ކުރިއަށް އޮތީ ސްރީލަންކާގެ ގާނޫނު ހަދާ މަޖިލީހުގެ މުހިންމު ދަންފަޅިއެއް ކަމަށާ، ސްރީލަންކާގެ ސަރުކާރުގެ މައްޗަށް އިތުބާރު ނެތް ކަމުގެ ވޯޓަކަށް، މި ފެށޭ ހަފުތާގައި މަޖިލީހުގައި އެހިގެންދާނެ ކަމަށް، ސްރީލަންކާގެ އިދިކޮޅު ލީޑަރު ސަޖީތު ޕްރޭމަދާސާ ވިދާޅުވެއްޖެއެވެ.

ސަރުކާރުގެ މައްޗަށް އިތުބާރު ނެތް ކަމުގެ ވޯޓަކަށް މަޖިލީހުގައި އަހާ އެހުމަކީ، ތަކުލީފު އުފުލަމުން ދާ ރައްޔިތުންނަށް ލިބޭ ބާރަކަށް ވެގެންދާނެ ކަމަށްވެސް ޕްރޭމަދާސަ ވަނީ ވިދާޅުވެފައެވެ.

ޕްރޭމަދާސަ ވިދާޅުވީ މަޖިލީސް ޖަލްސާއެއް އޮތް އިރު ދައްކާނެ ވާހަކަ ނޭނގިގެން އުޅޭ ބަޔަކާ މެދު އޭނާގެ ފަރުވާލެއް ނެތް ކަމަށާ، ހާލުގައި ދިރިއުޅެމުންދާ ރައްޔިތުންގެ ރޫހު ހަނދާން ނައްތާނުލައްވާނެ ކަމަށެވެ.

ކުރިއަށް އޮތް އިތުބާރު ނެތް ކަމުގެ ވޯޓާ ބެހޭ ގޮތުން ވާހަކަދައްކަވަމުން ޕްރޭމަދާސަ ވިދާޅުވީ، އެ ވޯޓަކީ ގައުމު ދެކެ ހަގީގީ ލޯބިވާ މީހުންނާއި މަގުބޫލުކަމަށް އުޅޭ މީހުން އެނގިގެންދާޏެ ވޯޓަކަށް ވާނެ ކަމަށެވެ. އަދި އެ ވޯޓަކީ، 2 އަހަރު ދުވަހުގެ ތެރޭގައި އިނދަޖެހުމުގެ ތުންފަތްމައްޗަށް ގައުމު ވައްޓާލި "ރާޖަޕަކްސަ ސަރުކާރު ގެއަށް ފޮނުވާލަނިވި" ވޯޓަކަށް ވާނެ ކަމަށްވެސް ޕްރޭމަދާސަ ވަނީ ވިދާޅުވެފައެވެ.

މިފަދަ ރޫހެއްގައި ޕްރޭމަދާސަ ވާހަކަދައްކަވާފައި ވަނީ ސްރީލަންކާގެ ސަރުކާރާ ދެކޮޅަށް ކުރިއަށް ގެންދާ ވަރުގަދަ ހިނގާލުމުގެ 5 ދުވަހުގެ ހިނގާލުމުގެ ބައިވެރިންނާ މުހާތަބު ކުރައްވަމުންނެވެ. 6 ދުވަހުގެ މުއްދަތަކަށް ބަހާލައިގެން ކުރިއަށް ގެންދާ މި ހިނގާލުމަކީ ކެންޑީއިން ފަށައިގެން ކޮލަމްބޯއަށް ފެތުރިގެންދާ ހިނގާލުމެކެވެ. ޕްރޭމަދާސަގެ އިތުރުން، ސްރީލަންކާގެ އެތައް ސަތޭކަ ހާސް އާންމުންނެއް ދަނީ އެ ހިނގާލުމުގައި ބައިވެރިވަމުންނެވެ.