ގާނޫނު އަސާސީއާ ހިލާފަށް ގަރާރު ނެރެގެން ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ނުހުއްޓުވޭނެ ކަމަށް އިދިކޮޅު ކޯލިޝަނުން ބުނެފިއެވެ.

އިންޑިއާ އައުޓް ހަރަކާތަކީ ގައުމީ ސަލާމަތަށް ހުރި ނުރައްކަލެއް ކަމަށް ސަރުކާރުން ކަނޑައަޅައި، ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ގަރާރެއް ނެރުއްވާފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުގައެވެ. އެއާއެކު، ފުލުހުން ވަނީ އިދިކޮލު ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން ދިރިއުޅުއްވާ ހ. ދޫވެހީގައި ހަރުކޮށްފައިވާ ބެނާ އާއި، ޕީޕީއެމް އޮފީސް ހުންނަ ހ. ހުރަފައިގައި ހަރުކޮށްފައިވާ ބެނާގެ އިތުރުން މާލޭގެ އެކި ގޭގޭގައި ހަރުކުރި ބެނާތައް ނަގާފައެވެ.

އިތުރު ބެނާތައް ހަރުކޮށް ޕީޕީއެމްއިން ރޭ ކުރި ޓްވީޓެއްގައި ބުނީ، މާލޭގެ އެކި ސަރަހައްދުތަކުގައި އިންޑިއާ އައުޑް ބެނާތައް އިތުރުވަމުންދާ ކަމަށެވެ. އަދި ގާނޫނު އަސާސީއާ ހިލާފަށް ގަރާރު ނެރެގެން ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ނުހުއްޓުވޭނެ ކަމަށް ވެސް ޕީޕީއެމްއިން ބުނެއެވެ.

ގައުމީ ސަލާމަތަށް ހުރި ނުރައްކަލެއް ކަމަށް ވިދާޅުވެ، އިންޑިއާ އައުޓް ހަރަކާތް ހުއްޓުވުމަށް ގޮވާލައްވައި ރައީސް ނެރުއްވި ގަރާރުގައި ވިދާޅުވެފައިވާ ގޮތުން، އެ ހަރަކާތަކީ ގައުމީ ސަލާމަތަށް ނުރައްކާވާ ހިސާބަށް ގޮސްފައިވާ ހަރަކާތެކެވެ. އަދި އެ ހަރަކާތުގެ ސަބަބުން ރާއްޖޭގެ އަމާންކަމާއި ދާހިލީ ހަމަޖެހުމުގެ އިތުރުން، ސަރަހައްދީ ސަލާމަތާއި ރައްކާތެރިކަން ގެއްލުވާލާ ކަމަށްވެސް އެ ގަރާރުގައި ވެއެވެ.

އަދި ގައުމީ ސަލާމަތަށް ނުރައްކާވާ ކޮންމެ ހަރަކާތެއް ސަރުކާރުން ހުއްޓުވަން ޖެހޭ ކަމުގައިވެސް އެ ގަރާރުގައި ރައީސް ވިދާޅުވެފައި ވެއެވެ.

ނަމަވެސް، ރައީސް ނެރުއްވި ގަރާރަކީ ގާނޫނުއަސާސީން ލިބިދޭ ހައްގުތަކާ ހިލާފަށް ނިންމާފައިވާ ނިންމުމެއް ކަމަށާއި، އެ ގަރާރު ބާތިލްކުރަން ކޯޓަށް ދާނެ ކަމަށް އިދިކޮޅު ކޯލިޝަނުން ބުނެފައިވެއެވެ.