މިއަދު އިދިކޮޅު ކޯލިޝަނުން ކުރިއަށް ގެންދިޔަ އިހުތިޖާޖުގެ ތެރެއިން ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒު އަބްދުއް ލަތީފާ މަގުމަތިން ދިމާކޮށްލީ މިހާރުގެ ސަރުކާރުން ރާއްޖޭގައި ގާއިމުކުރި ހަމަޖެހުން ނަގާލަން ކުރާ މަސައްކަތެއްގެ ގޮތުގައި ކަމަށް އަދާލަތުން ބުނެފިއެވެ.

މިއަދު އެޗްއާރްސީއެމް އަށް އިދިކޮޅު ލީޑާޝިޕްގެ ބޭފުޅުން ވަޑައިގަތުމުން އެ ސަރަހައްދަށް އިދިކޮޅުގެ ސަޕޯޓަރުން އެއްވިއެވެ. އެ ވަގުތު އެ ސަރަހައްދުން ސައިކަލުގައި އިޔާޒު ވަޑައިގަންނަވަނިކޮށް އިދިކޮޅު ޕީޕީއެމް އަށް ނިސްބަތްވާ މެންބަރުން އޭނާ އަށް ހުރަސް އަޅަން މަސައްކަތްކޮށް، އިޔާޒުގެ ސައިކަލުގެ ފަހަތުން ދުވެ، ހަޑި ހުތުރު އެއްޗެހި ވެސް ވަނީ ގޮވާފައެވެ. އަދި ބާރު ސްޕީޑެއްގައި އެ ސަރަހައްދު އިޔާޒު ވަޑައިގަންނަވާ މަންޒަރުވެސް ދައުރުވަމުންދާ ވީޑިއޯއިން ފެނެއެވެ.

އެކަމާ ގުޅިގެން އަދާލަތުން ބުނީ އިޔާޒަށް މަގުމަތިން ހަނގާކޮށް ހުރަސްއަޅާ، ހަޑިހުތުރު ބަހުން މުހާތަބުކޮށް އަނިޔާވެރި ވުމަށް ގޮވާލައި އިދިކޮޅު ކޯލިޝަނުގެ މުޒާހަރާގެ ބައިވެރިން މިއަދު ހިންގި ދަށު ދަރަޖައިގެ ހުތުރު އަމަލު ހަރުއަޑުން ކުށްވެރިކުރާ ކަމަށެވެ.

މިއީ ވާދަވެރި ސިޔާސީ ފަރާތްތަކުން ރާވައިގެން ރާއްޖޭގެ އިސްލާމީ ދައުވަތަށް ހުރަސްއަޅާ ރާއްޖޭގެ ދީނީ އިލްމުވެރިންގެ އަގުވައްޓާލުމަށް ހިންގި ފިނޑި އަމަލެއް. ކަމަށާއި މިއީ މިހާރުގެ ސަރުކާރުން ރާއްޖޭގައި ގާއިމު ކޮށްފައިވާ ހަމަޖެހުމާއި ސުލްހަމަސަލަސްކަން ނަގާލައި އަނިޔާވެރިކަމާއި ހަމަނުޖެހުމުގެ ތެރެއަށް ގައުމު އަނބުރާ ގެންދިއުމަށް ރާވައިގެން ހިންގާ އަމަލުތަކެއްގެ ބިރުވެރި ސިގުނަލެއް ކަމަށެވެ.

އަދާލަތުން ބުނީ އެ ފަދަ ފިނޑި އަމަލުތަކުގެ ސަބަބުން އަދާލަތު ޕާޓީގެ ދީނީ އިލްމެވެރިން އިސްލާމީ ދައުވަތު ދެއްވުމުގައި ކުރައްވާ މަސައްކަތް ކުޑަވެސް ފަސްޖެހުމެއް ނެތި ކުރިއަށް ގެންދަވާނެ ކަމަށެވެ.

މިކަމާ ގުޅިގެން އަދާލަތު ޕާޓީގެ ތަރުޖަމާނު އަދި ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަލީ ނަޒީރު ވިދާޅުވީ މިކަމުން ދޭހަކޮށްދެނީ އިދިކޮޅު ޕާޓީތަކުގެ ވެރިން ރާވައިގެން އަމިއްލަ މަންފާއަށް އާންމު މެންބަރުން ލައްވާ އިސްލާމް ދީނާއި ގާނޫނުތަކާއި އަދި އާންމު އަހުލާގީ މިންގަނޑާ ހިލާފު ކަންކަން ކުރުވާކަން ކަމަށެވެ.