އާޔާގެ ގައިގައި ހިފައި މާހިލް އޮޅުލައިގެން އިރު އާޔާ މަސައްކަތް ކުރީ ގަދަ ހަދާށެވެ. މާހިލްގެ ހަރަކާތްތައް ހުރި ގޮތުންނާއި އަންމަޑޭ އެ މަންޒަރު ވީޑިއޯ ކުރަމުން ދިޔަ ތަން ފެނުމުން އެމީހުންގެ ނިޔަތް ރަނގަޅު ނޫން ކަން ދެނެގަންނަން އާޔާއަށް އެނގުނެވެ. މާހިލްއަކީ ރަނގަޅު މީހެއްގެ ގޮތުގައި ދެކިގެން ހުރި އާޔާއަށް އެއީ ރަނގަޅު މީހެއް ނޫން ކަން އެނގުމުން ބޭނުންވީ އެމީހުންގެ އަތުން ވީއްލިގެން އެތަނުން ދާށެވެ.

އެވަގުތު ފަވާޒް ދެއްކި ވާހަކަތައް އާޔާގެ ހަނދާނަށް އައެވެ. އާޔާ ގާތްވަމުން އެދާ ރަހްމަތްތެރިންނަކީ ރަނގަޅު ބައެއް ނޫން ކަމަށާއި އެމީހުން އާޔާއަށް ބޭނުން ގޮތެއް ހަދަމުންދާ އިރު އެމީހުން ބޭނުންވާ ގޮތަށް އާޔާގެ ކަންކަން ބަދަލު ކުރުމަކީ ހެދޭ ގޯހެއް ކަމަށް ބުނެ އެމީހުންނާ ދުރަށް ދާން އެދި ފަވާޒް ދިން ނަސޭހަތް އާޔާއަށް އިވުނު ކަހަލައެވެ. އަދިވެސް ވަގުތު އެބަ އޮތް ކަމަށް އާޔާގެ ޅަ ސިކުނޑި ގަބޫލު ކުރިއެވެ. އެމީހުންގެ ކައިރިން ސަލާމަތްވާން ގަދަ ހަދަމުން ދިޔަ އާޔާ އާދޭސް ކުރަން ފެށީ އެހިސާބުންނެވެ.

"އަހަރެން ދޫކޮށްލާ... ހެޔޮ ނުވާނެ.. މިހާރު މަންމަ އަހަރެން ގެއަށް ނައިސް ލަސްވެގެން ހޯދާނެ..."

އާޔާ ކުރަމުން ދިޔަ އާދޭހުގެ އަޑުތައް އެމީހުންނަށް ނީވޭ ކަހަލައެވެ. މާހިލްގެ އަތުން ސަލާމަތްވެގެން އާޔާ ދާން އުޅުނު ވަގުތު އާޔާ ލައިގެން ހުރި ޓީޝާޓުގައި ހިފާ މާހިލް ދަމައިގަތީ އޭނާ ހިފަހައްޓާށެވެ. އިސްކޮޅާ އެއްވަރުގެ ރޫފައެއް ހުރި އާޔާ ހިފެއްހެއްޓުންވީ މާހިލްއަށް އުނދަގޫ ކަމަކަށެވެ. އޭނާ އެކަނި ގަދަހަދަމުން ދިޔަ އާޔާ ނުހިފޭއްޓޭނެކަން ޔަގީން ވިއެވެ. އެ ވަގުތު ބަނޑުވަތަށް އާޔާ ވެއްޓެން ދިޔައިރު މާހިލް ޓީޝާޓްގައި ބާރަށް ހިފެހެއްޓުމުން އެ ޓީޝާޓް ވީދިގެން ދިޔަކަން އާޔާއަށް އެނގުނެވެ.

ހާމަވަމުން ދިޔަ އާޔާގެ ހަށިގަނޑު ނިވާ ކުރަން ބޭނުންވެ ދެއަތުން ގައިން ވަކިވެގެން ދިޔަ ޓީޝާޓުގައި ހިފަހައްޓަން އާޔާ މަސައްކަތް ކުރިއެވެ. އަރިއަޅާލައިގެން ބިންމައްޗަށް ވެއްޓެން ދިޔަ އާޔާ ގުޅަވަރަކަށް ޖެހުނު އިރު އޭނާގެ ނިއްކުރި ޖެހުނީ އެތަނުގައި އޮތް ގާބުރިއެއްގެ މަތީގައެވެ. ވީ ތަދުން ދެލޯ މަރާ ބާރުކޮށްލަމުން ނިތްކުރި މަތީ އަތް އަޅަން އާޔާ މަސައްކަތް ކުރީ އަނެއް އަތުން މޭމަތި ނިވާކުރަމުންނެވެ. ލޯ ހުޅުވާލި ވަގުތު އޭނާގެ ކައިރިއަށް ފޯނު ހިފައިގެން ލެފިގަތް އަންމަޑޭގެ މޫނު ފެނުން ކަން އާޔާ އަށް އެނގުނެވެ. ދެން އޭނާގެ ލޯ މައްޗަށް މަންޒަރު ފުސްވަމުން ގޮސް ހަބަރު ހުސްވީއެވެ.

ހަބަރު ހުސްވެފައި އޮތް އާޔާއާ ދިމާއަށް ބަލަހައްޓައިގެން މާހިލް އާއި އަންމަޑޭ ތިބީ ހަދާނެ ގޮތެއް ނޭނގިފައެވެ. އޭނާ ހޭއަރައިގެން ގޮސް އެ ވާހަކަ މީހެއް ކައިރީ ދައްކަފާނެތީ ވެސް އެމީހުން ފަސްޖެހުނެވެ، ނަމަވެސް އާޔާއަކީ އެމީހުންނޭ ކިޔައިގެން އެފަދަ ވާހަަކައެއް ދައްކަން ކެރޭނެހާ ގަޓު ހުރި ކުއްޖެއް ނޫން ކަމަށް އަންމަޑޭ ބުނުމުން މާހިލް ބޭނުންވީ އަވަހަށް އެ ފަޅުގޭ ތެރެއިން ނިކުންނާށެވެ. ދާން ނުދާން ކަހަލަ ގޮތަކަށް އާޔާއާ ދިމާއަށް ބަލަހައްޓައިގެން ހުރި އަންމަޑޭގެ އަތުގައި ހިފާ މާހިލް ދަމައިގަތުމުން އެކުވެރިޔާގެ ފަހަތުން އަންމަޑޭ ވެސް އެ ފަޅުގޭ ތެރެއިން ނިކުންނަން އަވަސްވެގަތެވެ.

