މަތީ ތައުލީމު ހާސިލުކުރަން ސަރުކާރުން ދޫކުރާ ސްޓޫޑަންޓް ލޯން ނުވަތަ ދަރިވަރުންގެ ލޯނުގެ އެޑްމިނިސްޓޭޝަން ފީ، 1 ޕަސެންޓަށް ކުޑަކޮށްފިއެވެ.

މީގެ ކުރިން މަތީ ތައުލީމުގެ ލޯނުގެ އިދާރީ ފީގެ ގޮތުގައި ނަގަމުން އައީ 5 ޕަސަންޓެވެ.

އިދާރީ ފީ 1 ޕަސެންޓަށް ކުޑަކުރުމުގެ ސަބަބުން ދަރިވަރުންނަށް ވަރަށްބޮޑު ލުއިފަސޭހަކަމާއި ހިތްހަމަޖެހުމެއް ލިބިގެންދާނެ ކަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ.އިބްރާހީމް ހަސަން ވަނީ ވިދާޅުވެފައެވެ.

އަދި ކިޔަވައި ނިމިގެން އެނބުރިއައިސް އެއްބަސްވެފައިވާގޮތަށް އެފައިސާ އަނބުރާ ދެއްކުމުގެ ކަންކަން ޒިންމާދާރުކަމާއެކު ކުރިއަށްގެންދާނެކަމަށް ޔަގީންކުރައްވާކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓްރީން ވަނީ މިނިސްޓްރީ މެދުވެރިވެގެން ބީއެމްއެލުން ލޯނު ނަގާފައިވާ ދަރިވަރުންގެ އިދާރީ ފީ ކުޑަކުރަން ބޭނުންވާ ނަމަ ސިޓީއަކުން ނުވަތަ އީމެއިލް މެދުވެރިކޮށް އައިޑީކާޑު ކޮޕީއާއެކު ހުށަހަޅަން ޖެހޭނެ ކަމަށް ބުނެފައެވެ.

މީގެ އިތުރުން މިނިސްޓްރީން އެ މައުލޫމާތުތައް ކަށަވަރުކުރުމަށް ފަހު، ބީއެމްއެލްއާ ހިއްސާކުރުމުން އެ ކަމާ ގުޅުން ހުރި އެހެނިހެން ކަންތައްތައް ކުރިއަށް ގެންދާނީ އެ ބޭންކުން ކަމަށް ވެސް މިނިސްޓްރީން ބުނެއެވެ.