"އިއްޔެ ހަވީރު އެކްސްޓްރާ ކްލާހަށް ދާން ގެއިން ނިކުތް ހިސާބުން ފެށިގެން ހުރިހާ ވާހަކައެއް އާޔާއަށް ކިޔައި ދެވޭނެތަ؟ ބޭނުމިއްޔާ މަޑުވެސް ކުރެވިދާނެ. އެކަމަކު އަވަހަށް މި ވާހަކަ ކިޔައި ދިނީމަ ހެއްކާ އެކީ އެ ބަޔަކު ހޯދަން ފަސޭހަ ވާނީ.. އޭރުން އާޔާއަށް ވެސް އިންސާފު ލިބޭނީ..."
ފުލުސް މީހާ ވާހަކަ ދެއްކީ ލޯތްބާ އެކީގައެވެ. އާޔާ ވިސްނާލަން އިނދެފައި އެ ވާހަކަތައް ކިޔައި ދޭން ބޭނުމީ މިހާރު ކަމަށް ބުންޏެވެ. އޭނާ ބޭނުމީ އިންސާފެވެ. ކުދިކުދިވެފައިވާ އެ ހިތަށް އަރާމެކެވެ. ކުށެއް ނެތް މައުސޫމް އާޔާ ބޭނުން ވަނީ އެ ބިރުވެރި ހަނދާންތަކުން މިންޖުވާށެވެ.
*** *** *** *** *** ***
ކޮޓަރިން ބޭރަށް ނިކުތް އާމިރާ އެއް ފަރާތެއްގައި މަޑުކޮށްގެން ހުރި ގަފޫރު ފެނުމުން އޭނާ ކައިރިއަށް ހިނގައިގަތެވެ. އަދި ކޮރިޑޯގެ ދެފަރާތަށް ބަލާލިއެވެ. ހެނދުނުގެ އެ ވަގުތުގައި ހޮސްޕިޓަލުގެ ޕްރައިވެޓް ކޮޓަރިތައް ހުރި ސަރަހައްދުގައި އެ ދެމީހުން ފިޔަވައި އިތުރު ބަޔަކު ނެތުމުން އާމިރާގެ ހިތަށް ކޮންމެ ވެސް ވަރެއްގެ ހަމަޖެހުމެއް ލިބުނެވެ. އެ އާއިލާއަށް ދިމާވެފައިވާ އަނދިރިކަމުން އަރައިނުގަނެވިގެން އުޅޭ އިރު މި ވަގުތު އިތުރު ބަޔަކާ ކުރިމަތިލައި ވާހަކަ ދައްކާނެހާ ހިތްވަރެއް އާމިރާގެ ގަޔަކު ނެތެވެ.
ގަފޫރުގެ ހިތަށް ވަމުން ދިޔަ އުނދަގޫތަކަށް ލުޔެއް ލިބޭނީ ކިހިނެއް ކަން އޭނާއަކަށް ނުވިސްނުނެވެ. އާޔާ އެޑްމިޓްކޮށްފައި އޮތް ކޮޓަރިން އެ ދެމަފިރިން ނެރުމުން އޭނާގެ ހިތަށް އުނދަގޫ ވިއެވެ. އާޔާގެ ދުލުން އެރޭ ހިނގި ހާދިސާގެ ވާހަކަތައް އަޑުއަަހަން ގަފޫރު ބޭނުންވީ އޭނާގެ ދަރިފުޅަށް އެހެން ހެދި މީހާ ދެނެގަނެ އޭނާ ކުރި ހުރިހާ ކަމެއް އޮޅުން ފިލުވަން ބޭނުންވެފައި ހުރުމުންނެވެ. ހިޔާލަކަށް ގެއްލިފައި ހުރި ގަފޫރަށް ހަމަބިމަށް އާދެވުނީ އޭނާގެ އުޅަނބޮށީގައި އާމިރާގެ ފިނި އަތް ތިލައިން ހިފާލުމުންނެވެ.
ސިހިފައި ގަފޫރު އޭނާގެ އަނބިމީހާއާ ދިމާއަށް ބަލާލި އިރު އާމިރާގެ މޫނުމަތިން ފާޅުވަމުން ދިޔައީ ހާސްކަމެވެ. އާމިރާގެ އިހްސާސްތައް ގަފޫރަށް ދޭހަ ނުވިއިރު އެ އިހްސާސްތައް ދެނެގަނެ އާމިރާގެ ހިތަށް ހަމަޖެހުމެއް ގެނެސްދިނުމުގެ ފިކުރެއް ވެސް އެ ވަގުތު ގަފޫރުގެ ވިސްނުމަކު ނެތެވެ. އުޅަބޮށި ގަޔާ ދިމާއަށް ދަމައިގަންނަމުން ގަފޫރު ފަހަތަށް ޖެހިލި އިރު ހީވީ އާމިރާއާ އޭނާ ގާތްވަާން ބޭނުން ނުވާ ކަހަލައެވެ. ގަފޫރުގެ އެ ހަރަކާތުން އާމިރާއަށް އުނދަގޫ ވި ނަމަވެސް މީހަކު ނެތް އެ މާހައުލުން ގާފޫރާ ވާހަކަ ދެއްކި ދާނެ ކަމަށް ގަބޫލުކޮށް އާމިރާ ހިތްވަރުކޮށްފައި އެއްޗެއް ބުނަން އަނގަ ހުޅުވާލިއެވެ.
"ރުޅި އައިސްފަތަ؟ އެ މަންޖެ މިއަދު ރަނގަޅިއްޔާ ގެއަށް ދޫކޮށްލާނެ. އާޔާއާ ކުރިމަތިލައި ވާހަކަ ވެސް ދައްކަން ޖެހޭނެއެއްނު.. ކިހިނެއް ހަދާނީ..." އާމިރާގެ ވާހަކަތަކުން އޭނާ ކަންކުރަން ވީ ގޮތް ނޭނގިފައި ހުރި ކަހަލައެވެ. އާމިރާގެ ސުވާލުތަކުން ގަފޫރުގެ ބޮލުގެ ރިހުން އިތުރުވިއެވެ.
"ރުޅި ކަމެއް އަންނަން ވީކީ،، ނޫނީ ދެރަ ކަމެއް ވާންވީކީ.. މަށަކަށް ނޭނގެ.. އާޔާއަށް އެހެންވީ ކީއްވެބާއޭ މަގޭ ސުވާލަކީ... ވަލަށް އޭނާ ވަންނަން ޖެހުނީ ކީއްވެހޭ... އެހާ ހިސާބަށް އާޔާ ދާން ޖެހުނީ ކީއްވެހޭ..." ގަފޫރުގެ ހިތުގައި އުތުރި އަރަމުން ދިޔަ ސުވާލުތައް އޭނާ ބަންޑުން ކޮށްލި އިރު އާމިރާއަށް އެއިން ސުވާލަކަށް ޖަވާބު ދޭކަށް ނޭނގުނެވެ. އެހެންކަމުން އިސް ޖަހާލަމުން އާމިރާ ހަނު ހުރީއެވެ.
"އާމިރާ... އެ މަންޖެ ފުރާވަރަށް އެޅި އިރު މަބުނިން ދޯ ބުރުގާ އަޅުވާށޭ... ބުނި ދުވަހު އާމިރާ ބުނި، އޭނާ އަޅާ ހިތްވީމަ އަޅަން ދެން މަޑު ކުރާށޭ... ފެނޭތަ... ބޭނުންހާ ގޮތްގޮތަށް ހެދުން އަޅާ ބޭނުންހާ ގޮތްގޮތަށް ތަންތަނަށް އެކަނި ދާން ދޫކޮށްލީމަ ވީ ގޮތް.. ގައިމު އާމިރާ ކޮންކަމެއް ކުރަން ޖެހި ބިޒީވެގެންތަ އާޔާ އެކަނި ސްކޫލަށް ފޮނުވަން ފެށީ... އެ އުމުރުގަ މިނިވަންކަން ދިނީމަ ވާ ގޮތް ފެނިއްޖެ އެއްނު... ދެން ނޭނގެ މަ ކީކޭތަ ކިޔަންވީ.. އަހަރެމެން ގޭ މީހުން ކުރި މި ސުވާލުތަކަށް މަ ދޭނީ ކޮން ޖަވާބެއް.." ނިތްކުރި މަތީ ފިރުމާލަމުން އާމިރާއަށް ގަފުރު ފުރަގަސް ދިނީ އަނބިމީހާ ކުށްވެރި ކުރަމުންނެވެ.
ގަފޫރުގެ އަނގައިން ނިކުތް ބަސްތަކަށް ވުރެ ގާފޫރުގެ ވާހަކަ ދެއްކުމުގެ ރާގާއި އޭނާގެ ހަރަކާތްތަކުން ވެސް އާމިރާ ހިތް ދިޔައީ ކުދިކުދި ވަމުންނެވެ. ގާފޫރުމެން ގޭ މީހުން ހިތަށް އަރާނެ އެއްޗަކަށް ވިސްނާފަ އެ ހާދިސާގައި އާމިރާ ކުށްވެރިކޮށް ގަފޫރު ސުވާލުތައް ބަންޑުން ކޮށްލީ އާމިރާ ހީކުރި ގޮތާ ހިލާފަށެވެ. ގަފޫރާ ސުވާލު ކުރާކަށް ވެސް އަދި ގަފޫރު ކުރި ސުވާލުތަކަށް ދޭނެ ޖަވާބެއް އާމިރާއަކަށް ނުވިސްނުވެ.
ފަހަތަށް މަޑު ފިޔަވަޅުތައް އަޅަމުން ދިޔަ އާމިރާއަށް މުޅި ދުނިޔެ މަލާމާތްކޮށް މަންމައެއްގެ ދައުރުވެސް ފުރިހަމަ އަށް އަދާ ނުކުރެވުނު ކަމުގެ އިހްސާސް އޭނާއަށް ކޮށްފިއެވެ. މާތް ﷲ އޭނާއާ ހަވާލު ކުރި އަމާނާތަކަށް ހިޔާނާތްތެރި ވެވިއްޖެ ކަމުގެ އިހްސާސް ވެ، ދިރިއުޅުމުގައި ކުރިމަތިވި ނާކާމިޔާބީ ލޯ މައްޗަށް ސިފަވެއްޖެއެވެ. ލޯބިވާ ފިރިމީހާގެ އިތުބާރު ގެއްލި ބޭކާރު މީހެއްގެ ގޮތުގައި އޭނާގެ ޒަމީރު އޭނާއަށް ވެސް މަލާމާތް ކުރަން ފަށައިފިއެވެ.
