ކޮވިޑްގެ ބަލިބަޑުކަމަށް ފަހު އާންމުކޮށް އެއްވެވޭ ގޮތަށް އައި ފިތުރު އީދުގެ ބޮޑު ޖަމާއަތަށް ސްޓޭޑިއަމް ފުރާލައިފިއެވެ. ގިނަ އަދަދެއްގެ ބަޔަކު ބައިވެރިވި އެ އީދު ނަމާދުގެ 99 ޕަސެންޓަކީ ބަންގްލަދޭޝްގެ ރައްޔިތުންނެވެ.

މާލޭގައި ބޮޑު ޖަމާއަތުގައި އީދު ނަމާދު ކުރުން އޮތީ މާފަންނު ސްޓޭޑިއަމްގައެވެ. އަންހެނުންނާއި ފިރިހެނުން ވަކިން ނަމާދު ކުރެވޭ ގޮތަށް އިންތިޒާމް ކޮށްފައި ވާއިރު، އަންހެނުން ނަމާދު ކުރި ބައި ވެސް އޮތީ ފުރިފައެވެ.

އީދުގެ ބޮޑު ޖަމާއަތަށް ގިނަ އަދަދެއްގެ ބަޔަކު ދިޔަ އިރު، ސްޓޭޑިއަމަށް މީހުން ވަދެ ނިކުތުމަށް ހުރި ދެ ދޮރުގެ ތެރެއިން މައި ގޭޓުގެ ދޮރު އެއްކޮށް ނުހުޅުވާ ހުރުމުގެ ސަބަބުން، ނަމާދަށް ފަހު މީހުން ނިކުމެފައި ވަނީ ފިތި ބާރުވެގެންނެވެ.

"ކަންކަން އިންތިޒާމް ކުރާ އިރު މިނިސްޓްރީއަށް ނޭނގޭތަ ފިރި ބަރުވާނެ ކަމާއި، އެ ދޮރު ރަނގަޅު ކޮށްލައި ހުޅުވޭ ގޮތް ހަދަން"
އީދު ނަމާދަށް ދިޔަ މީހެއް

ފިތިބާރުވެގެން ނިކުންނަށް ޖެހުނު މައްސަލައިގައި ބައެއް މީހުން ވަނީ ސެކިއުރިޓީ ބަލަހައްޓަން ތިބި ކެޑޭޓުންނާއި ސްކައުޓް ކުދިންނާ ސުވާލު ކޮށްފައެވެ. ނަމަވެސް އެއީ އެކުދިންގެ މައްސަލައެއް ނޫން ކަމަށާއި، އެއީ މިނިސްޓްރީގެ ޒިންމާއެއް ކަމަށް އެހެން ބައެއް މީހުން ވަނީ ބުނެފައެވެ.

މާލޭގެ މާފަންނު ސްޓޭޑިއަމްގެ އިތުރުން، ވިލިމާލޭ ފުޓްބޯޅަދަނޑާއި ހުޅުމާލޭގެ ސްޓޭޑިއަމް ސަރަހައްދުގައި ބޮޑު ޖަމާއަތުގައި މިއަދު ވަނީ އީދު ނަމާދު ކޮށްފައެވެ. އަދި މާލެ ސަރަހައްދުގެ 27 މިސްކިތެއްގައިވެސް މިއަދު އީދު ނަމާދު ކުރިއެވެ.

ފިތުރު އީދަކީ، ރަމަޟާން މަހުގެ ރޯދައަށް ފަހު މުސްލިމު އުންމަތަށް އަންނަ އުފާވެރި އީދު ދުވަހެކެވެ. ދެން މމިފަހަ އީދެއް އަންނާނީ ހައްޖާ ގުޅިގެން އަންނަ ބޮޑު އީދެވެ. އެއީ އަޟުހާ އީދެވެ.

މިއަހަރުގެ ފިތުރު އީދަކީ ކޮވިޑަށް ފަހު އައި ފުރަތަމަ "ބޮޑު އީދު" ކަމުން ގިނަ ބަޔަކު ވަނީ ޗުއްޓީއަށް އަތޮޅު ތެރޭގެ ރަށްރަށަށްވެސް ގޮސްފައެވެ. އަތޮޅުތެރޭގެ ގެސްޓްހައުސްތަކާއި، މާލެ ސަރަހައްދުގެ ސަފާރީތައްވެސް ވަނީ ފުލްވެފައެވެ.