ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގައި ހައިކޯޓުގެ ފަނޑިޔާރުންގެ ތެރެއިން އިންނަވާނެ ފަނޑިޔާރަކު ހޮވަން ބޭއްވި އިންތިހާބު ފަނޑިޔާރު މުހައްމަދު ނިޔާޒް ކާމިޔާބު ކުރައްވައިފިއެވެ.

ހައިކޯޓުން ބުނީ ގާނޫނު އަސާސީގެ 158 ވަނަ މާއްދާގެ (ނ) ގައިވާ ގޮތުގެ މަތިން ޖޭއެސްސީއަށް ފަނޑިޔާރު ނިޔާޒް އިންތިހާބުކޮށްފައިވާ ކަމަށެވެ.

ފަނޑިޔާރު ނިޔާޒަކީ މެލޭޝިއާގެ އިންޓަނޭޝަނަލް އިސްލާމިކް ޔުނިވާސިޓީއިން ޝަރީއަތާއި ގާނޫނުގެ ރޮނގުން މަތީ ތައުލީމު ހާސިލު ކުރައްވައިގެން ހުންނެވި ބޭފުޅެކެވެ.

ފަނޑިޔާރު ނިޔާޒް މީގެކުރިން ހދ. ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓްކަމާއި ހދ. ވައިކަރަދޫ ކޯޓުގެ މެޖިސްޓްރޭޓް ކަމުގެ އިތުރުން މިނިސްޓްރީ އޮފް ޖަސްޓިސްގެ ލީގަލް އެސިސްޓެންޓްކަންވެސް ކުރައްވާފައިވެއެވެ.

ޖުޑީޝަލް ސާވިސް ކޮމިޝަންގައި ހައިކޯޓުގެ ފަނޑިޔާރެއްގެ ގޮތުގައި މީގެ ކުރިން ހުންނެވީ ފަނޑިޔާރު އަލީ ސަމީރުއެވެ. އޭނާ ވަނީ މިދިޔަ ހަފްތާގައި ހައިކޯޓުގެ ފަނޑިޔާރު ކަމުން އިސްތިއުފާ ދެއްވާފައެވެ.

ޖުޑީޝަލް ސާވިސް ކޮމިޝަންގައި ދިހަ މެންބަރުން ތިއްބައެވެ. އޭގެތެރޭގައި ހިމެނެނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރާއި، ހައިކޯޓުގެ ފަނޑިޔާރަކާއި ދަށު ކޯޓުގެ ފަނޑިޔާރެއްގެ އިތުރުން ދެން ރައްޔިތުން މަޖިލީހުން އައްޔަން ކުރާ ހަތަރު ބޭފުޅުންނާއި ރައީސް އައްޔަން ކުރާ މެންބަރަކާއި ބަންޑާރަ ނައިބެވެ.