ފުވައްމުލަކުގައި ޑައިވިން އަށް ދިޔަ މީހަކު ގެއްލިގެން ހޯދަން ފަށައިފިއެވެ.
ފުލުހުން ބުނީ ފުވައްމުލަކުގައި ޑައިވިން އަށް ދިޔަ ދިވެހި ފިރިހެނަކު ގެއްލިފައިވާ ކަމުގެ މައުލޫމާތު ލިބިފައިވަނީ މިއަދު ހަވީރު 3:43 ހާއިރު ކަމަށާއި. އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ޑައިވިން އަށް ދިޔަ މީހަކު ގެއްލުމުގެ އިތުރުން، ޑައިވިން އަށް ގޮސް އުޅުނު އިތުރު މީހެއްގެ ހާލު ގޯސްވެ، އޭނާ އަށް އަންނަނީ ފުވައްމުލަކު ހޮސްޕިޓަލްގައި ފަރުވާ ދެމުންނެވެ.
އެފަދަ މައުލޫމާތެއް ލިބިފައިވާ ކަމަށް ފުވައްމުލަކު އިރު އުތުރު ދާއިރާގެ ކައުންސިލަރު އަބްދުﷲ ނާސިރު އަހްމަދު ވަނީ "ދަ ޕްރެސް" އަށް ކަށަވަރު ކޮށްދެއްވާފައެވެ. އަދި އެ ސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.
ޑައިވިން އަށް ގޮސް އުޅުމުގެ ތެރޭގައި ހާލަތު ގޯސްވެ، ފަރުވާ ދެމުންދާ މީހާގެ މައުލޫމާތު ހޯދަން ގުޅުމުން ފުވައްމުލަކު ހޮސްޕިޓަލުން ޖަވާބު ދީފައެއް ނުވެއެވެ.
މި ކަމާ ގުލިގެން އެމްއެންޑީއެފުން ބުނީ، ޏ. ފުވައްމުލަކު ނެރުކައިރިއަށް ޑައިވިނަށް ފޭބި މީހެއްގެ ޚަބަރެއް ނުވެގެން އެމީހާ ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް ކޯސްޓްގާޑު ސްކޮޑްރަންއިން ކުރަމުން ދާ ކަމަށާއި ގެއްލިގެން ހޯދަމުންދަނީ އުމުރުން 35 ވަރަކަށް އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ.