އޭނާ އަކީ ރަސޫލާ صلى الله عليه وسلم ގެ ހަދީސްފުޅުތަކުގެ ދަރަޖަ ކަނޑައަޅަން އެނގިވަޑައިގަންވާ ވަރުގެ އިލްމުވެރިއެއް ނޫން ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

އިމްރާން މިފަދައިން ވިދާޅުވެފައި ވަނީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ރިޔާސީ ކެމްޕެއިނުގައި ރަސޫލާ ސައްލަﷲ އަލައިހި ވަސައްލަމަގެ ހަދީސް ބަސްފުޅެއް ކަމަށް ވިދާޅުވެ ބޭނުން ކުރެއްވި މިސާލަކީ އެ ބޭނުން ކުރެއްވި ހާލަތާ މުނާސަބު ހަދީސެއް ނޫންކަން ހާމަވެފައި ވަނިކޮށެވެ.

ރައީސް ސޯލިހްގެ ކެމްޕެއިނުގައި ހަރަކާތްތެރިވާ ފަރާތްތަކުން ހޭލާ ތިބުމަށް ހިތްވަރުދިނުމުގެ ގޮތުން އިމްރާން ވިދާޅުވެފައި ވަނީ ފާޅުގައި އިސްލާމްދީނަށް ދައުވަތު ދެއްވަން މާތްﷲ ރަސޫލާއަށް އެންގެވުމުން އެކަލޭގެފާނުގެ އަނބިކަނބަލުން (ހަދީޖަތުގެފާނު) އަރިހަށް ވަޑައިގެން، ނިދުމާއި އަރާމުކުރުމުގެ ޒަމާން ފާއިތުވެއްޖެކަމަށް ހަދީސް ކުރެއްވި ކަމަށެވެ.

މި ކަމާ ގުޅިގެން ޝައިހް އަލީ ޒައިދް ވިދާޅުވީ އެ ރިވާޔަތަކީ ވަރަށް ގިނަބަޔަކަށް ހަދީސެއް ކަމަށް ހީކުރެވިފައިވާ ރިވާޔަތެއް ކަމަށެވެ. އަދި ދުނިޔޭގެ އެތައްބަޔަކަށް އެ ރިވާޔަތާ ގުޅިގެން އޮޅުން އަރާފައި ވާއިރު އިމްރާނަށް ވެސް އެފަދަ އޮޅުމެއް އަރައިފާނެކަން ދަންނަންޖެހޭ ކަމަށާއި އެނޫން ގޮތްގޮތަށް މި މައްސަލައިގައި ވާހަކަދައްކަނީ އޮންނަ ޒާތީ ހަސަދަޔާއި ރުޅީގެ ސަބަބުން ކަމަށެވެ.

އެ ރިވާޔަތަކީ ސީރަތު ފޮތްތަކުގައި ރަސޫލާއަށް ނިސްބަތްކޮށް ގެނެސްފައިވާ ރިވާޔަތެއް ކަމަށާއި ފޮތްތަކުގައި ހުންނަ ހުރިހާ ރިވާޔަތްތަކެއް ތަހުގީގުކޮށް ތަހްރީޖު ނުކުރާހާ ހިނދަކު އެފަދަ އޮޅުމެއް އަރާފާނެ ކަމަށް ޑރ. މުހައްމަދު އިޔާޒް ވަނީ ވިދާޅުވެފައެވެ.

އިޔާޒް އިތުރަށް ވިދާޅުވީ ގޯހެއް ފާހަގަވުމުން އެންމެންގެ ތެރޭގައި އިއުލާން ކުރުމުގެ ބަދަލުގައި ވަކިން ގުޅާލާފައި އެއީ ހަދީސެއް ނޫންކަން ބުނެދިން ނަމަ ވަރަށް ރަގަޅުވާނެ ކަމަށެވެ. އަދި އިމްރާނަކީ ރަސޫލާގެ މައްޗަށް ގަސްތުގައި ދޮގު ހައްދަވާނެ ބޭފުޅެއް ނޫންކަން ޔަގީންވާ ކަމަށެވެ.

މި މައްސަލައިގައި އިމްރާނަށް ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވަމުން ދިޔަ އިރު އިމްރާނަށް އެންމެ ބޮޑަށް ފާޑުކިޔުން އަމާޒުވީ ޝައިހް އާދަމް ނިޝާނުގެ ފަރާތުންނެވެ. އެކަމާ ގުޅިގެން އިމްރާން ވިދާޅުވީ، ނިޝާނަކީ ވެސް ރަސޫލާގެ ހަދީސްފުޅުތަކުގެ ދަރަޖަ ކަނޑައަޅަން އެނގިވަޑައިގަންނަވާ ވަރުގެ ބޮޑު އިލްމުވެރިއެއް ކަމަށް ހީ ނުކުރައްވާ ކަމަށެވެ. އަދި އިމްރާނާއި އެ ބޭފުޅުން ވެސް ދަސްކުރައްވަން ޖެހޭނީ ބޮޑެތި އިލްމުވެރިންގެ ފޮތްތަކާ ދަރުސްތަކުން ކަމަށް ވެސް ވިދާޅުވެއެވެ.

މީގެ އިތުރުން ޝައިހް [ނިޝާން] ކުރައްވާ ކުއްތަކާއި ހައްދަވާ ގޯސްތަކަށް ރައްދު ދިނުމަކީ ކުރެވޭ މާ މޮޅު ނުވަތަ ހެޔޮ ކަމެއް ކަމަކަށް ދެކި އެކަން ނުކުރައްވާނެ ކަމަށް ވެސް އިމްރާން ވަނީ ވިދާޅުވެފައެވެ.