*** *** *** *** *** ***
ފުލުސް އޮފީހުގައި ރޭ ހަތަރު ދަމު ހުރުމަށްފަހު ފަވާޒް އެތަނުން ނިކުތީ މީހަކު އޭނާއަށް އިންޒާރުދީ އޭނާއަށް ހަމަލާއެއް ދޭން މަސައްކަތް ކޮށްފި ނަމަ ލަސްނުކޮށް ފުލުހުންނަށް އަންގަން ބުނުމަށް ފަހުއެވެ. އަދި މި މައްސަލައިގެ ތަހުގީގު ނުނިމެނީސް ފަވާޒް ރަށުން ބޭރަށް ނުދިއުމަށާއި، ބަޔާން ދިނުމަށް ފަހު އެ ވާހަކަތައް މީހުންނާ ހިއްސާ ނުކުރުމަށް ވެސް ފުލުހުން ވަނީ އެދިފައެވެ. ލައިގެން ހުރި ޓީޝާޓް ދަމާލަމުން ފަވާޒް ފުލުސް އޮފީހުން ނިކުމެ އޭނާ ބޭނުންވީ އާޔާގެ ހާލު ބަލާލަން ދާށެވެ.
އޭރުވެސް ނޫފައިގެންފައި ހުރި އޭނާގެ މޫނުމަތީގައި ރިހުމެއް ހުއްޓެވެ. އެ ތަނުގައި އޭނާ ފިރުމާލަމުން ގާފޫރުގެ ރުޅި ގަނޑާ ކުރިމަތިލުމަކީ އެންމެ ބުއްދި ވެރިކަމެއް ނޫން ކަމަށް ނިންމާ އޭނާ ބޭނުންވީ ގެއާ ދިމާއަށް ހިނގައިގަންނާށެވެ. މަޑު ހިނގުމެއްގައި އިސް ޖަހައިގެން ހުރެ ގެއަށް ދާން ފަވާޒް ފިޔަވަޅު އަޅާލި ވަގުތު މީހަކު ގޮވާލި އަޑު އިވި އޭނާގެ ފިޔަވަޅު މަޑުޖެހުނެވެ.
"ކުޑަކުދިން ފަ* ބަކަ*. ކަލެއަށް އަންހެނަކު ވެސް ނުވީތަ؟ ރަށުން ފައިބާ މިހިރަ ފެންނަ ނަ***.."
ހަރު އުމުރުގެ ފިރިހެނަކު އޭނާއަށް އަމާޒުކޮށް ހަޑި ހުތުރުބަހުން ކިޔަމުން ދިޔަ އެއްޗިއްސަށް ރައްދު ދޭކަށް އޭނާ ބޭނުމެއް ނުވިއެވެ. ކޮންމެ މީހަކު ކޮންމެ އެއްޗެއް ހިތަށް އެރުވިޔަސް އާޔާއަށް އެހެން ހެދީ އޭނާ ނޫން ކަން އާޔާއަށް އިނގޭނެއެވެ. އެހެން މީހަކަށް އެކަން ސާބިތުކޮށްދޭކަށް ފަވާޒު ބޭނުމެއް ނޫނެވެ. އެ ވާހަކަތަކަށް ބީރު ކަންފަތެއް ދެމުން ފަވާޒު ކުރިއަށް ދާން އެޅި ފިޔަވަޅު މަޑު ޖެހުނީ ފަހަތުން އައި ސައިކަލެއް އޭނާއާ ހަމަކުރުމަށް ފަހު އޭގެ ދުވެލި މަޑުޖެހުމުންނެވެ.
"އަރާ ސައިކަލަށް... އެކަނި ދިއުން އެހާ ރަނގަޅެއް ނުވާނެ"
މާހިރުގެ އަޑު ޖެހުމުން ފަވާޒަށް ހަމަޖެހުމެއް ލިބުނެވެ. އެ ހާދިސާ ހިނގި ރޭ ވީ ކަންތައް ކިޔައި ދިނުމުން މާހިރު އެ ވާހަކަތައް ގަބޫލު ކުރުން ވެގެން ދިޔައީ ފަވާޒްގެ ހިތަށް ހަމަޖެހުމެއް ލިބުނު ކަމަކަށެވެ. އެ ވާހަކަތައް ގަބޫލު ނުކުރާ ނަމަ މި ވަގުތު އޭނާ ގެއަށް ގެންގޮސް ދޭން މާހިރު ނާންނާނެ ކަން ފަވާޒަށް ގަބޫލު ކުރެވުނެވެ. މާހިރު ދުއްވަން އިން ސައިކަލުގެ ފަހަތު ސީޓަށް ފަވާޒް އަރާ ހަމަޖެހިލުމުން މާހިރު އެ ސައިކަލު ދުއްވާލިއެވެ. އޭރު މަގުގެ ދެފަރާތުގައި އެއްވެ ތިބި ބަޔަކު ހޯއް ގޮވާ ފަވާޒާ ދިމާއަށް އެއްޗިހި ކިޔަމުން ދިޔައެވެ.
*** *** *** *** *** ***
ފާރުގައި ލެގިލައިގެން އާމިރާ ހުރީ ހަށަން ބަނދެލައިގެން އެއް އަތުން އޭނާ އަޅައިގެން އިން ބުރުގަލުގެ ކަރުދަށުގައި ޖަހާފައިވާ ދައްޗާ ކުޅޭށެވެ. ހިޔާލަށް ގެއްލިފައި އާމިރާ ހުރި އިރު އަދިވެސް އޭނާގެ ލޮލުން ކަރުނައިގެ އަސަރު ނުފިލައެވެ. އާމިރާގެ ހިމޭންކަމުން ގަފޫރަށް އުނދަގޫތަކެއް ވަމުން ދިޔަ ނަމަވެސް އޭނާ ހުރީކީ އެތަނުން ދާ ކަހަލަ ގޮތަކަށް ނޫނެވެ. އާޔާ ކިޔައިދެމުންދާ ވާހަކަތަކުގެ ތަފްސީލް ހޯދަން އޭނާ ބޭނުމެވެ. އެހެން ނޫނީ އެ ހިތަކަށް ހަމަޖެހުމެއް ނުލިބޭނެ ކަން އޭނާއަށް އެނގުނެވެ.
