އެމްޑީޕީގެ ޗެއާޕާސަންގެ އިންތިހާބުގައި އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލަށް ތާއީދު ކުރައްވާކަން، ހެލްތު މިނިސްޓަރު އަހްމަދު ނަސީމް މިއަދު ހާމަ ކުރައްވައިފިއެވެ.

ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ބޮޑުބޭބޭފުޅު ވިދާޅުވާ ނަސީމް ވަނީ ފައްޔާޒަށް ތާއީދު ކުރައްވައި ޓްވީޓެއް ކުރައްވާފައެވެ. އެ ޓްވީޓުގައި ފައްޔާޒުގެ ކެމްޕެއިން ޕޯސްޓަރުތަކުގެ ކުރިމަތީގައި ތިއްބަވައި ދެ ބޭފުޅުން ނެންގެވި ފޮޓޮއެއް ހިއްސާކުރައްވައި ނަސީމް ވަނީ، ފައްޔާޒަށް ކާމިޔާބީއަށް އެދިވަޑައިގެންފައެވެ.

މީގެ ކުރިން އިންތިހާބުގެ މި ހިސާބަށް އައިއިރު، ނަސީމް އެއްވެސް ކޮޅެއް ނުނަންގަވާކަން ފާހަގަ ކުރެވެއެވެ.

އަންނަ މަހުގެ 16 ގައި ބާއްވާ އިންތިހާބުގައި ނަޝީދު ތާއީދު ކުރައްވަނީ ފައްޔާޒާ ވާދަ ކުރައްވާ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ އަށެވެ.

އެމްޑީޕީގެ ޗެއާޕާސަން ހޮވުމަށް ބާއްވާ އިންތިހާބާ ގުޅިގެން އެ ޕާޓީގެ އެތެރޭގެ މަސްރަހު ހޫނުވެފައިވާއިރު، ސަރުކާރަށް ތާއީދު ކުރާ މެންބަރުންނާއި ނަޝީދަށް ތާއީދުކުރާ މެންބަރުން ދަނީ އެއް ބަޔަކު އަނެއް ބަޔަކާ ދެމެދު ބަހުގެ ހަމަލަތައް ބަދަލު ކުރަމުންނެވެ.