަށް ދަމައިގަތީ، އެހެންވެދާނެ ކަމަށް އާޔާ ނުވިސްނާ ހުއްޓައެވެ. އެ އައި ބާރު މިނުގައި މާހިލްގެ އަތުތެރެއަށް އާޔާއަށް ވަދެވުމުން އާޔާގެ ހަށިގަނޑުގައި މާހިލް އޮޅުލައިގަތެވެ. ވީޑިއޯ ކުރަމުން ދިޔަ އަންމަޑޭ އުފަލުން ދަތްކޮޅު ދިލުވާލިއެވެ.

(ނުނިމޭ)