ފަޅު ގޭތެރެއިން ނިކުތް ދެ އެކުވެރިން އެކުގައި މިސްރާބު ޖެހީ ސްކޫލް ބިއްދަށް ފަރާތު މަގުން ނިކުންނާށެވެ. ނަމަވެސް އެ ދެމީހުންގެ ފިޔަވަޅު މަޑު ޖެހުނީ މާހިލްގެ ފޯނު ރިންގް ވާން ފެށުމުންނެވެ. ފޯނު ނަގާ މާހިލް އޭގެ ސްކްރީނަށް ބަލާލިއެވެ. އެއަށް ފަހު އަންމަޑޭ މޫނަށް ބަލާލަމުން އެ ގުޅަނީ އަޒްކާ ކަމަށް ބުންޏެވެ.

އަންމަޑޭއަށް ވެސް އަޒްކާ އާއި ނުހާ މެސެޖުކޮށް ގުޅާފައި އެބަހުރި ކަމަށް ބުންޏެވެ. އެވަގުތު އަޒްކާގެ ކޯލް މާހިލް ނަގަން އުޅުމުން އަންމަޑޭ އޭނާ ހުއްޓުވިއެވެ. އެ ކޯލް ނެގުމަކީ ބުއްދިވެރި ކަމެއް ނޫން ކަމަށް ބުނަމުންނެވެ. އަދި ސްކޫލް ބިއްދަށް ފަރާތުން ދެމީހުން އެކުގައި ނިކުތުމަކީ ވެސް ރަނގަޅު ހިޔާލެއް ނޫން ކަމަށް ބުނެ މާހިލް ބޯޅަ ދަނޑާ ވީ ފަޅިން ނިކުންނަށް ހިޔާލު ދިނީ އަންމަޑޭއެވެ. އެކަމަށް އެއްބަސް ބެ މާހިލްގެ މިސްރާބު ބޯޅަދަނޑާ ދިމާއަށް އަނބުރާލިއެވެ. އަދި އަންމަޑޭ ސްކޫލް ބިއްދޮށް މަގުން ނިކުންނަން އަވަސްވެގަތެވެ. ތަންކޮޅަކަށް ދެވުމުން އަންމަޑޭ ފިޔަވަޅު މަޑުކޮށްލިއެވެ. އަދި މާހިލް ދިޔަ ކަން ޔަގީން ކުރުމަށް ފަހު ފަޅު ގެއަށް ވަންނަން އަންމަޑޭ ނިންމިއެވެ.

ހޭނެތިފައި އޮތް އާޔާއާ ހަމައަށް ގޮސް ހުއްޓުނު އަންމަޑޭ އޭނާގެ ފޯނު ނަގާ އާޔާގެ ހަށިގަނޑުގެ ވަނާތަކަށް ފޯން އަމާޒުކޮށްގެން ފޮޓޯތަކެއް ނެގިއެވެ. އެއަށްފަހު ބިންމަތީގައި އޮތް ގާބުރިއެއްގައި އެ ފޯނު ވިއްދާލަމުން، އާޔާ އޮތް ދިމާ ރީއްޗަށް ފެންނާނެހެން އެ ފޯނު ބައިންދާލިއެވެ. އަދި ވީޑިއޯ ކުރަން ޖައްސާފައި އައިސް އާޔާ ކައިރީ ބިންމަތީ އިށީންނަމުން އޭނާ ލައިގެން ހުރި ޖިންސުގެ ގޮށްތައް ނައްޓާލިއެވެ.

*** *** *** *** *** ***

ސިހިފައި އަންމަޑޭ ދޮރާ ދިމާއަށް ބަލާލީ އެ ދޮރުގައި ބަންބަންލާފައި މީހަކު ޓަކި ޖަހާ އަޑަށެވެ. ހާސްވެފައި ހުރި އަންމަޑޭގެ ނިއްކުރިމަތީ ހިއްލާފައިވާ ދާތިކިތައް އަތުގެ ނުފުށުން ފޮހެލުމަށް ފަހު އޭނާ ގޮސް އެ ކޮޓަރީގެ ދޮރު ހުޅުވާލީ އަތުގައި އޮތް ފޯނު ޖިންސުގެ ޖީބަށް ކޮށްޕާލަމުންނެވެ. އޭނާގެ މަންމަ ދޮރުގައި ތަޅާނީ އެހެންކަން އޭނާއަށް އެނގޭތީ ނިއްމައްޗަށް ރޫގިނަ ކޮށްލަމުން އަންމަޑޭ ދޮރު ހުޅުވާލީ ފޫހި ރާގަކަށް ވީ ކިހިނެއްހޭ އަހާލަމުންނެވެ. އިތުރު ބަހެއް އަންމަޑޭއަށް ނުބުނެވި މިހާގެ ދެލޯ ބޮޑުވެގެން ދިޔައީ ކޮޓަރި ދޮރުމަތީ ތިބި ފުލުހުންގެ ދެ އޮފިސަރުން ފެނުމުންނެވެ.

އަންމަޑޭއާ ސުވާލުކުރަން ބޭނުންވާ ކަމަށް ބުނެ އެމީހުން އައީ އާޔާ ގެއްލުނު މައްސަލައިގެ ތަހުގީގު ހިންގަން ކަމަށް ބުންޏެވެ. އެ ހަބަރާއެކު އަންމަޑޭގެ ފައިދަށުން ބިންގަނޑު ދެމިގަން ކަހަލައެވެ. ދޮރު ހުޅުވުމުގެ ކުރިން ފޯނުގައި ހުރި ފޮޓޯތަކާއި ވީޑިއޯތައް ޑިލިޓް ކޮށްލެވުނު ނަމައޭ ހިތަށް އެރިއެވެ. އެވަރު ވިސްނާނުލެވުނީތީ ސަހަރޯއޭ އޭނާއަށް ހީވިއެވެ. ސުވާލުތައް ކުރަން ފެށުމުގެ ކުރިން ފުލުހުން އެދުނީ އަންމަޑޭގެ ފޯނު ދިނުމަށެވެ. އިތުރު ގޮތެއް ނެތް ކަން އެނގުމުން އަންމަޑޭ އޭނާގެ ޖީބުގައި އޮތް ފޯނު ނަގަމުން ކިހިނެއްތޯ ވީ ސުވާލު ކޮށްލިއެވެ.

މާ ގިނަ ސުވާލު ނުކުރުމަށް އެދި ފުލުހުން އަހާ ސުވާލުތަކަށް ޖަވާބު ދިނުމަށް އެދި އޮފިސަރެއް ވާހަކަދެއްކީ އަމުރުވެރި ރާގަކަށެވެ. އަދި ތަހުގީގަށް އެއްބާރުލުން ދިނުމަށް އެދެމުން އޭނާގެ އަތުގައި އޮތް ފޯނު އެތަނުން އޮފިސަރެއް އަތުލިއެވެ. އެއަށްފަހު އެ ފޯނުގެ ކޯޑުޖަހާ ލޮކް ހުޅުވުމަށް ފަހު ގެލެރީއަށް ވަދެ އޭގައި ހުރި ފޮޓޯތަކާއި ވީޑިއޯތައް އެމީހުން ޕްލޭ ކޮށްލިއެވެ.

*** *** *** *** *** ***

ސިއްސައިގެން ގޮސް ލޯ ހުޅުވާލެވުނީ އާޔާގެ ހަށިގަޑުގައި މީހަކު ބިހޭ ކަމުގެ އިހްސާސެއް ވުމުންނެވެ. އަދި ނުވާންޖެހޭ ކަމެއް ވަމުން ދިޔަ ފަދަ އިހުސާސެއް ކުރެވުމުން ބޮލަށް ބަރުވެފައި އޮތް ނަމަވެސް އާޔާ އެ އޮތް ތަނުން ތެދުވަން މަސައްކަތް ކުރިއެވެ. ލޯ މަތި ދުޅަވެފައި އޮތުމުން އޭނާގެ ލޯ ރީއްޗަކަށް ނުހުޅުވުނެވެ. ދެލޯ ފުސްވެފައި ވުމުން އެ މާހައުލުން އެއްޗެއް ސާފުކޮށް ނުފެނުނެވެ. ނަމަވެސް އެތަނަށް ވެރިވެފައިވާ އަލިކަމުގެ ތެރެއިން އޭނާގެ ގައިމައްޗަށް ސަވާރުވެގެން މީހަކު އޮތް ކަން އެނގުނެވެ. ނަމަވެސް އެއީ ކާކުކަން ދެނެގެންނާކަށް އާޔާއަށް ނޭނގުނެވެ.

"ކާކު..... ޕްލީސް އަހަރެން ދޫކޮށްލާ.... ހެޔޮނުވާނެ... ތިހެން ނުހަދާ.... އަހަރެން ދޫކޮށްލާ...."

އެ އަނިޔާވެރިޔާގެ ވަކިތަކުން މިންޖުވޭތޯ، ދޫކޮށްލަން އެދި އާޔާ އަދޭސް ކުރަން ފެށިއެވެ. ނަމަވެސް އާޔާގެ ގޮވުންތަކަށް އެ މީހާ މާ ބޮޑު ސަމާލުކަމެއް ނުދެއެވެ. ގައިގާ އަޅަމުން ދިޔަ ވޭނުން އާޔާއަށް ކެތްކުރަން ދަތިވިއެވެ. އަދި އޭނާއަށް ގަދަ ހަދަން ވެސް ކުރެވޭނެ ކަމެއް ނެތް ކަން އެނގުނެވެ. ދެން އާޔާ މަދަދަށް އެދި ހަޅޭއްލަވަން ފެށިއެވެ. މީހެކޭ ކިޔާ ގޮވާ އޭނާ ހަޅޭއްލަވަން ފެށީ ގައި ހުރި ބާރެއް ލާފައެވެ. ކުރަކިވެފައިވާ އެ އަޑު ފަޅައިގެން ގޮސް ފިސް އަޑަކުން އާޔާ ހަޅޭއްލަވަން ފެށީ އެ އަނިޔާވެރިޔާގެ ކިބައިން ސަލާމަތްވާން ހެދޭނެ އިތުރުގޮތެއް ނުވިސްނުނީމައެވެ. މީހަކަށް އޭނާ ގޮވާ އަޑު އިވޭތޯއެވެ.

ދެން އާޔާއަށް އިހްސާސް ވީ އޭނާގެ ކަރުގައި ދެއަތުން ހިފާ ބާރުކޮށްލި ކަމެކެވެ. ހަޅޭއްލަވަމުން ދިޔަ އާޔާގެ ނޭވާ ހުސްވާ ހިސާބަށް ދިޔައިރު އަޑު ބޭރުވާ ގޮތެއް ނުވިއެވެ. ކަރަށް ވާންވެފައި ހުރުމުން ދެއަތުން އެމީހާގެ އަތުގައި ހިފާ ކަރަށް ދުލެއް ލިބޭތީ އާޔާ ތެޅި ފޮޅުނެވެ. އޭރު ނޭވާ ހާސްވެ އާޔާގެ ދެލޯ ބޮޑުވެއްޖެއެވެ. ތަންމިނަށް ހުޅުވާފައިވާ އަނގައިން ނޭވާލާން މަސައްކަތް ކުރިއަސް ނޭވާއެއް އެ ހަށިގަނޑުގެ އެތެރެއަށް ނުވަންނާނެ ކަން އެނގުނެވެ. މަރު ގާތްވެއްޖޭ އާޔާގެ ހިތަށް އެރީ އެހިސާބުންނެވެ. ކެއްސުމެއް އަރާ ނޭވާލާން ބޭނުންވެ މިހާ ދިޔައީ މަރަށް ތެޅެމުންނެވެ. ތަގުޅިކޮށްފައިވާ ދެލޯ ހުޅުވާލި ވަގުތު އާޔާއަށް މި އޮވެވުނީ އެނދުމަތީގައި އެނގުމުން ވަށައިގެން ބަލާލެވުނެވެ.

