ގޭތެރެއަށް ވަދެ އާމިރާ ބަންލާފައި ދޮރު ލައްޕާލި އިރު ސިޓިން ރޫމްގައި އިން އިޔާން އާއި އޭނާގެ މާމަ، އާމިރާއަކަށް ނުފެނެއެވެ. ދޮރުގައި ލައްވެ ހުރެ އާމިރާ އަޑުން އަޑު ނަގާ ރޯން ފެށީ އޭނާގެ ހިތަށް ކުރި އަސަރެއްގެ ބޮޑު ކަމުންނެވެ. ދެލޯ ފަދައިން ބަލާ ބޮޑުކުރި ދަރިފުޅުގެ މުޅި ހަޔާތް ވެއްޔާ މޮޑެވުނީއެވެ. މީހުން ކުރިމަތީގައި އަގު ވެއްޓިއްޖެއެވެ. އެ ކުއްޖާއޭ ކިޔައިގެން ނުބައި އަޑުތައް މުޅި ރަށުތެރޭ ފެތުރި އާއިލާ ފަލީހަތް ވެއްޖެއެވެ. މީހުންނަށް ދައްކާނީ ދެން ކޮން މޫނެއް ހެއްޔެވެ. އާމިރާގެ އާޔާގެ ހަޔާތް ބަނަ ވެއްޖެއެވެ. އަރައިގަންނަން އުނދަގޫ އަނދިރި ކަމުން ފުރިގެންވާ އެ ފުން ވަޅުގަނޑުގެ ތެރެއިން އެ މަންޖެ ނަގަން އާމިރާ ބޭނުން ވިޔަސް، މިހާރު ހަދާނެ ގޮތް އޭނާއަށް ހުސްވި ކަހަލައެވެ.

*** *** *** *** *** ***

ކޮޓަރިއަށް ވަދެ އާޔާ އެނދު މައްޗަށް ވެއްޓިގަތީ އޭނާގެ ލޮލުން ފައިބަމުން ދިޔަ ކަރުނަތައް ނުހިފޭއްޓުނީމައެވެ. އެ ހަށިގަނޑުގައި ކޮޅަށް ހުންނާނެ ވަރެއް ވެސް ނެތެވެ. ފުލުހުންނަށް އެ ވާހަކަތައް ކިޔައިދެވުމުން ހިތަށް ހަމަޖެހުމެއް ލިބުނު ނަމަވެސް ހޮސްޕިޓަލުން ނިކުމެ ގެއަށް އައި މަގުމަތީ އާޔާއަށް އިތުރު އުނދަގޫތަކެއް ތަހައްމަލް ކުރަން ޖެހުނެވެ.

މީހުންގެ ބެލުންތަކުން އޭނާއަކީ މުޑުދާރު ކުއްޖެއް ގޮތުގައި ސިފަ ކުރެވުނެވެ. އެ ބެލުންތަކުން އާޔާއަށް އިހްސާސްވީ މާލާމާތާއި ފުރައްސާރައެވެ. އޭނާއަކީ ގޯސް ކުއްޖެއް ކަމަށް ދެކި އެ ކަމުގައި ކުށްވެރިއަކީ އާޔާއޭ އެމީހުން ބުނާ ފަދައެވެ. އެ ހަނދާންތަކުން ދުރަށް ދާން މަސައްކަތް ކުރިއަސް ދުރަށް ނުދެވޭނެ ހެން އާޔާއަށް ހީވިއެވެ.

ގޭތެރޭގައި އާމިރާގެ ވޭނީ ރުއިމުގެ އަޑު ގުގުމަމުން ދިޔަ އިރު އެ އަޑު ރޮމުން ދިޔަ އާޔާގެ ކަންފަތުގައި ޖެހުމުން އޭނާ ދެލޯ މަރާ ބާރު ކޮށްލިއެވެ. އެ އަޑުއިވުމުން އެއީ އާޔާގެ ހިތަށް އިތުރު ވޭނަކަށް ވިއެވެ. ދުވަހަކު ވެސް މަންމައަށް ދެރަ ގޮތެއް ވާން ނޭދޭ އާޔާގެ މަންމަ ހިތް ކުދިކުދިވެ ރޯ އަޑު އަހަން އޭނާއަށް އުނދަގޫވިއެވެ.

