ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް އިންޒާރު ދިން މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ (241 ކޮމިޓީ) އަށް ހުށަހަޅައިފިއެވެ.
މިމައްސަލަ 241 ކޮމިޓީއަށް ހުށަހަޅުއްވާފައިވަނީ ގުރައިދޫ ދާއިރާގެ މެންބަރު މުހައްމަދު ޣައްސާން މައުމޫންއެވެ.
މޯލްޑިވްސް ޔޫތް ފޯސްގެ ނަމުގައި ހަދާފައިވާ ޓްވިޓާ އެކައުންޓަކުން، އަހްމަދު ސައީދު (ޕީޓްރަލް ސައީދު) ކަމަށް ބެލެވޭ މީހަކު ސޯޝަލް މީޑިއާގައި އާންމުކޮށްފައިވާ ވީޑިއޯއެއްގައި ޔާމީންގެ ހަށިކޮޅަށް ގެއްލުންދޭނެ ކަމުގެ އިންޒާރުވަނީ ދީފައެވެ. މިވީޑިއޯގައި އޭނާ ދައްކާފައިވާ ވާހަކަތަކުގައި، ބަޔަކު އަޑީގައި ތިބެގެން ޔާމީނަށް ޓެރަރިސްޓް ހަމަލާއެއް ދިނުމަށް ރާވާފައިވާކަން ވެސް ވަނީ ބުނެފައެވެ.
މިމައްސަލަ ފުލުހުންނަށް ހުށަހެޅި ނަމަވެސް ފުލުހުން މިމައްސަލަ ބަލަން ފަށާފައިވާކަމުގެ އެއްވެސް އިޝާރާތެއް ޕީޕީއެމްއަށް ވެސް އަދި ޕާޓީގެ ރައީސްއަށްވެސް ލިބިފައި ނުވާ ކަމަށް 241 ކޮމިޓީއަށް ހުށަހެޅި މައްސަލައިގައިވެއެވެ.
މީގެ އިތުރުން ޓެރަރިޒަމްގެ އަމަލެއްގެ ގޮތުގައި ބެލެވޭ މިވާހަކަތައް ދައްކާފައިވާ މިވީޑިއޯއަށް މީސްމީޑިއާ މެދުވެރިކޮށް ސަލާމަތީ ހިދުމަތްތަކާ ގުޅުންހުރި ސަރުކާރުގެ އިސްވެރިޔަކު ތާއީދުކޮށް ތަރުހީބުދީފައިވާކަން ވެސް ވަނީ ބުނެފައެވެ.
މިކަމާބެހޭ މުއައްސަސާތަކުން މި ފަދަ ކަންކަން ސީރިއަސްކޮށް ނަންގަވައިއެކަށީގެންވާ ފިޔަވަޅު އަވަސް މިނެއްގައި އަޅާފައިނުވުމަކީ މީގެ ގާތްގަނޑަކަށް އެއް އަހަރުކުރިން، މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ނުރައްކާތެރި ޓެރަރިޒަމްގެ ހަމަލާއެއްދެވިފައިވާ ސަބަބުކަމަށް 19 ވަނަ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމިޓީގެ އިންކުއަރީ ރިޕޯޓުން ހާމަވެފައިވާ ކަމަށް 241 ކޮމިޓީއަށް ހުށަހެޅި މައްސަލައިގައިވެއެވެ.
އެހެންކަމުން ޔާމީނަށް އަމާޒުކޮށްފައިވާ މި އިންޒާރުގެ މައްސަލަ ސީރިއަސް މައްސަލައެއްގެގޮތުގައި ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީން ބަލައިދިނުމަށް ވަނީ އެދިފައެވެ. އަދި މިމައްސަލައިގައި ދިވެހިރާއްޖޭގެ ސަލާމަތީ ހިދުމަތްތަކުން އަމަލުކޮށްފައިވާ ގޮތް ވެސް ސާފުކޮށްދިނުމަށް ވަނީ އެދިފައެވެ.