ފުންމައިގެން އަޔާ ތެދުވެ ނޭވާލާން މަސައްކަތް ކުރިއެވެ. އަދިވެސް އޭނާގެ ކަރުގައި އެމީހާ ހިފާފައި ހުރި ކަހަލައެވެ. ހަމައަށް ނޭވާ ލެވުމުން އާޔާ ބޭނުންވީ އޭނާއަށް ހަނދާންވި ބައި އެކްޒެމިނޭޝަން ޕެޑްގައި ލިޔާށެވެ. އެމީހާ ބުނި ބަސްތަކާއެކު އެމީހާއަކީ ކާކުކަން ވެސް އާޔާއަށް ހަނދާން ވެއްޖެއެވެ. އެމީހާ ދިން އިންޒާރުގެ ބަސްތަކުން ސަލާމަތް ވެވޭނެ ބާއޭ އާޔާގެ ހިތް ބުނަމުން ދިޔައެވެ. އެ އާއިލާ ބަދުނާމު ވެ މުޅި ދުނިޔެއަށް އާޔާ ފަލީހަތް ވުން ހުއްޓުވަން އޭނާއަށް ކުރެވޭނެ ކަމެއް އެބަ އޮތް ބާއޭ އާޔާގެ ހިތަށް އެރިއެވެ.

އެ ހާދިސާއިން އޭނާއަށް ހަނދާންވި ކަންކަން އެ ފޮތުގައި ލިޔަން ފެށިއެވެ. ލިޔަމުން ދިޔަ އިރު އެ މަންޒަރުތައް އޭނާއަށް ދިޔައީ ސިފަވަމުންނެވެ. އެ ބީހުންތަކާއި އެ އަނިޔާތައް އޭނާއަށް އިހްސާސްވެ މުޅި ހަށިގަނޑާއި ސިކުނޑީގައި އުފެދުނު ރިހުންތައް އާވާން ފެށިއެވެ. ލިޔެ ނިމުނު އިރު މުޅި މީހާ ވަނީ ދާ ހިއްލާ ތެމި ފޯވެފައެވެ. އެހެންކަމުން އާޔާ ބޭނުންވީ ދެން ފެންވަރާލާށެވެ.

މާގަނޑު ދަށަށް ވަދެ ހުރި އާޔާގެ ހަށިގަނޑުގައި ފެންތައް ބީހިލާފައި ދާއިރު އެއިންވެސް އޭނާއަށް ވަމުން ދިޔައީ އުނދަގުލެވެ. ގައި އުނގުޅަން ގެންގުޅޭ ސްޕޮންޖަށް ސައިބޯނި ކޮޅެއް އަޅާލުމަށް ފަހު މުޅި ގައިގާ އެ ސްޕޮންޖް އޭނާ އުނގުޅަން ފެށިއެވެ. ފަހަރެއް ފަހަރެއް ބާރަށެވެ. އަތަށް ލެވުނު ބާރެއްލާ ގައި އުނގުޅަމުން ދިޔަ އިރު ހީވަނީ ގައިގެ ތެޔޮ ހަންގަނޑު ދުއްވާލަފާނެ ހެންނެވެ. ރޮމުން އޭނާ ގައި އުނގުޅަމުން ދިޔައީ އަދިވެސް އޭނާގެ ގައިގާ އެމީހާ ބީހުނު އިހްސާސް ކުރެވޭތީއެވެ. އެ އިހްސާސްތަކުން ނަޖާ ވާށެވެ.

މާގަނޑު ދަށުގައި ރޯން އިން އާޔާއަށް އޭނާގެ ކޮޓަރީގެ ދޮރު ހުޅުވާލި އަޑު އިވުނު ހެން ހީވުމުން މީހާ މަޑު ޖެހިލިއެވެ. އަދި މާގަނޑު ބާރުކޮށްލަމުން ކޮޓަރި ތެރޭ މީހަކު އުޅޭ ކަމުގެ އިހްސާސް ވުމުން ކާކުތޯ އޭނާ އަހާލީ ރޮމުން ދިޔަ ކަން ސިއްރު ކުރަން މަސައްކަތް ކުރަމުންނެވެ.

ކޮޓަރިތެރޭ ހުރި އާމިރާއަށް އޭނާގެ ދަރިފުޅު ގޮވާލި އަޑަށް ސިހުން ވިއެވެ. "މީ މަންމައޭ.. ދަރިފުޅު ފެންވަރަނީތަ..."

އާމިރާ ކޮށްލި ސުވާލަށް ޖަވާބު ދެމުން އާޔާ ބޭނުންވީ އަވަހަށް ފެންވަރައިގެން ނިކުންނާށެވެ. އެހެންކަމުން ގައިގައި ހުރި ސައިބޯނިތައް ފިލުވާލަން އަވަހަށް މާގަނޑު ދޫކޮށްލިއެވެ.

އާމިރާގެ ނަަޒަރު އޭރު ހުއްޓިފައި ވަނީ އެނދުމަތީ އޮތް އެގްޒެމިނޭޝަން ޕެޑަށެވެ. އޭގައި ލިޔެފައި އޮތް އެއްޗެއް އާމިރާ ކިޔަން ބޭނުން ވިއެވެ. އެހެންކަމުން ގަލަން ލައްވާފައި އޮތް ސަފްހާ ހުޅުވާލަމުން އާމިރާގެ އަތުގައި އޮތް ފޯނުން އެ ގަނޑުގައި އާޔާ ލިޔެފައިވާ ލިޔުންކޮޅު ފެންގޮތަށް ފޮޓޯއެއް ނަގާލިއެވެ. އިތުރަށް ލިޔެފައި އޮތް ދެ ސަފްހާއެއްގެ ވެސް ފޮޓޯ ނެގުމަށް ފަހު ފޮތް ކުރިން އޮތްގޮތަށް ބާއްވާފައި އާމިރާ އެ ކޮޓަރިން ނިކުމެ މަޑުމަޑުން ދޮރު ލައްޕާލިއެވެ.

ފާހާނާއިން އާޔާ ނިކުތް އިރު އޭނާގެ މަންމަ އެ ކޮޓަރިއަކު ނެތެވެ. އެ ވަގުތު އާޔާގެ ނަޒަރު ހުސްކޮށްލެވުނީ އެނދުމަތީގައި ބާއްވާފައި އޮތް އެގްޒެމިނޭޝަން ފޮތަށެވެ. އެނދުގައި އާޔާ އިށީން އިރު އޭނާގެ ތެތްވެފައިވާ އިސްތަށިގަނޑު ވާނީ ހޭވިފައެވެ. ތެތް އިސްތަށިގަނޑުން ފައިބަމުން ދިޔަ ފެންތިކިތަކުން އާޔާ ލައިގެން ހުރި ހުދު ނިދާ ހެދުން ތެމެމުން ދިޔައިރު، އަތުގައި އޮތް ތުވާލިން އިސްތަށި ހިއްކަން ވެސް އޭނާ ބޭނުން ނުވާ ކަހަލައެވެ. އާޔާއަށް ކުރަމުން ދިޔަ އިހްސާސްތައް ދުލުން ބަޔާން ކުރަން ދައްޗެވެ. ހިތުގައި އަޅަމުން ދިޔަ ވޭންތައް ތަހައްމަލު ކުރަން އޭނާއަށް އުނދަގޫވިއެވެ. އެ އިހްސާސްތައް މީހަކާ ހިއްސާ ކުރަން ވެސް އޭނާ ލަދު ގަތެވެ. ބިރުވެސް ގަތެވެ.