ވެފައި ހުރި ދެރައިން އާޔާއަށް ވަމުން ދިޔަ އުނދަގޫތަކުން ދުރަށް ޖެހެން ބޭނުން ވިއެވެ. އެނދުމަތީ އެއްފަރާތެއްގައި އޭނާ ނޯޓްސް ލިޔަން ބާއްވާފައި އޮތް އެގްޒެމިނޭޝަން ޕެޑާއި ގަލަން ނަގާ އޭގައި ގަލަމުގެ ތުނޑު ޖައްސާލަމުން އޭނާ ކުރަހަން ފެށިއެވެ. އެއްވެސް ތަރުތީބެއް ނެތި އެ ގަނޑުގައި އެކި ގޮތްގޮތަށް ރޮނގުތައް ދަމަމުން ދިޔައިރު ރުޅިވެރިކަން އެ މޫނު މަތިން ދިޔައީ ފާޅުވަމުންނެވެ. އޭނާއަށް އެވަރުގެ ބޮޑު ދެރައެއް ލިބުނީ އޭނާގެ ކޮން ކުށެއް އޮވެގެން ތޯ އަމިއްލަ ޒަމީރާ ސުވާލު ކޮށްލިއެވެ.

އެހެން އޮއްވާ އާޔާގެ ކަންފަތުގައި ޖެހުނީ އޭނާގެ ބައްޕަ ގަފޫރު ވާހަކަ ދައްކަން ފެށި އަޑެވެ. އެ އަޑުގައި ތަފާތުކަމެއް އާޔާއަށް އިހްސާސް ކުރެވުނެވެ. ދައްކަމުން ދިޔަ ވާހަކަތަކުގައި ބައްޕަގެ ބަސްތައް ހަރުކަށި ވެފައި އަޑު ބާރެވެ. އަދި ވާހަކަތައް ހުރި ގޮތުން ބައްޕަ އެ ވާހަކަ ދައްކަނީ މަންމައާ ކަން އޭނާއަށް ޔަގީންވިއެވެ.

*** *** *** *** *** ***

"ރޮއެގެން ވާނެ ކަމެއް އެބަ އޮތްތަ؟ އާމިރާއަށް އެ މަންޖެ އުޅޭ ނޫޅޭ ގޮތެއް ބެލެނީ ކީ ނޫން... ދެން މިއަދު ކުށްވެރިކުރަން ވީ އާޔާތަ؟" އާޔާއަށް ދިމާވި ކަންތައްތަކަކީ އާމިރާގެ ފަރުވާ ކުޑަކަމުން ވީ ކަމެއް ކަމަށް ތުހުމަތުކޮށް ގަފޫރު ވާހަކަ ދެއްކީ ރުޅި އިސް ކުރަމުންނެވެ. އާމިރާއަށް ދޭނެ ޖަވާބެއް ނުވިސްނުނެވެ. ރުއިން ނޫން ކަމެއް ކުރާކަށް އޭނާއަކަށް ނޭނގުނެވެ.

"އެ މަންޖެ އުޅޭ ނޫޅޭ ގޮތް ބެލުނު ނަމަ މި ވަރު ކަމެއް ނުވީސް... އަދިވެސް ރޯން ވީތަ؟ ގޮސް އެ މަންޖެ ކައިރީ އަހާބަލަ ކާކު ކުރި ކަމެއްހޭ... އަހަރެމެން ކައިރީ ވެސް ބުނީމަ ދޯ އިނގޭނީ...." ގަފޫރު ހުރީ އަދިވެސް އާޔާއަށް އެހެން ހެދި މީހަކު އޮޅުން ނުފިލާތީ ރުޅި ގަދަވެފައެވެ.