އާޔާ އެޑްމިޓްކޮށްފައި އޮތް ކޮޓަރީގެ ދޮރު ހުޅުވުމުން އާމިރާ އާއި ގަފޫރަށް އެއްފަހަރާ ކަހަލަ ގޮތަކަށް އެ ދިމާއަށް ބަލާލެވުނެވެ. އަދި ކޮޓަރިން ނިކުތް ދެ ފުލުހުންނާ ދިމާއަށް އެ ދެމަފިރިން ފިޔަވަޅު އަޅާލީ އެމީހުންގެ ވާހަކަތައް އަޑުއަހާށެވެ. ފުލުހުން ނިކުމެ އެ ދެމަފިރިންނާ ކުރިމަތިލީ އެ ހުރިހާ ވާހަކައެއް ހިއްސާ ކުރާނެ ގޮތަކާ މެދު ވިސްނަމުންނެވެ.
"އާޔާ ބަޔާން ދީފި... މި ވަގުތު އާޔާއާ މާ ގިނަ ސުވާލުތައް ކުރުން އެހާ ރަނގަޅެއް ނުވާނެ... އެކަމަކު އޭނާގެ ހަރަކާތްތަކަށް ބަަލަން ވާނެ. މިކަމުން އާޔާއަށް ވަރަށް ބޮޑަށް ނަފްސާނީ ގޮތުން އެހުރީ އަސަރުތަކެއް ކޮށްފަ. ލޯތްބާ އަޅާމުން ވަރަށް ބޭނުންވާނެ... އާޔާގެ ހަށިގަނޑުން ނެގި ސާމްޕަލް ތަކާ އެއްޗެހިން އެއީ ކާކުކަން ދެނެގަނެވޭ ވަރަށް ހެކި އެބަހުރި... އެހެންކަމުން ތަހުގީގު ވީހާވެސް އަވަސްމިނެއްގައި ގެންދަން މި މަސައްކަތް ކުރަނީ... ތި އާއިލާގެ އެއްބާރުލުން ވަރަށް މުހިއްމު. ކަމެއް ބޭނުން ވިޔަސް ޖެންޑާގެ ނަންބަރެއް ދޭނަން އެއަށް ގުޅާލާ... އާޔާއަށް ބޭނުންވާ ކައުންސިލިން އަދި އާއިލާއަށް ވެސް ކައުންސިލިން ދިނުމުގައި އެކޮޅުން އެހީތެރިވާނެ..."
ފުލުހުންގެ ވާހަކަތައް ނިންމާލި އިރު ވެސް އާޔާއަށް އެހެން ހެދީ ކާކުކަމެއް ފުލުހުން ހާމައެއް ނުކުރިއެވެ. "ތިހުރިހާ އެއްޗެއް ނުކިޔާ ބުނެވިދާނެތަ އާޔާއަށް އެހެން ހެދީ ކާކުކަން... އެއީ ފަވާޒް ދޯ ދެން އޭނާ ހައްޔަރުކޮށް މި މައްސަލަ އަވަހަށް ބަލަންވީ އެއްނު... ކައުންސިލިންނަށް ވުރެ އެމީހަކު ހައްޔަރުކޮށްގެން އިންސާފް ލުބުނީމަ ދޯ އަހަރެމެންނަށް ހަމަޖެހުމެއް ލިބޭނީ. ކޮން ކައުންސިލިންއެއް..." ގަފޫރަކަށް ހިމޭނަކުން ނުހުރެވުނެވެ. ގަފޫރުގެ އަނގައިން ބޭރުވަމުން ދިޔަ ބަސްތަކުން އޭނާގެ ހިތުގައި އަށަގެންފައިވާ ބަދަލު ހިފުމުގެ ޖޯޝް އާމިރާއަށް ފެނުމުން ހައިރާން ވިއެވެ. ކުއްޖާއަށް ވެފައި އޮތް ވަރާއި އަދި އެދަމައިންގެ އިހްސާސްތަކަށް ބެލުމެއް ނެތި ކުށްވެރިޔާ ހޯދަން ގަފޫރު އަރާފައި ހުރި ފޯރި ފެނި އާމިރާ ހައިރާން ވިއެވެ.
"ތަހުގީގު ކުރިއަށް ދާއިރު، ތި މައުލޫމާތު ހިއްސާ ކުރެވޭކަށް ނެތް... ޑީއެންއޭ ސާމްޕަލްތައް ލިބުނުހާ އަވަހަކަށް ދެން އެއްޗެއް ބުނަން އެނގޭނީ... ރުޅި މަޑުކޮށްފަ އަހަރެމެންނަށް އަހަރެމެންގެ މަސައްކަތް ކުރަން ދޫކޮށްލާ... ކުށްވެރިޔާ ހޯދަން އަހަރެންމެން ވަރަށް މަސައްކަތް ކުރާނަން..."
