ރާއްޖެއިން އިންޑިއާ ސިފައިން ފޭބުމަށް ގޮވާލައި އިދިކޮޅު ކޯލިޝަނުން ކުރިއަށްގެންދާ "އިންޑިއާ އައުޓް" ކެމްޕެއިންގެ ތެރެއިން ޕީޕީއެމް އޮފީސް އިމާރާތުގައި އަނެއްކާ ވެސް "އިންޑިއާ އައުޓް" ބެނާއެއް ނަގައިފިއެވެ.

ޕީޕީއެމް އޮފީސް އިމާރާތުގައި ނަގާފައިވާ ބެނާގައި އިންޑިއާ ދިދަ ކުރަހާފައިވައިރު ބޮޑު އަކުރުން "އައުޓް" ވަނީ ޖަހާފައެވެ.

އިދިކޮޅުން ބުނީ މާލޭގެ އެކި ސަރަހައްދުތަކުގައި ކުރިއަށްއޮތް ތަނުގައިވެސް އިންޑިއާ އައުޓް ޝިއާރު ދާނީ އިތުރުވަމުން ކަމަށާއި އެ ހަރަކާތް ހުއްޓުމެއް ނެތި ކުރިއަށްދާނެ ކަމަށެވެ.

ގައުމީ ސަލާމަތަށް ހުރި ނުރައްކަލެއް ކަމަށް ވިދާޅުވެ، އިންޑިއާ އައުޓް ހަރަކާތް ހުއްޓުވުމަށް ގޮވާލައްވައި ރައީސް ނެރުއްވި ގަރާރުގައި ވިދާޅުވެފައިވާ ގޮތުން، އެ ހަރަކާތަކީ ގައުމީ ސަލާމަތަށް ނުރައްކާވާ ހިސާބަށް ގޮސްފައިވާ ހަރަކާތެކެވެ. އަދި އެ ހަރަކާތުގެ ސަބަބުން ރާއްޖޭގެ އަމާންކަމާއި ދާހިލީ ހަމަޖެހުމުގެ އިތުރުން، ސަރަހައްދީ ސަލާމަތާއި ރައްކާތެރިކަން ގެއްލުވާލާ ކަމަށްވެސް އެ ގަރާރުގައި ވެއެވެ.

އެ ގަރާރާއެކު "އިންޑީއާ އައުޓް" ބެނާ ދަމާފާހުރި ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރު ރައީސް އަބްދުﷲ ޔާމީންގެ ގެކޮޅާއި ޕީޕީއެމްގެ އޮފީސް ހުންނަ އިމާރާތް ހިމެނޭހެން މާލޭގެ ބައެއް އިމާރާތްތަކުގައި ދަމާފައި ހުރި އިންޑިއާ އައުޓް ބެނާތައް ފުލުހުން ކޯޓު އަމުރެއްގެ ދަށުން އެ ގެތަކަށް ވަދެ ނެގިއެވެ.

އެއަށްފަހުން "އިންޑި އައުޓް" ގެ ސްޕެލިން ބަދަލުކޮށްގެށް "INDEAR OUT" ޖަހާ ބެނާ ދެމުމުންވެސް އެ އެއްޗެހިވެސް ފުލުހުން ވަނީ ނަގާފައެވެ.