"މިހާރު ރަށުތެރެއަށް ނިކުންނާކަށް ވެސް ނުކެރޭނެ. މީހުން އެ ދައްކާ ވާހަކަތަކުން ލަދުން ބޯ ހަލާކު... އެއްބަޔަކު އެބަ ކިޔާ މި އާޔާ އުޅެނީ އެ ފަވާޒަކާ ހިތާ ވެގެންނޭ ވެސް... ވިޔާނުދާ މީހުންނާ އެކީ އެކުއްޖާ އުޅޭ ތަން ގައިމު ފެންނާތީ ދޯ ރަށުތެރޭ މީހުން އެހެން ކިޔާނީ... އެ ކުއްޖާ އުޅޭ ނޫޅޭ ގޮތް ބެލުނު ނަމަ އެ ފާވަޒަކާ އެކީ ބޭރުތެރޭ އުޅޭ ތަނެއް ގައިމު މީހުންނަކަށް ނުފެންނާނެ ދޯ..." އަނގައިން ބަހެއް ނުބުނެ އާމިރާ އިނުމުން ގާފޫރު އިތުރަށް ރުޅިގަދަ ވިއެވެ. ކާ މޭޒު މަތީ ހުރި ތަށިތައް އޭނާ އަތުން ޖަހާ މުޅިތަނަށް ބުރުވާލިއެވެ. މޭޒުމަތީ ހުރި ބިއްލޫރި ތަށިތައް ބިންމައްޗަށް ވެއްޓި ތަޅައިގެން ދިޔަ އަޑަށް އާމިރާ ދެއަތް ކަންފަތް މަތީ އަޅާ ބާރު ކޮށްލިއެވެ.

"ހެޔޮނުވާނެ ގަފޫރު... ތިހެން ވާހަކަ ނުދައްކަބަލަ. ކުދިންނަށް އަޑު އިވިދާނޭ..."

އާމިރާ މަސައްކަތް ކުރީ ގަފޫރު ދައްކަމުން ދިޔަ ވާހަކަތައް ހުއްޓުވާށެވެ. އައިސްފައި ހުރި ރުޅީގައި ހެދޭ ނުހެދޭ ނޭނގޭ ހިސާބުގައި ހުރި ގަފޫރު މައިތިރި ކުރުވަން ހަދާނެ ގޮތް އާމިރާ އަށް ހުސްވިއެވެ. ސިޓިންގް ރޫމް ސޯފާގައި އިށީނދެގެން ކުޅޭ އެއްޗެއް ހިފައިގެން އިޔާން އިނީ ކަޅި ޖަހާނުލާ އާމިރާއާއި ގަފޫރާ ދިމާއަށް ބަލާށެވެ. އެ ކުއްޖާ އަޑެއްވެސް ލައްވާނުލާ ހިމޭނުން އިނީ އޭނާގެ މައިންބަފައިން ދެމެދު ދެކެވޭ ވާހަކަތަކުން ހާލަތުގެ ސީރިއަސްކަން ނަގައި ގަނެވުނީމައެވެ.

*** *** *** *** *** ***

ފުޓްބޯލް ޕްރެކްޓިސް ނިމުމުން ގެއަށް އައި ގޮތަށް މާހިލް ކޮޓަރިން ނިކުންނާކަށް ބޭނުމެއް ނުވިއެވެ. އޭނާގެ މަންމަ ސައިބޯން އަންނާށޭ ބުނުމުން ވެސް ބަދިގެއަށް ގޮސް ބޯލީ ހަމައެކަނި ސައި ތައްޓެކެވެ. މޭޒުމަތީ ފުރެންދެން އަތުރާފައި ހުރި ތަށިތަކުގައި އެކި ބާވަތްތަކުގެ ހެދިކާތައް ހުރި އިރުވެސް އެއިން އެތިކޮޅެއް ވެސް ރަހަ ބަލާލަން މާހިލް ބޭނުމެއް ނުވިއެވެ. މާހިލްގެ އުޅުމަށް ބަދަލެއް އައިސްފައިވާ ކަން އޭނާގެ މަންމަ އަށް ނަގައިގަނެވުނު ނަމަވެސް އެއީ ކޮން ސަބަބަކާ ހުރެ ކަން ދޭހައެއް ނުވިއެވެ.