އާޔާއަށް އެހެން ހެދި ކަމަށް ތުހުމަތު ކުރެވޭ މީހެއްގެ މައުލޫމާ ތުވެސް ފުލުހުން ނުބުންޏެވެ. އެކަމުން ގަފޫރު ރުޅި ގަދަވި ނަމަވެސް އެއްޗެއް ނުބުނެ ދުރަށް ޖެހިލީ ރުޅިގަނޑު ކޮންޓްރޯލް ކުރަމުން ދެ އަތް މުށްކަވާލަމުންނެވެ. ފުލުހުން އެތަނުން ދިއުމާ އެކު އާމިރާ އަވަސް ފިޔަވަޅުތަކެއްގައި ބެލީ އާޔާ ކައިރިއަށް ދާށެވެ.
ކޮޓަރިއަށް ވަން އާމިރާއަށް އޭނާގެ ދަރިފުޅު ރޯން އިންތަން ފެނުމުން ހިތް ކުދިކުދި ވިއެވެ. ޖެންޑާގެ ފަރާތުން އެ ކޮޓަރިތެރޭ ހުރި މީހާ އޭރު ދިޔައީ އާޔާއަށް ހިތްވަރުދީ، އޭނާ ހަމައަކަށް އަޅުވަން މަސައްކަތް ކުރަމުންނެވެ. އާމިރާ ފެނުމާ އެކު އާޔާއަށް ރުއިން ހިފެހްޓޭ ގޮތެއް ނުވިއެވެ. ދެއަތް ފުޅާކޮށްލަމުން މަންމާ އޭ ކިޔާފައި އާޔާ ގޮވާލުމުން އާމިރާ ގޮސް އޭނާގެ ދަރިފުޅު އަތު ތެރެއަށްލާ ބޮނޑި ކޮށްލިއެވެ. އާމިރާގެ މޭމައްޗާލާ އާޔާގެ މޫނު ފޮރުވާލަމުން އާޔާ އަޑުގެ ނެތް ތަނަށް ރޯން ފެށިއެވެ. އެ އަޑުގައި ވަނީ ބަޔާންކުރަން ދަތި ރިހުމެކެވެ. ވޭނީ ކެކުޅުމެވެ. ދަރިފުޅުގެ ރިހުންތައް އިހްސާސް ކުރެވުނަސް ކެތްކުރަން މަސައްކަތް ކުރަމުން ދިޔަ އާމިރާއަށް އޭނާގެ ރުއިން ހިފެހެއްޓޭ ގޮތެއް ނުވިއެވެ. އާޔާގެ ބޮލުގައި ފިރުމާލަމުން އެ ކުއްޖާގެ ނިއްކުރިއަށް ބޮސްދިން އިރު އާމިރާއަށް ރޮވިއްޖެއެވެ.
"ޝްޝްޝް.. މަންމަ މި ހުރީނު... މަންމަ ނުދާނަން... މަންމަ މިހުރީނު.."
ހިތްވަރު ދޭން އާޔާއާ ވާހަކަ ދައްކަން އާމިރާ މަސައްކަތް ކުރިއެވެ. އަޑުގައި ތުރުތުރެއް ހުރި އިރު އާމިރާއަށް ހިފަހައްޓާ ލެވުނީ ކުޑަ ހިނދުކޮޅަކަށެވެ. އާޔާގެ ވޭނީ ރުއިމުގެ އަޑާއެކު އާމިރާ ވެސް ބަޑި ފަޅައިގެން ހިނގައްޖެއެވެ. އަޑުން އަޑު ނަގާ އެ ދެމައިން އެކުގައި ރޮމުން ދިޔަ ވޭނީ އަޑަށް އެތާ ހުރި ޖެންޑާގެ މުވައްޒަފަށް ވެސް ކެތްކުރަން ދަތިވިއެވެ. ކޮޓަރިއަށް ވަންނަން އުޅުނު ގަފޫރަށް އާމިރާމެން ރޯއަޑު އިވުމުން ދޮރުގެ ތަޅުގައި ހިފުމަށް ފަހު މަޑުޖެހިލިއެވެ.
*** *** *** *** *** ***
ހުކުރު ދުވަސްކަމުން ހަވީރު ކުޅިވަރުކުޅެން ބޯޅަ ދަނޑު ކައިރިއަށް އެއްވެފައި ތިބި މީހުން ވެސް ދައްކަމުން ދިޔައީ އާޔާގެ ވާހަކައެވެ. އެމީހުންގެ ތެރޭގައި ދުފާ އަނގަ ރަތްކޮށްގެން ހުރި ހަރީރާއާ އެކު އާޔާމެން ކްލާހުގައި އުޅޭ އަޒްކާ އާއި ނުހާ ވެސް ތިއްބެވެ.
ކުރިއަށް އޮތް ހަފްތާތެރޭ ފަށަން އުޅޭ އިންޓަ ސްކޫލް ފުޓްބޯޅަ މުބާރާތަށް ފަރިތަ ކުރަމުން ދިޔަ އެ ސްކޫލްގެ ފިރިހެން ފުޓްބޯޅަ ޓީމްގެ ޕްރެކްޓިސް ބަލަން ހުރި އަޒްކާ ކުރިއަށް ޖެހިލީ މާހިލް ފެން ފުޅިއެއް ކަނޑަލަމުން އެ ފުޅިގައި ތުން ޖަހާލުމުންނެވެ. މާހިލް ހުރި ދިމާއަށް އަޒްކާ ގޮސް ހުއްޓުމުން، އަޒްކާގެ މޫނަށް ބަލާލުމަށް ފަހު މާހިލް ހިނިތުންވުމެއް ބަދަލު ކޮށްލިއެވެ.