ގަބުވެފައި އިން އާޔާގެ ސިކުނޑިއަށް އެކި ހިޔާލުތައް ވަންނަމުން ދިޔައިރު އޭނާއަށް އެތާ އެހެން އިނދެވުނީ ކިހާ އިރެއް ވަންދެން ކަން ނޭނގުނެވެ. މުޅި އިސްތަށިގަނޑު ހިކި ފަންކަލުން ޖެހުމުން ދިޔަ ވަޔާ އެކުވެ އެ ފަން އިސްތަށިތައް ދިޔައީ ވިހުރެމުންނެވެ. އެއްވެސް ތަރުތީބެއް ނެތި އޭނާގެ މޫނުމައްޗަށް ވެއްޓިފައިވާ އިސްތަށިތަކުން ވެސް އޭނާއަށް އުނދަގުލެއް ނުވާ ކަހަލައެވެ. ކުއްލިއަކަށް ކަމެއް ހަނދާން ވެގެން އާޔާއަށް ބަލާލެވުނީ ފާރުގައި ހަރުކޮށްފައިވާ ގަޑިއަށެވެ. އޭރު ގަޑިން ހެނދުނު 7 ޖެހީއެވެ.

*** *** *** *** *** ***

ގެއަށް ވަދެ މާހިރު ސަލާމް ގޮވާލި އަޑަށް އެކުވެރިޔާގެ އިންތިޒާރުގައި ހުރި ފަވާޒު އެގޭ ތެރެއިން ނިކުތެވެ. މާހިރު ފެނުމުން ފަވާޒުގެ ހިތަށް ހަމަޖެހުމެއް ލިބުނެވެ. އެކުވެރިޔާގެ މޫނުމަތިން ފަވާޒަށް ފެނުނީ ކޮންމެވެސް ބޮޑު ކަމެއް ވެއްޖެ ކަމުގެ ހާސްކަމެކެވެ. ވީ ކީއްތޯ އަހާލަމުން މާހިރާ އެކު އެ ގޯތިތެރޭ ހުރި ޖޯލި ފަތީގައި ދެމީހުން އިށީނެވެ. މާހިރު ފުން ނޭވާއެއް ދޫކޮށްލަމުން ވާހަކަ ކިޔައިދޭން ފެށިއެވެ.

"އަހަރެން ރައްޓެހި އޮފިސަރެއް ކައިރީ އަހައިގެން ވާނުވާ އޮޅުން ފިލައިފި... އާޔާއަށް އެހެން ހެދީ އޭނާ ކްލާސް ދެ ކުއްޖެކޯ... އޭގެ ތެރެއިން އެއް ސޮރު އާޔާ ވެއްޓި ހޭނެތުނީމަ ދިޔައީޔޯ.. އެކަމަކު ދެން ހުރި ސޮރު އާޔާއަށް...." މާހިރު މަޑު ޖެހިލަމުން ފަވާޒުގެ ރަތްވަމުން ދިޔަ މޫނަށް ބަލާލިއެވެ. އާޔާއަށް އަންމަޑޭ ހެދި ގޮތް ކިޔައިދީ ނިމުނު އިރު ފަވާޒު އިނީ ރުޅި އައިސްގެން ގޮސް ފަޅައިގެން ދާން ކައިރިވެފައެވެ. އިން ތަނުން ފަވާޒް ތެދުވި ގޮތުން އޭނާ މި ވަގުތު ދާނީ އަންމަޑޭ ހޯދަން ކަން މާހިރަށް އެނގުނެވެ.

"މަޑުކޮށްބަލަ...އޭ.... އެމީހުން ތިބީ ފުލުސް އޮފީހުގައޭ... އެ ފޯނުގައި ވީޑިއޯ ވެސް އެބަހުރި... ކުށް ސާބިތުވާ ވަރަށް ހެކި އެބަހުރި... މަޑުކޮށްބަލަ... އޭ ފަވާޒޫ މަ ދައްކާ ވާހަކަ އިހަށް އަޑު އަހާބަލަ..."

މާހިރު ދައްކަމުން ދިޔަ އެއްވެސް ވާހަކައެއް އަޑުއަހަން އެތާ މަޑުކުރާކަށް ފަވާޒު ބޭނުމެއް ނުވިއެވެ. އޭނާ ގެއިން ނިކުމެ މަގުގެ ދެފަރާތް ބަލާލުމަށް ފަހު ހިނގައިގަތީ ހިތަށް އުނދަގޫ ވުމުންނެވެ. ފަވާޒަށް ގޮވަމުން މާހިރު އެ ގެއިން ނިކުތް އިރު ޖެހިގެން އޮތް ގޯޅިއަަށް އޭނާ ލަނބާލި ތަން ފެނުނެވެ. ފަޔަށް ލެވުނު ބާރެއްލާ ފަވާޒް ހުއްޓުވަން މާހިރު ދުއްވައިގަތެވެ. ރުޅި އައިސްފިއްޔާ އޭނާއަކީ އަތުން ފައިން ގޯހެއް ހެދުނަސް އެވަރު ނޭނގޭނެ މީހެއް ކަން މާހިރަށް އެނގޭތީ އޭނާ ޖެހިލުންވިއެވެ.