ކާ މޭޒު ކައިރިން ތެދުވެގެން އައިސްއަލަމާރި ކައިރިއަށް މާހިލް ލެފިގަތީ ފިނި ފެންފުޅިއެއް ނަގާށެވެ. ދަރިފުޅުގެ މަޑުމޮޅިކަން ފެނި މާހިލްގެ މަންމަ ސުވާލުކޮށްލީ މޭޒުމަތީ ހުރި ތަށިތަކުގެ މަތި ޖަހަމުންނެވެ. "ދަރިފުޅާ.. ކިހިނެއްވެފަ ތިހުރީ.. މިއަދު ހެދިކާ ކޮޅެއް ވެސް ނުކައި ތީނީ.. ކަމަކާ ހިތްހަމަނުޖެހިފަތަ؟"

ފެންފުޅީގެ މަތިނެގުމަށް ފަހު އަނގަ މައްޗަށް ޖަހާ އެ ފުޅިން ފެންފޮދެއް އަނގަޔަށް އަޅާލަމުން މާހިލް ވިސްނާލިއެވެ. އޭނާގެ މަންމައަށް ދޭނީ ކޮން ޖަވާބެއް ހެއްޔެވެ. އޭނާގެ ހިތަށާއި ސިކުނޑިއަށް އުނދަގޫވެފައި އެ ވަނީ ކީއްވެ ކަން ބުނެދޭކަށް މާހިލްއަކަށް ނުކެރުނެވެ. އެހެންކަމުން ކަމެއް ނުވާ ކަމަށް ބުނެ މާހިލް އޭނާގެ ކޮޓަރިއާ ދިމާއަށް ހިނގައިގަތީ އަރާމުކޮށްލަން ބޭނުންވާ ކަމަށް ބުނެފައެވެ.

މާހިލް ދިޔަ ދިމާއަށް ބަލަން ހުރި އޭނާގެ މަންމައަށް ކަމެއް ގޯސްވެގެން އުޅޭ ކަމުގެ އިހްސާސް ވެއްޖެއެވެ. ނަމަވެސް އެ ހިޔާލުތަކުން ދުރަށް ޖެހިލީ އިންޓާ ސްކޫލް ފުޓްބޯޅަ މުބާރާތް ގާތްވެފައި އޮތުމުން އެކަމުގެ ޕްރެޝަރުން ދަރިފުޅަށް އައިސްފައިވާ ބަދަލެއް ކަމަށް ލަފާ ކުރެވުނީމައެވެ.

*** *** *** *** *** ***

ހޮސްޕިޓަލުން އައި ގޮތަށް އާމިރާ އާއި ގަފޫރު ގެއަކުން ނުނިކުމެއެވެ. ކަން އޮޅުންފިލުވަން މީހުން އެތައް ސުވާލެއް ކުރާނެތީއެވެ. އެ ސުވާލުތަކަށް ދޭނެ ޖަވާބެއް އެމީހުންނަކަށް ނޭނގެއެވެ. ރޭގަނޑުގެ ކެއުން ތައްޔާރުކޮށް އިޔާން އަށް ކާން ދިނުމަށްފަހު އެ ކުއްޖާ ނިދަން ބާއްވައިގެން އާމިރާ ކޮޓަރީގައި އިނީ ހިޔާލަކަށް ގެއްލިފައެވެ. އާޔާއާ ކުރިމަތިލައި ދައްކާނެ ވާހަކައަކާ މެދު އާމިރާ ދިޔައީ ވިސްނަމުންނެވެ.