"ހެއި... ފަވާޒް ދެކުނިންތަ؟ އޭނަ ޔޯ އަޒްކާއަށް އެހެން ހެދީ... ސަޗް އަ ކްރީޕް"
ފަވާޒްގެ ވާހަކަ ދައްކަމުން އަޒްކާ ވަށައިގެން ބަލާލީ އޭނާގެ އުޅަނބޮށީގައި ނުހާ ކޮއްޓާލުމުންނެވެ. އެވަގުތު އަނގަޔަށް އަޅައިގެން ހުރި ފެންފޮދު ދިރުވާލަން މަސައްކަތް ކުރި މާހިލް ކޮށި އެރުމުން މާހިލްގެ ބުރަކަށީގައި އަޒްކާ ފިރުމާލިއެވެ. "ހެއި އާޔޫ އޯކޭ...."
މާހިލް ކޮށި ފިލުވަން މަސައްކަތް ކުރަމުން ދިޔަ އަޒްކާގެ ހަރަކާތަކަށް، ދަނޑު މެދުގައި ބޯޅަ ކުޅެން ހުރި އަންމަޑޭ ބަލާލިއެވެ. އެމީހުން ދައްކަމުން ދިޔަ ވާހަކަ ސާފުވާ ވަރަށް ވުރެ ދުރުގައި ހުރި އަންމަޑޭގެ ހިތަށް ނުތަނަވަސް ކަމެއް ވެރިވެގެން ދިޔައެވެ.
ކޮށި ކެއްސުމެއް ކެއްސަމުން އަޒްކާމެން ގާތުން މާހިލް ދުރަށް ޖެހިލަމުން ދަނޑަށް އެރިއެވެ. އެއާއެކު އަންމަޑޭ އައިސް މާހިލްގެ ބުރަކަށީގައި ތަޅާލަމުން އެ ދެމީހުން އެކުގައި ހިނގައިގަތެވެ. "ކީކޯ އެ އަޒްކާ އެ ކިޔަނީ...." މާހިލްމެން ދައްކަން ތިބި ވާހަކަ އޮޅުން ފިލުވަން އަންމަޑޭ ސުވާލުކޮށްލިއެވެ. ޖަވާބެއް ނުދެވިގެން އުޅެނިކޮށް "ވޯމް ޑައުން" ކުރަން ކޯޗް ގޮވާލީ އޭނާގެ ތުނބުގައި ޖަހާފައިވާ ކަށިގަނޑަށް ފުމެލަމުންނެވެ. އެއަޑަށް މާހިލް އާއި އަންމަޑޭ އަދި އެ ޓީމުގެ ދެން ތިބި ބައިވެރިން ކޯޗުގެ ކުރިމައްޗަށް ގޮސް ސަފު ހަދާލިއެވެ.
އިރުއޮއްސެން ކައިރިވަމުން އަންނާތީ މިއަދުގެ ޕްރެކްޓިސް ނިންމާލީ ކަން އެތާ ތިބި މީހުންނަށް އެނގުނެވެ. އެހެންކަމުން އެންމެން ވެސް އެބައެއްގެ ގެއަށް ދާން އަވަސްވެގަތެވެ. ހަރީރާ ހިނގައިގަންނަމުން އަޒްކާ އަށް ގޮވާލިއެވެ. ވާހަކަ ދައްކަން ދެން ނުތިބެވޭނެކަން އެނގުމުން ނުހާއާ ސަލާމް ކޮށްލުމަށް ފަހު އަޒްކާ އޭނާގެ މަންމަ ގާތަށް ދާން އަވަސްވެގަތެވެ.
ހަރީރާމެން ދިރިއުޅޭ ގެއަށް ދާން އެ ދެމައިން އެކުގައި ހިނގައިގަތް އިރު އެމީހުންނާއެކު ރަށުގެ ހަރު އުމުރުގެ އަންހެންވެރިންތަކެއް ދިޔައެވެ. އެއީ ހަރީރާއެކު ރޭގަނޑު ގޯލިފަތީގައި އަނގަތަޅަން ތިބޭ ގްރޫޕެވެ. "އޭ މަ އަޑުއެހިން އެ ފަވާޒް މިއަދު ފުލުހުން ދޫކޮށްލައިފިޔޯ..." އެތަނުން އެކަކު އޭނާއަށް އެނގޭ ވާހަކައެއް ހިއްސާ ކޮށްލިއެވެ. އެއަށް ޖަވާބެއް ނުދެވިގެން އުޅެނިކޮށް ހާރީރާގެ ފިޔަވަޅު މަޑު ޖެހިލީ އެ މަގު ކޮޅަށް އޭނާގެ ނަޒަރު ހުއްޓާލަމުންނެވެ.
*** *** *** *** *** ***
ހޮސްޕިޓަލް ހުރި ރަށުގެ ބޮޑުމަގުން ގެއާ ދިމާއަށް ދާން މިސްރާބު ޖަހާފައި ތިބި އާމިރާމެންގެ އާއިލާއަށް ކުރަމުން ދިޔައީ ތަފާތު އިހްސާސެކެވެ. ހޮސްޕިޓަލުން އެމީހުން ނިކުމެގެން އައި އިރު މަގުމަތިން ފެންނަމުން ދިޔަ ކޮންމެ މީހަކު ވެސް އެމީހުން ފެނުމުން ހުއްޓި އެމީހުންނާ ދިމާއަށް ބަލަން ތިއްބެވެ. ހިތަށް ނުތަނަވަސް ކަމެއް ވެރިވަމުން ދިއުމުން ގަފޫރު ހިނގީ އޭނާގެ ފަޔަށް ބާރުލަމުން އަވަހަށް ގެއާ ދިމާއަށް ދާށެވެ. ފަހަތުން އައި އޭނާގެ ދަރިފުޅާއި އާމިރާއަށް ބެލުމެއް ނެތިއެވެ. ގަފޫރު ފިޔަވަޅު އަވަސްކޮށްލި ތަން ފެނި އާޔާއާ ދިމާއަށް އާމިރާ ބަލާލީ އެ ކުއްޖާއަށް ބައްޕަގެ ހަރަކާތް ހުރި ގޮތް ފާހަގަވިހެން ހީވުމުންނެވެ.