*** *** *** *** *** ***

"އަހަރެން ވަރަށް ރުއިން... އާދޭސް ކުރިން. އެކަމަކު އަންމަޑޭއަަކަށް އަޑެއް ނީވުނު. ދެން އަހަރެން ހަޅޭއްލެވީ. މީހެކޭ ކިޔާ ގޮވާ އަޑުގެ ނެތްތަނަށް ހަޅޭއްލެވީ. ދެން އަންމަޑޭ އަހަރެންގެ ކަރުގަ ހިފީ.. ނޭވާ ނުލެވި އަހަރެން ކޮށީ އެރި.. ނޭވާ ހާސްވެ ކެއްސަން ފެށީމަ އަންމަޑޭ އަހަރެން މޫނުމަތީގައި ޖެހީ. ވީ ތަދުން އަހަންނަށް ތަނެއް ދޮރެއް ފެންނަވަރެއް ނޫން... ވަށައިގެން ހުރި ގަސްތައް އެނބުރޭހެން ހީވި.. ދެން އަންމަޑޭ ބުނި ބަސްތައް އަދިވެސް އަހަރެން ހަނދާން އެބަހުރި"

"މާހިލް ހޯދަންތަ ތިއުޅެނީ.. ނޫނީ ފަވާޒުތަ؟... އެއިން އެކަކަށް ވެސް އާޔާއެއް ނުލިބޭނެ.. އާޔާތީ އަހަރެންގެ މީހެއް. އެހެން މީހެއް ކައިރީ މި ވާހަކަ ބުނެފިއްޔާ ވެސް މި ވީޑިއޯތަކާއި ފޮޓޯތައް ލީކް ކޮށްލާނަން.. އާޔާގެ އޮރިޔާން މުޅި ދުނިޔެއަށް ދައްކާލާނަން... ފޭސްބުކާ ވައިބާ ގްރޫޕްތަކަށް ލީކް ކޮށްލާނަން.. އެހެންވާން ބޭނުން ނޫނިއްޔާ.. ހައްޕު ކިޔައިގެން ގެއަށް ދޭ... ތީ އަހަރެންގެ މީހެއް... އަޑު އިވިއްޖެތަ..."

"އަހަރެންގެ ކޮލަށް ފިތައިގެން ވާހަކަ ދައްކަން ހުރި އަންމަޑޭ އެތަނުން ތެދުވެ އަހަރެން މޫނު މައްޗަށް ހެދުންތައް އުކާލީ. ދެން އޭނާ އެތަނުން ދިޔައީ... އަހަރެން ތެދުވަން މަސައްކަތް ކުރިން އެ ހެދުން ލާން ވެސް މަސައްކަތް ކުރިން.. ތެދުވަން އުޅުނު ވަގުތު ބޮލަށް އެނބުރުން އަރާފަ އަނެއްކާ އަހަރެން ވެއްޓުނީ.. ދެން ހޭއެރި އިރު އަހަރެން އޮތީ ހޮސްޕިޓަލުގައި.."

ސިޓިންގް ރޫމް ސޯފާގައި ތިބި އާމިރާއާއި ގަފޫރުގެ ކަޅި އަމާޒުވެފައި ވަނީ އާމިރާގެ އަތުގައި އޮތް ފޯނުގެ ސްކްރީނަށެވެ. އެރޭ ހިނގި ހާދިސާ ކިޔަން ތިބި އެ ދެމަފިރިންގެ ހިތުގައި އުފެދިފައިވާ ރިހުންތައް ބަޔާންކުރަން ދައްޗެވެ. ފޯންގެ ސްކްރީން އަނދިރިވެގެން ދިޔަ އިރު ވެސް އެ ދެމީހުންނަށް ބަހެއް ނުބުނެވުނެވެ. އެހެން ތިއްބާ ދެން އިވުނީ ފިރިހެނަކު ސަލާމް ގޮވާލި އަޑެވެ.

ލޮލުން ފައިބަމުން ދިޔަ ކަރުނަތައް އަތުން ފޮހެލަމުން އާމިރާ ނޭފަތް ދަމާލީ އެގޭ ދޮރުމަތީ ހުރި ޒުވާނާ އާ ދިމާއަށް ބަލާލަމުންނެވެ. ދޮރުމަތީ ހުރީ ފަވާޒު ކަން އެނގުމުން އާމިރާ ބަލާލީ ގަފޫރުގެ މޫނަށެވެ. ސޯފާއިން ތެދުވަމުން ގަފޫރު އަތުން އިޝާރާތްކޮށްލިއެވެ. ފަވާޒަށް ދައުވަތު ދިނީ އެގޭތެރެއަށް ވަނުމަށެވެ. ހުންނަ ގޮތުންނާއި ރަށުތެރޭ މީހުން ދައްކާ ވާހަކަތަކުން ފަވާޒަކީ ގޯސް މީހެއް ކަމަށް ގަބޫލު ކުރި ގަފޫރުގެ ދެލޯ ހުޅުވިއްޖެއެވެ. ފަވާޒަށް ބޭނުމިއްޔާ އާޔާއަށް ބޭނުން ގޮތެއް ހެދުމުގެ ފުރުސަތު ލިބުނެވެ. އެކަމަކު ފަވާޒު އެ މަންޖެއަށް ދެރަ ގޮތެއް ނުހަދައެވެ. އެކަން އާޔާ ލިޔެފައިވާ ވާހަކަތަކުން ގަފޫރަށް އެނގުނެވެ.

ގަފޫރާއި އާމިރާގެ މޫނަށް ބަލާލަމުން ފަވާޒު އިސްޖާހަލަމުން އެގެއަށް އޭނާ އައި ބޭނުން ހާމަ ކުރިއެވެ. "އާޔާ... އާ ... އާޔާ... އާ ބައްދަލު ކޮށްލެވި ދާނެތޯ؟... އާޔާ ބޭނުމިއްޔާ... އަޅުގަނޑު ބޭނުމީ އާޔާގެ ހާލު ބަލާލަން..."