ކޮންމެ ގޮތެއް ވިޔަސް އެއީ ނުވާ ކަމަކަށް ހަދައިގެން އުޅެވޭކަށް ނެތެވެ. ސިއްރުކޮށްގެން ތިބެވޭކަށް ވެސް ނެތެވެ. މިހާރު އެ ވާހަކަ ވަނީ މުޅި ރަށުތެރެއަށް ފެތުރިފައެވެ. މީހުންގެ މަލާމާތާއި ފުރައްސާރައާ ކުރިމަތިލާން ޖެހޭނެ ކަން އާމިރާއަށް އެނގެއެވެ. އެ ރަށު މީހުންގެ ގޮތް އޭނާއަށް ވަރަށް ރަނގަޅަށް އެނގެއެވެ. ކަމެއްގެ ހަގީގަތް ކިޔައިދިނަސް އެ ވާހަކައެއް ބޮޑުކޮށްގެން ދެއްކުމަކީ އެ ރަށު މީހުންގެ އާދައެވެ. ނުވާ ކަންކަން ވެސް ބޮލުގައި އަޅުވައި މީހުން ފަލީހަތް ކުރަން އެވަރެއް ނޯންނާނެއެވެ.

ހިޔާލަކަށް ގެއްލިފައި އިން އާމިރާ ސިއްސައިގެން ދިޔައީ ފާހާނާއިން ގަފޫރު ނިކުމެ އޭނާއަށް ގޮވާލުމުންނެވެ. ލޮލަށް ޖަމާވެފައިވާ ކަރުނަތައް ހިންދާލަން މަސައްކަތް ކުރަމުން ގަފޫރާ ވާހަކަ ދައްކަން އާމިރާ އޭނާގެ ފިރިމީހާއާ ކުރިމަތިލިއެވެ. ދެން ހަދާނީ ކިހިނެތޯ ސުވާލު ކުރުމުން ގަފޫރަކަށް ވެސް ހަދާނެ ގޮތެއް ނުވިސްނޭ ކަމަށް ބުންޏެވެ. އޭނާއަށް ބޭރަށް ނިކުންނާކަށް ނުކެރޭނެ ކަމަށް ބުނުމުން އާމިރާއަށް ވިސްނުނު އެންމެ ރަނގަޅު ގޮތް ހާމަ ކުރިއެވެ.

"އަހަންނަށް ފެންނަނީ މާލެ ބަދަލުވާން... މި ރަށު ސްކޫލަށް ދަރިން ކިޔަވަން ފޮނުވައިގެން ނޫޅެވޭނެ. މީހުން ކުރާ މަލާމާތަށް އަހަރެމެން ކޮންމެ ދުވަހަކު ކުރިމަތިލައިގެން އުޅޭނެ ގޮތެއް ބުނެބަލަ... އާ ފެށުމަކުން ފަށަން އަހަރެމެން ނުދަންނަ ބަޔަކު އުލޭ ތަނަކަށް ދިއުމަށް ވުރެ ރަނގަޅު ގޮތެއް ނޯންނާނެ... ގަފޫރު... އެއްޗެކޭ ބުނެބަލަ..." އާމިރާގެ ހިޔާލަކީ ގޯސް ހިޔާލެއް ނޫނެވެ. ގަފޫރު އެއްކޮށްފައި ހުރި ފައިސާ ހިފައިގެން ދިރިއުޅުން މާލެއަށް ބަދަލު ކުރުމަކީ ރަނގަޅު ހިޔާލެއް ކަމަށް ގަފޫރު ގަބޫލު ކުރިއެވެ. ވިސްނާލަން ހުރެ ބޯ ޖަހަލާމުން އެކަމާ ވިސްނާފަ ގޮތެއް ނިންމާނީ ކަމަށް ގާފޫރު ބުންޏެވެ.