ވަށައިގެން ދިމަދިމާލުގައި ހުއްޓިގެން ތިބި އެމީހުންނާ ދިމާއަށް ބަލަމުން ދިޔަ މޫނުތަކަށް އާޔާ ނަޒަރު ހިނގާލީ އިސް ޖަހައިގެން ހުރެ ވައްކަޅިންނެވެ. އެމީހުންގެ ބެލުންތަކުން އާޔާއަށް އުނދަގޫވިއެވެ. ގެއަށް އަވަހަށް ދެވޭނެ ނަމައޭ އޭނާގެ ހިތަށް އެރިއެވެ. އެ ބެލުންތަކުން އާޔާއަށް ކުރަމުން ދިޔަ އިހްސާސްތައް އޭނާއަށް ބަޔާން ކޮށްދޭން ދައްަޗެވެ.
ލައިގެން ހުރި ޓީޝާޓަށް އާޔާ ދަމާލިއެެވެ. އަދި ދޫކޮށްލާފައި އޭނާގެ ފަން ދިފު އިސްތަށިގަނޑުން މޫނު މައްޗަށް ވެއްޓެމުން ދިޔަ ބައި ކަންފަތް ދަށަށް ލައްވާލިއެވެ. އަންނައުނު ލައިގެން ހުއްޓަސް އޭނާއަށް އިހްސާސްވީ އޮރިޔާންކަމެވެ. ނިވާކަމެއް ނެތް އެ ޅަ ހަށިގަނޑަށް މީހުން ބަލަމުން ދިޔައި ބުޅާ މަސްގަނޑާ ދިމާއަށް ބަލާ ފަދައަކުންނޭ އާޔާއަށް ހީވިއެވެ. ފުން ނޭވާތައް ލަމުން އާޔާ ހަމަޖެހެން މަސައްކަތް ކުރަމުން ދިޔަ ނަމަވެސް އޭނާއަށް ރަށުގެ މީހުންގެ ބެލުންތަކުން ހުރީ ވަރަށް ބޮޑަށް އުނދަގޫވެފައެވެ. އެ ބެލުންތަކުން އޭނާއަށް އިހްސާސް ވަމުން ދިޔައީ އެރޭ އޭނާގެ ގައިގާ ބީހުނު އަތެވެ. އޭނާގެ ލަދުވެތި ގުނަވަންތަކަށް ދިން އަނިޔާތަކެވެ.
އާމިރާމެންގެ ލޮޅު ކޮޅަށް އޭރު ގަފުރު ގެއްލިއްޖެއެވެ. އޭނާ ގޮސް ގެއަށް ވަނީކަން އާމިރާއަށް އެނގުނެވެ. އާޔާގެ އަތުގައި ހިފާލި އިރު އެ ކުއްޖާ ސިހުނު ކަން އާމިރާއަށް އެނގުނަސް އެކަމާ އޭނާ ފަރުވާލެއް ނުބަހައްޓައެވެ. އާމިރާ ބޭނުންވީ ރަށު މީހުންގެ ލޯތަކަށް ފޮރުވޭށެވެ. އާމިރާއަށް ވަމުން ދިޔަ އުނދަގޫތަކުން އާޔާއަށް ކުރާނެ އިހުސާސް އެ މަންމަ އަށް ނަގައިގަނެވުނެވެ.
އާޔާގެ އަތުގައި މަންމަ ހިފާލުމުން އޭނާއަށް ހިތްވަރެއް ލިބުނު ކަހަލައެވެ. މަންމަގެ ހަށިގަނޑާ ގާތްވެ އޭނާ ރަށުގެ މީހުންގެ ލޯތަކަށް ފޮރުވެން މަސައްކަތް ކުރިއެވެ. އާމިރާގެ ފިޔަވަޅު ދެން ކުއްލިއަކަށް އަވަސްވި ކަން އާޔައަށް ފާހަގަވިއެވެ. ބާރަށް ނުހިނގޭނޭ މަޑު ކުރާށެޭ މަންމަ ގާތު ބުނަން ބޭނުމަސް، މަގުމަތީ ގިނަ އިރު ހުންނަން ބޭނުންނުވާތީ އާޔާ ހިތްވަރު ކުރިއެވެ. ކުޑަކޮށް ކޮރެއް ޖަހަމުން ކަހަލަ ގޮތަކަށް އާޔާވެސް އާމީރާއާ އެއް ހަމައަކަށް ހިނގަން މަސައްކަތް ކުރިއެވެ. ނަމަވެސް މީހަކު ގޮވާލި އަޑަށް އާމިރާގެ ފިޔަވަޅު މަޑު ކޮށްލިއެވެ. އެއީ ހަރީރާ ނޫން ދެވަނަ މީހެއް ނޫން ކަން އާޔާއަށް އެނގުނެވެ.