މަޑުމައިތިރިކަމާއެކު ފަވާޒު ދެއްކި ވާހަކަތަކަށް ދޭނެ ޖަވާބެއް އާމިރާއަކަށް ނޭނގުނެވެ. އެ ވަގުތު ގަފޫރު އާމިރާއާ ދިމާއަށް ބަލާލަމުން އާޔާއަށް ގޮވާށޭ ބުނެލިއެވެ. އާމިރާ ހިނިތުން ވެލަމުން އާޔާއަށް ގޮވަން ދިޔައީ މި ވަގުތު އާޔާއަށް ވާހަކަ ދައްކާނެ އެކުވެރިއަކު މުހިއްމު ވާނެ ވަރު އެނގޭތީއެވެ. އެކަމަކު ފަވާޒަށް އިތުބާރު ކުރުމަކީ ރަނގަޅު ކަމެއް ކަމާ މެދު އާމިރާގެ ހިތުގައި ސުވާލު އުފެދުނެވެ. އާޔާގެ ކޮޓަރީގެ ދޮރުގައި ދެބުރަކަށް ޓަކި ޖަހާލި އިރު ވެސް އާޔާ ކޮޓަރީން ނުނިކުންނާނެ ކަން އާމިރާއަށް އެނގެއެވެ. އަދި ގެއަށް އައި ފަހުން އެ ކޮޓަރިއަކުން އެ މަންޖެއެއް ނުނިކުމެއެވެ. އާޔާ ކޮޓަރިން ނުނިކުމެއްޖިއްޔާ ފަވާޒު ގާތު އިހަށް މިވަގުތު ދާށޭ ބުނަން އާމިރާ ނިންމައިގެން ހުރެ އަނެއްކާވެސް ކޮޓަރީގައި ޓަކި ޖަހާލިއެވެ. އާޔާގެ ހަބަރެއް ނުވުމުން އާމިރާ އެކޮޓަރީގެ ތަޅުގައި ހިފައި އަނބުރާލަމުން ދޮރު ހުޅުވާލިއެވެ.

"މަގޭ ދަރިފުޅާ...."

އާމިރާގެ ވޭނީ ރުއިމުގެ އަޑަށް ފަވާޒާއި ގަފޫރު އިން ތަނުން ތެދުވެ އެ ކޮޓަރިއާ ދިމާއަށް މިސްރާބު ޖެހިއެވެ. ބިންމައްތީ ކަކޫ ޖަހައިގެން ރޯން އިން އާމިރާ ފެނުމުން ގަފޫރު ކޮޓަރި ތެރެއަށް ބަލާލިއެވެ. ހައިރާންވެފައި އެ ދެމަފިރިން ތިބި ގޮތުން ފަވާޒު ވެސް ކުރިއަށް ޖެހި ކޮޓަރި ތެރެއަށް ބަލާލިއެވެ.

ފަންކަލުގައި އައްސާފައިވާ ބެޑުޝީޓުގަނޑުގައި ޖަހާފައިވާ މަޅިއަށް މެހިގެން އާޔާގެ ހަށިގަނޑު އޮތީ އެލިފައެވެ. ފަވާޒު ދުވެފައި ގޮސް އާޔާގެ ފައިގައި ހިފާ މައްޗަށް އުފުލާލަމުން ރޮއެގަތެވެ. "ނޫން... އާޔާ...ޕްލީސް.... އަހަރެން މި އައީއޭ.. އާޔާ މުޅި ރަށުތެރެއަށް ގިނަވިޔަކަ ނުދޭނަން.... އާޔާ ޕްލީސް..." ފަވާޒު ރޮމުން ދިޔައީ އޭނާގެ އިހްސާސްތައް ބަންޑުން ކުރަމުންނެވެ. އާޔާ އުފުލައިގެން ހުރި އިރު އެ ހަށިގަނޑުގައި ދިރުމެއް ނެތް ކަން ހުދު ފަވާޒަށް އެނގުނެވެ. އާޔާގެ ހަށިގަނޑު ވަނީ ފިނިވެ ހަރުވެފައެވެ.

މާ ގިނަ އިރެއް ނުވެ ފުލުހުން އެގެއަށް އައިސް އާޔާ ދަން ޖެހިފައި ހުރި ސީންގެ ފޮޓޯތައް ނެގުމަށްފަހު އެ ކުއްޖާ އެތަނުން ބޭލީ އެގެ ކައިރިއަށް އެމްބިއުލާންސް އައުމުންނެވެ. އެމްބިއުލާންސްގައި އާޔާ ހޮސްޕިޓަލަށް ގެންދަން އުޅުނު އިރު އާމިރާ ގާތު އެ ވެހިކަލަށް އަރަން އެދުނެވެ. ބުދެއްހެން ގަބުވެފައި އާމިރާ ހުރި ގޮތުން އޭނާ އެ އެމްބިއުލާންސަށް ނާރާނެކަން ގަފޫރަށް އެނގުނެވެ. އެހެންކަމުން ގަފޫރު އެމްބިއުލާންސަށް އެރުމާއެކު އޭގެ ދޮރު ލައްޕާލައި އެ ވެހިކަލް ދުއްވާލީ ހޮސްޕިޓަލާ ދިމާއަށެވެ.

އާމިރާ ކައިރީ ފަވާޒު ހުރީ މި ވަގުތު އާމިރާ އެކަނި ބަހައްޓާފައި ދިއުމަކީ ބުއްދިވެރިކަމެއް ނޫން ކަން އެނގުމުންނެވެ. އޭރުވެސް އެމްބިއުލާންސް ދިޔަ ދިމާއަށް ކަޅި ޖަހާ ނުލާ ބަލަން އާމިރާ ހުރީ ހުއްޓުން އަރާފައެވެ.

އެ ގޯތި ކައިރިއަށް ރަށުގެ ގިނަ ބަޔަކު ވަނީ އެއްވެފައެވެ. ރަށުގެ ކުދި ބޮޑު ގިނަ ބައެކެވެ. އަންހެނުންނާއި ފިރިހެނުންނެވެ. އާޔާ މެންނާ އެކު ސްކޫލަށް ކިޔަވަންދާ އަޒްކާމެން ވެސް އެ މަންޒަރު ބަލަން އެތަނަށް ނިކުމެ ތިއްބެވެ. އެ ކުދިންގެ ލޮލުން އާމިރާއަށް ފެންނަމުން ދިޔަ ކަރުނައިގެ ވިދުން ފެނި އޭނާގެ ގާތަށް ރުޅިއައެވެ. އެ މޫނުތަކަށް ވަކިވަކިން ބަލަމުން ދިޔަ އިރު އާމިރާގެ ރުޅި ދިޔައީ ފަހަރެއް ފަހަރެއް ގަދަވަމުންނެވެ.

