ގދ. ތިނަދޫގައި ފުލުހުން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި މަސްތުވާތަކެއްޗާއެކު ދެ މީހަކު ހައްޔަރުކޮށްފިއެވެ.
މަސްތުވާތަކެތި އެތެރެކުރުމާއި އެތަކެތި ޓްރެފިކް ކުރުން ހުއްޓުވުމަށްޓަކައި 2026 ޖުލައި މަހުން ފެށިގެން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، މި އޮޕަރޭޝަން ހިންގާފައިވަނީ މި މަހުގެ 3 ވަނަ ދުވަހުއެވެ.
މި އޮޕަރޭޝަނަކީ އަޕާ ސައުތު ޕޮލިސްގެ ކައުންޓާ ނާކޮޓިކްސް އޮޕަރޭޝަން ޓީމާއި، ގދ. ތިނަދޫ ޕޮލިސް ސްޓޭޝަން އަދި ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެއް ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ގދ. އަތޮޅު ޕޮލިސް ސްޓޭޝަނުން މައުލޫމާތު ދިން ގޮތުގައި ގިނަ އަދަދަކަށް މަސްތުވާތަކެތި އެތެރެކޮށް ޓްރެފިކްކުރާކަމުގެ ތުހުމަތުގައި، ކޯޓު އަމުރެއްގެ ދަށުން ތިނަދޫ މިއްރީހުގެ ބަލައިފާސްކޮށް ވަނީ ދެ މީހަކު ހައްޔަރުކޮށްފައެވެ. މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ:
- ޏ. ފުވައްމުލައް / ދޯނާޑް، މުހައްމަދު ޘަނާއު (31އ)
- ޏ. ފުވައްމުލައް / ކެމީ، އިބްރާހީމް ނުއާސް (30އ)
މި ދެ މީހުންނަކީވެސް މި މަސްތުވާތަކެތީގެ ނެޓްވޯކުގައި އިސްކޮށް ހަރަކާތްތެރިވާ ކަމަށް ތުހުމަތުކުރެވޭ ދެ މީހުން ކަމަށް ވެއެވެ.
ފުލުހުން ބަލައިފާސްކުރި ގެއިން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 107.72 ގްރާމުގެ ޝީޓަކާއި، މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެހި ހުރި 31.25 ގްރާމުގެ ޕެކެޓެއް ފެނިފައިވެއެވެ. މި ތަކެތީގެ ވަގުތީ ޖުމްލަ ބަރުދަނުގައި 138.97 ގްރާމް ހުއްޓެވެ. މީގެއިތުރުން، މި އޮޕަރޭޝަނުގެ ތެރެއިން އެ ރަށުގެ އިތުރު 2 ގެއެއްވެސް ފުލުހުން ވަނީ ބަލައިފާސްކޮށްފައެވެ.
މި މައްސަލައިގައި ހައްޔަރުކުރި ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، އެމީހުންގެ ބަންދަށް 10 ދުވަހުގެ މުއްދަތެއް ވަނީ ދީފައެވެ.
މި މައްސަލަ ގދ. ތިނަދޫ ޕޮލިސް ސްޓޭޝަނާއި ކްރައިމް ސެލް އިންވެސްޓިގޭޝަން ގުޅިގެން މިހާރު ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.