*** *** *** *** *** ***

އެގްޒެމިނޭޝަން ޕެޑްގައި ކުރަހަމުން ދިޔަ އާޔާގެ އަތް މަޑުޖެހުނެވެ. އެރޭ ވީ ކަންތައް ފުލުހުންނަށް ހިއްސާކުރި އިރު، އެމީހުން ވަނީ އާޔާ ގާތުގައި ވަރަށް ބޮޑު ކަމަކު އެދިފައެވެ. އެރޭގެ ހާދިސާއިން އޭނާއަށް ކިޔައިނުދެވި އިން ވާހަކައެއް ހަނދާން ވިޔަސް ލަސްނުކޮށް ފުލުހުންނަށް ގުޅައި އެ މައުލޫމާތު ހިއްސާ ކުރުމަށް އެ މައްސަލަ ބަލަމުން ދާ އިންވެސްޓިގޭޝަން އޮފިސަރު ވަނީ ބުނެފައެވެ.

ހަނދާން ކުރަން ބޭނުން ނުވިޔަސް އެ ހަނދާންތައް އާޔާގެ ސިކުނޑިން ފިލައިގެނެއް ނުދެއެވެ. ރޮއެރޮއެ ވަރުބަލިވެފައިވާ އެ ލޮލުގައި ރިހުމެއް އުފެދިފައިވާ އިރު އޭނާ އެ ހާދިސާ ކިޔައި ދިނީ ހަނދާން ހުރި މިންވަރަކުންނެވެ. އެ މިންވަރުން އޭނާއަށް އަނިޔާވެރި މީހަކު ދެނެގަނެވިދާނެ ހެއްޔެވެ. އޭނާއަށް އިންސާފް ލިބިދާނެ ހެއްޔެވެ. މިއީ އާޔާގެ ސިކުނޑީގައި އުފެދިފައިވާ ސުވާލުތަކެވެ.

ހިޔާލަކަށް ގެއްލިފައި އޮތް އާޔާގެ އެސްފިޔަތަކަށް ބަރުވެ ދެލޯ މަޑުމަޑުން މެރިގެން ދިޔައެވެ. އެ ހަނދާންތައް އާ ކުރަން ބޭނުން ނުވި ނަމަވެސް ދެލޯ މެރިލާ އިރަށް އާޔާއަށް ފެންނަނީ އެ ރޭގެ ނާމާން ކަމެވެ.

*** *** *** *** *** ***

އާޔާއެކު ފަވާޒު ފަޅުގޭ ތެރޭގައި މަޑުކުރުން ވެގެން ދިޔައީ އެ ދެމީހުން ދެމެދުގައި ރަނގަޅު އެކުވެރިކަމެއްގެ ފެށުން ކަމުގައި އާޔާ ގަބޫލު ކުރިއެވެ. އެ ބިރުވެރި އަނދިރި މާހައުލުގައި ގަޑިއެއްހާއިރު ހޭދަ ކުރުމަށްފަހު ގެއަށް ދާން ފަޅުގެއިން ނިކުތް އިރު އެ ދެމީހުންގެ ދެމެދުގައި އެއްވެސް ބީރައްޓެހި ކަމެއް ނެތެވެ. ފަވާޒަށް އިތުބާރު ކުރަން އާޔާއަށް އުނދަގޫ ނުވީ ވެސް ފަވާޒުގެ ރަނގަޅު ކަމުންނެވެ. އެކަނިމާ އެކަނި މީހެއްގެ ހިލަމެއް ނުވާ ތަނެއްގައި ތިބި އިރު އޭނާ އާޔާގެ ގައިގައި އިނގިލި ކުރިވެސް ޖައްސާ ނުލައެވެ. ނުބައި ނަޒަރަކުން ބަލާލާފައި ނެތެވެ. ދެއްކީ ވެސް އާޔާއަށް ހެޔޮ އެދިގެން ދެއްކި ވާހަކައެވެ. ދިނީ ވެސް ހެޔޮ ރަނގަޅު ނަސޭހަތެވެ.