އާޔާގެ ހިތުގެ ވިންދު އަވަސްވަމުން ދިޔައީ ބާރަށް ހިނގީމަ ކަމެއް ނުވަތަ ދެން ވާން އުޅޭ ގޮތެއް އޭނާއަށް ދޭހަވީމަ ކަމެއް ނޭނގެއެވެ. ދެލޯ މަރާ ބާރުކޮށްގެން ހުރި އާޔާމެންނާ ހަމައަށް އައިސް ހަރީރާ ހަމަކުރުމުން އޭނާ އިސް ޖަހާލިއެވެ. "އެކޮއެ ހޮސްޕިޓަލުން ދޫކޮށްލީތަ...؟ ހާދަ އަވަހަކަށް..." ހަރީރާގެ ބަސްތަކުން އާޔާއަށް އުނދަގޫ ވިއެވެ. އާމިރާގެ އަތުން ދޫކޮށްލާ އޭނާ ގެއަށް ދާން ދުއްވައިގަތެވެ. ހަރީރާ ދެން އަހާނީ ކީކޭ ކަން އާޔާއަށް ދެނެގަންނަން އެނގުނު ކަހަލައެވެ.
އާޔާ ދިޔަ ދިމާއަށް ބަލަން ހުރި ހަރީރާ ބޯ އަރިކޮށްލަމުން މަގުގެ އެއްފަރާތަށް އޭނާގެ އަނގައިގައި ހުރި ހައްޕުނޑުގަނޑު ބުރުވާލިއެވެ. އަނގައިގެ ދެމިއަކަނުގައި ހުރި ހައްޕުނޑުތައް ދެ އިނގިލިން ފޮހެލަމުން އަނގަ ޗޭކޮށްލާ ވައްތަރެއް ޖައްސާލަމުން އާމިރާގެ މޫނަށް ހަރީރާ ބަލާލިއެވެ. ކުރިއަށް ދާން އާމިރާ ފިޔަވަޅު އަޅާލުމުން މަލާމާތުގެ ރާގަކަށް ހަރީރާ ވާހަކަ ދެއްކީ އާޔާ ފަލީހަތް ކުރުމުގެ ނިޔަތުގައެވެ.
"އެ މަންޖެ ރޭޕް ކުރީތަ؟ ކާކު ކުރި ކަމެކޯ؟ އެހެން ހަދާކަށް ނުވާނެއްނު. ދުނިޔެ މަތީގައި ނުބައި ނުލަފާ މީހުންވެސް އުޅޭ.. ދެން އެމަންޖެ އަށް އެހެން ހެދީ ކީއްވެޔޯލަ؟"
ހާރީރާގެ ދުލުން ނިކުތް ބަސްތައް ހަންޖަރެއްހެން އައިސް ހެރުނީ އާމިރާގެ ހިތަށެވެ. އެ ސުވާލުތަަކަށް ޖަވާބު ދޭކަށް އާމިރާ ބޭނުމެއް ނުވިއެވެ. ކުރިއަށް އަނެއްކާ ވެސް އާމިރާ ހިނގައިގަތީ ހަރީރާއާ ވާހަކަ ދައްކަން ބޭނުން ނުވާތީއެވެ. ފަސްދީފައި އާމިރާ ދިއުމުން ހަރީރާއަކަށް ހަމަޖެހުމެއް ނުލިބުނެވެ. އެވަގުތު ހަރީރާ ކައިރިއަށް އައިސް ހުއްޓުނު އޭނާގެ އެކުވެރިންނާ ދިމާއަށް އެނބުރިލަމުން ހަރީރާ ބުނެލި ޖުމްލަ އާމިރާއަށް ސާފުކޮށް އިވުނެވެ.
"ދެން އެ މަންޖެއާ އިންނާނެ މީހަކު ވެސް ނުވާނެ... ކިހާ ދެރަދޯ... އާމިރާއަށް ވަކި ކީކޭ ކިޔޭނީ.. ދަރިން ބޭނުންހާ ގޮތަކަށް އުޅެން ދޫކޮށްލީމަ ވާގޮތް އެއީ.."
ގޭތެރެއަށް ވަދެ އާމިރާ ބަންލާފައި ދޮރު ލައްޕާލި އިރު ސިޓިން ރޫމްގައި އިން އިޔާންއާއި އޭނާގެ މާމަ، އާމިރާއަކަށް ނުފެނެއެވެ. ދޮރުގައި ލައްވެ ހުރެ އާމިރާ އަޑުން އަޑު ނަގާ ރޯން ފެށީ އޭނާގެ ހިތަށް ކުރި އަސަރެއްގެ ބޮޑު ކަމުންނެވެ. ދެލޯ ފަދައިން ބަލާ ބޮޑުކުރި ދަރިފުޅުގެ މުޅި ހަޔާތް ވެއްޔާ މޮޑެވުނީއެވެ. މީހުން ކުރިމަތީގައި އަގުވެއްޓިއްޖެއެވެ. އެކުއްޖާއޭ ކިޔައިގެން ނުބައި އަޑުތައް މުޅި ރަށުތެރޭ ފެތުރި އާއިލާ ފަލީހަތް ވެއްޖެއެވެ. މީހުންނަށް ދައްކާނީ ދެން ކޮން މޫނެއް ހެއްޔެވެ. އާމިރާގެ އާޔާގެ ހަޔާތް ބަނަވެއްޖެއެވެ. އަރައިގަންނަން އުނދަގޫ އަނދިރި ކަމުން ފުރިގެންވާ އެ ފުން ވަޅުގަނޑުގެ ތެރެއިން އެ މަންޖެ ނަގަން އާމިރާ ބޭނުން ވިޔަސް، މިހާރު ހަދާނެ ގޮތް އޭނާއަށް ހުސްވި ކަހަލައެވެ.
(ނުނިމޭ)