"ކަން ބަލަންތަ އައިސް ތިބީ... ފެނިއްޖެތަ ވީ ގޮތް... ކަލޭމެން އެކަކު ވެސް ދެރައެއް ނުވާނެ.. ދެރަ ވާ ނަމަ އާޔާ ކްލާސް ކުދިންތަކެއް މިވަރުގެ ކަމެއް ނުކުރާނެ... އަހަންނަށް ގޯސް އެންމެން ވެސް... އެކުއްޖާއާ ދިމާ ކުރި ކުދިން ވެސް. އެކުއްޖާއާ ދިމާކުރި ކުދިންގެ ބެލެނިވެރިން ވެސް. ދިމާކުރަން ހައްދެއް އޮންނާނެ... މި ވާހަކަ ދައްކައިފިއްޔާ މި ކުދިންގެ މަންމަމެންނަށް އެކުދިން ކުރި ކުށެއްވެސް ނޯންނާނެ.. އެއީ ސަމާސާ ވިއްޔާ.. މަޖަލަށް ކުރި ކަމެއް ވިއްޔަ... މަޖާ ވެއްޖެއްނު... ކިހާ މަޖާ ދެން އެންމެ އަތް ޖަހާބަލަ... ހޭންވީނު. ދިމާ ކުރަންވީނު..."

ކަރުބުޑުން ހަޅޭއްލަވަމުން އަތްޖަހަމުން އެތާ ތިބި މީހުންނާ ދިމާއަށް އެއްޗިހި ކިޔަމުން ދިޔަ އާމިރާ ގައިން ވަރު ދޫވެގެން ވެއްޓިއްޖެއެވެ. އޭރު އެހިސާބުގައި ތިބި ބައެއް މީހުން ޗުސްޗުސް ކަނޑަމުން ބޯހޫރަމުން އެބައެއްގެ ގެއަށް ދާން ހިނގައިގެންފިއެވެ. ކަކޫ މައްޗަށް އިށީނދެ އިން އާމިރާ މޮޔައެއް ހެން ބިންމަތީ ފަސްގަނޑަށް ދެއަތްލާ ހާވާލީ އަދި ވެސް އޭނާގެ ހިތުގައި އުތުރިއަރަމުން ދިޔަ ޖަޒުބާތުތައް ކޮންޓްރޯލް ނުކުރެވުނީމައެވެ.

ފަވާޒު އާމިރާގެ އަތުގައި ހިފަހައްޓާލަމުން ދައްތާއޭ ބުނެލީ އާމިރާ ހަމައަކަށް އަޅުވަން ބުނާނެ އިތުރު އެއްޗެއް ނޭނގުނީމައެވެ. ފަވާޒުގެ އަތް އާމިރާ އެވަގުތު ފޮލާލިއެވެ. ވޭނީ އަޑަކުން އާމިރާ ކަރުބުޑުން ހަޅޭއްލަވައިގަތެވެ. މައެއްގެ ހިތުގައި ޖެހި ހިތް ކުދިކުދި ވާނީ އެހާ ވަރަކަށެވެ. ރޮމުން އާމިރާ މުށް ފުރާ ވެލި ނަގާ ވަށައިގެން އެތާ މަންޒަރު ބަލަން މަޑުކޮށްގެން ތިބި މީހުންނާ ދިމާއަށް އުކަން ފެށިއެވެ.

"ކަލޭ ވެސް ދާން އުޅޭ މިތަނުން. ކަލޭމެން އެންމެން ދާން އުޅޭ... އެކަކުވެސް އަންނާނެ ކަމެއް ނެތް... ކަލޭމެން އެކަކުވެސް އަންނާނެ ކަމެއް ނެތް.. މަގޭ އާޔާ ކުރީ ކޮށް ކުށެއް؟ ކޮން ކުށެއްގެ ސަޒާއެއް އެއްކުޖާއަށް މި ލިބުނީ... ދާން އުޅޭ.. މިބުނީނު މަށާ ކައިރިއަށް އައިސިއްޔާ މަރާލާނަން... ކަލޭމެން އެންމެން މަރާލާނަން...."

ދަރިފުޅު ނިމިގެން ދިޔަ ގޮތުން އޭނާގެ މައި ލަގޮނޑިއަށް ކެތްނުވީއެވެ. އާޔާގެ ކެތްތެރިކަން ކޮޅުން ލީ ވަގުތު އަމިއްލައަށް މަރުވުން އިހްތިޔާރު ކުރި އިރު އެއީ ކިހާ ބޮޑު ފާފައެއް ކަން އެ ކުއްޖާއަށް ބުނެނުދެވި އޮތުމަކީ އާމިރާއަށް ހެދުނު ގޯހެއް ކަމަށް ނިންމާ އެ ރުޅީގައި އޭނާ ދުނިޔެއިން މޮޔަވީއެވެ. އިންތަނުން ތެދުވެ ގޭތެރެއަށް އާމިރާ ހިނގައިގަތް އިރު އޭނާ ދިޔައީ އެކަނިމާ އެކަނި ވާހަކަ ދައްކަމުންނެވެ. "އާޔާގެ ކުށަކީ ކޮބާ؟... އާޔާގެ ކުށަކީ ކޮބާ؟.. އަމިއްލައަށް މަރުވުންތަ؟.. ކުށަކީ ދިރިހުރުންތަ؟"

އާމިރާ ގޭތެރެއަށް ވަންނަން ދިޔައިރު އެތަނުގައި ތިބި އެކަކަށް ވެސް އާމިރާ ހުއްޓުވާކަށް ނުކެރުނެވެ. އެއްޗެއް ބުނާކަށް ވެސް ނުކެރުނެވެ. އެންމެންގެ މޫނުމަތިން ފެންނަމުން ދިޔައީ މާޔޫސްކަމެވެ. ހިތްދަތިކަމެވެ. އާމިރާއަށް ވެފައި ހުރި ގޮތުން އެތަނުގައި އަސަރު ނުކުރާ އެކަކުވެސް ނެތެވެ. ގޭގެ މައި ދޮރުން އެތެރެއަށް ވަން އިރުވެސް އާމިރާ ދިޔައީ ތަސްބީހައެއްހެން އެކައްޗެއް ކިޔަމުންނެވެ. ގޭތެރެއަށް ވަދެ ބަންލާފައި ގައި ހުރި ބާރެއްލާ އޭނާ ދޮރު ލައްޕާލިއެވެ. އެރަށުގެ އެކަކާ ވެސް އާމިރާ ކުރިމަތިލާކަށް ބޭނުމެއް ނޫނެވެ. އޭނާ ގަބޫލު ކުރާ ގޮތުގައި އާޔާގެ ކުށެއް ނެތެވެ. ކުށްވެރިންނަކީ މި މުޖުތަމައުއެވެ.

(ނިމުނީ)