އިޝާ ނަމާދަށް ގޮވުމާއެކު ފަޅު ގެއިން ނިކުމެ ދެ އެކުވެރިން ދެ މިސްރާބަކަށް ދާން ނިންމީ އާޔާ ފުރިހަމަ ކުރި ޑެއާގައި އޭނާއާއެކު އިތުރު މީހަކު ފަޅު ގޭގައި މަޑު ކުރި ކަން ރައްޓެހިންނަށް ސިއްރު ކުރާށެވެ. ބޯޅަދަނޑާ ވީ ދިމާލަށް ނިކުންނަށް ފަވާޒް މިސްރާބު ޖެހުމުން އާޔާ ވެސް ހިނގައިގަތީ ސްކޫލް ބިއްދަށް ފަރާތަށް ދެވޭ މަގުންނެވެ.

ކުރިއަށް ތަންކޮޅަކަށް ދެވުނު ތަނާ ހެން އެއްޗެއް ނުލައި އާދެވުނު ކަން އިހްސާސްވުމުން އާޔާ މަޑު ޖެހުނެވެ. އަނދިރިކަން ވެރިވެފައި އޮތް އެ ވަގުތު އެކަނިމާ އެކަނި އެނބުރި އެ ފަޅުގެއަށް ދާން އާޔާ ޖެހިލުން ވިއެވެ. ނަމަވެސް ބައޮލޮޖީ ފޮތް ނުލާ ގެއަށް ދާކަށް އާޔާއަކަށް ނުކެރުނެވެ. މިރޭ ވާރޭ ވެހިއްޖިއްޔާ އެ ފޮތް ތެމިދާނޭ ހިތަށް އެރިއެވެ. ފޮތް ގެއްލިއްޖޭ ބުނެ މަންމަ ކައިރީ ދޮގު ހެދިދާނޭ ހިތަށް އެރިއެވެ. ނަމަވެސް މަންމައަށް ދޮގު ހެދުމަކީ އޭނާއަށް ކުރަން ވަރަށް އުނދަގޫ ކަމެކެވެ. އެހެންކަމުން އާޔާ ބޭނުންވީ އެ ފޮތް ބަލާ އަނބުރާ ފަޅު ގެއަށް ވަންނާށެވެ.

އެކަނި ފަޅުގެއަށް ވަންނަން ދިޔައިރު، އާޔާ ހުރީ ވަރަށް ބިރުންނެވެ. ރޭގަނޑުވެ އަނދިރިވުމުން އޭނާގެ ހިތަށް ވަނީ ނުތަނަވަސް ކަން ވެރިވެފައެވެ. ގަހަކުން ފަތެއް ހެލިލިޔަސް އާޔާ ހުރީ ސިހިސިހިއެވެ. ދުލަށް އައިހާ ހެޔޮ އެއްޗެއް ކިޔަމުން ގޮސް އެ ފަޅުގޭގެ ފާރުމަތިން ފުންމާލި އާޔާގެ ފައި ފުރޮޅާލައިގެން ބިންމައްޗަށް އޭނާ ވެއްޓިއްޖެއެވެ. އަތުގައި އަދި ލައިގެން ހުރި ޓްރެކްސޫޓުގައި ހުރި ވެލިތައް ފޮޅާލަމުން އާޔާ ތެދުވެ އެ ފަޅުގޭގެ ފެންޑާއާ ދިމާއަށް ބަލާލީ، ފޮތް ނަގައިގެން އެނބުރި ގެއަށް ދާން ބޭނުންވެފައި ހުރިލެއް ބޮޑު ކަމުންނެވެ.

ގޯތިތެރެއިން އުނދޯލި ހުރި ދިމާއަށް އާޔާ ފިޔަވަޅު އަވަސްކޮށްލި ނަމަވެސް އެތަނުން މީހެއްގެ ހިލަން ވީހެން ހީވުމުން އާޔާ މަޑުޖެހިލިއެވެ. ޖޯލީގައި އިށީނދެގެން މީހަކު އިން ތަން ފެނުމުން އާޔާ ކުރިއަށް ފިޔަވަޅު އަޅާލީ މަޑުމަޑުންނެވެ. އެއީ ކާކު ކަން އެނގުމުން އާޔާގެ ހިތަށް ހަމަޖެހުމެއް ލިބުނެވެ.

(ނުނިމޭ)