ގައުމީ ޔުނިވާސިޓީގައި އެސިސްޓެންޓް ޕްރޮފެސަރުގެ ވަޒީފާ އަދާކުރައްވަމުން ގެންދެވި ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒް އަބްދުލްލަތީފް ވަޒީފާއިން ވަކިކުރީ ގޯސްކޮށް ކަމަށް ވަޒީފާއާ ބެހޭ ޓްރަބިއުނަލުން ނިންމައިފިއެވެ.
އެމްއެންޔޫ އިން ވަނީ މިދިޔަ އަހަރުގެ މާޗް މަހުގެ 4 ވަނަ ދުވަހު އިޔާޒަށް އިންޒާރު ދީ ސަސްޕެންޑް ކޮށްފައެވެ. ސަސްޕެންޑް ކުރި މައްސަލަ އިޔާޒް އޭރު ޓްރައިބިއުނަލަށް ހުށަހަޅުއްވާފައި ވަނިކޮށް އިޔާޒް ވަނީ އެމްއެންޔޫގެ ވަޒީފާއިން ވެސް ވަކި ކޮށްފައެވެ.
އިޔާޒް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެމްއެންޔޫގެ ފަރާތުން އޭނާ ވަޒީފާ އަށް ނިކުތުން މަނާކޮށް އަދި އިންޒާރުދީފައި ވަނީ ރަނގަޅަށް ނޫން ކަމަށް ދާދި ދެންމެ ޓްރައިބިއުނަލް އިން ނިންމާފައިވާ ކަމަށެވެ.
ކުރިޔަށް އޮތްތަނުގައި ވެސް ގާނޫނާއި ގަވައިދުގެ ތެރެއިން ފިޔަވަޅުތައް އެޅުމަށް އެމްއެންޔޫގެ ގެ ވެރިންނަށް އިޔާޒް ވަނީ އިލްތިމާސް ކުރައްވާފައެވެ.
އިޔާޒް ވަޒީފާއިން ވަކިކުރީ، އޭނާ އަށް ޔުނިވާސިޓީން އިންޒާރު ދީފައި އޮއްވާ ވެސް ސޯޝަލް މީޑިއާގައި، އާންމުންގެ ތެރޭ ނުތަނަވަސްކަން އުފެދޭ ގޮތަށް ހިޔާލު ފާޅުކުރުމުގެ ސަބަބުން ކަމަށް އެމްއެނޔޫއިން އޭރު ބުންޏެވެ. މީގެ އިތުރުން، ވަޒީފާއިން ވަކިކުރީ ހަރުކަށި ފިކުރަށް ތާއީދު ކުރައްވާ މޭރުމުން ސޯޝަލް މީޑިއާގައި ވާހަކަ ދައްކަވާތީ ކަމަށް ވެސް އެމްއެންޔޫ އިން ބުނެފައި ވެއެވެ.
އަންހެންކުދިން ހިތާނު ކުރުމާ ބެހޭ ގޮތުން ސޯޝަލް މީޑިއާގައި އިޔާޒު ކުރެއްވި ޓްވީޓަކާ ގުޅިގެން އެ މައްސަލަ އިސްލާމިކް މިނިސްޓްރީން ވެސް ބަލާ ކަމަށް އޭރު ބުންޏެވެ.
އިޔާޒު ވަޒީފާއިން ވަކި ކުރި އިރު އޭނާ ހުންނެވީ އެ ޔުނިވާސިޓީގެ ފެކަލްޓީ އޮފް ޝަރީއާ އެންޑް ލޯގެ އެސިސްޓެންޓް ޕްރޮފެސަރު / ސީނިއާ ލެކްޗަރާ އެއްގެ ގޮތުގައެވެ. އިޔާޒު ވަޒީފާއިން ވަކި ކުރުމުގެ ކުރިން ވެސް ވަނީ ސަސްޕެންޑް ކޮށް އަދި އެކި ފަހަރު މަތިން ޔުނިވާސިޓީން ވަނީ އިޔާޒަށް އިންޒާރު ދީފައެވެ. ނަމަވެސް ޔުނިވަސިޓީން ކުރާ އެ ތުހުމަތުތައް އިޔާޒް ވަނީ ދޮގު ކުރައްވައެވެ.