އިގުތިސޯދީ އަދި މާލީ ގޮތުން އިންތިހާ ހީނަރުކަމާ ކުރިމަތިވެ، ސިޔާސީ ގޮންޖެހުންތަކާ ކުރިމަތިލާންޖެހިފައި ވާ ސްރީލަންކާ ސަރުކާރުގެ ބޮޑުވަޒީރު ކަމުގެ މަގާމުން އިސްތިއުފާ ނުދެއްވާނެ ކަމަށް، އެ މަގާމުގައި ހުންނެވި އެ ގައުމުގެ ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސަ ވިދާޅުވެއްޖެއެވެ.

ޕްރޮވިންޝަލް ކައުންސިލް އަދި ލޯކަލް ގަވަމަންޓްގެ މެންބަރުންނާ ބައްދަލު ކުރައްވާ، ވާހަކަފުޅުދައްކަވަމުން މަހިންދަ ރާޖަޕަކްސަ ވަނީ، ސްރީލަންކާއަށް މިއަދު ކުރިމަތިލާން ޖެހިފައި ވާ މައްސަލަތައް، "ކުޑަ ވަގުތުކޮޅެއް"ގެ ތެރޭގައި ހައްލު ވެ ދާނެ ކަމަށް ވިދާޅުވެފައެވެ. ސްރީލަންކާއަށް މިހާރު ކުރިމަތިވެފައިވާ ހާލަތަކުން ގައުމު ސަލާމަތް ކުރެވިދާނެ ކަމަށް ގަބޫލު ކުރައްވާ ކަމަށް ވިދާޅުވެ، ގޮތަބާޔާ ވަނީ، ސަރުކާރަށް އިތުބާރު ކުރުމަށް ގޮވާލައްވާފައެވެ.

ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން މަހިންދަ ރާޖަޕަކްސަވަނީ، ތެލާއި ގޭހުގެ އިތުރުން ކަރަންޓާއި ބޭސް ފަރުވާ ފަދަ ޒަރޫރީ ހިދުމަތްތައް ފޯރުކޮށްދިނުމަށް ހުރަސްތައް ކުރިމަތި ކުރަމުން ދާ ދިއުމަށް މިހާރުން މިހާރަށް ނިމުން ގެނައުމަށް ގޮވާލައްވާފައެވެ. ހަމަ އެހެންމެ، އެ ފަދަ ހިދުމަތްތައް ހޯދުމަށް ކިއުގައި މަޑުކަން ކުރަން ޖެހޭ ޖެހުމަށްވެސް ނިމުން ގެނައުމަށް ބޮޑުވަޒީރު ވަނީ ގޮވާލައްވާފައެވެ. އަދި އެކަން ކުރުމަށްޓަކާ ކޮންމެހެން ހަމަޖައްސަންޖެހޭ ކަންކަން، ސަރުކާރުން އިންތިޒާމު ކޮށްދީފައި ވާނެ ކަމަށްވެސް މަހިންދަ ރާޖަޕަކްސަ ވަނީ ވިދާޅުވެފައެވެ.

ސްރީލަންކާގެ އިގުތިސޯދީ އަދި މާލީ ކާރިސާއާ ގުޅިގެން ބަޔަކު އިހުތިޖާޖު ކުރަނީ / ފައިލް ފޮޓޯ: ޑެއިލީ ސަބާހް

ޒަރޫރީ މުދާ ހޯދުމަށް ކިއު ހަދަންޖެހޭ ޖެހުން ވަރަށް ހުއްޓިދާނެ ކަމަށް ގަބޫލު ކުރައްވާ ކަން ފާހަގަ ކުރައްވަމުން ބޮޑުވަޒީރު ވިދާޅުވީ، މައްސަލަ ހައްލުވީ ހާ އަވަހަކަށް، މުދަލުގެ އަގު ކޮންޓްރޯލް ކުރުމުގެ މަސައްކަތް ފެށޭނެ ކަމަށެވެ.

އިތުރު މީހަކު އައިސްގެން މައްސަލަ ހައްލު ކުރަން މަޑު ކުރުމުގެ ސަބަބުން ގައުމަށް ލިބޭނެ ގެއްލުން ކިތަންމެ ރަނގަޅަކަށްވެސް ފަހުމްވެވަޑައިގަންނަވާ ކަމަށް ވިދާޅުވެ، ވާހަކަފުޅު ކުރިއަށް ގެންދަވަމުން މަހިންދަ ރާޖަޕަކްސަ ވަނީ، ސްރީލަންކާއަށް މިއަދު ކުރިމަތިވެފައިވާ ކާރިސާއިން ގައުމު ނެގެހެއްޓުމަށް އަޅަމުންދާ ކޮންމެ ފިޔަވަޅެއްގެ ފަހަތުގައި އޭނާ ހުންނެވިކަން ދަތުމަށް ގޮވާލައްވާފައެވެ.

މި ދަނޑިވަޅަކީ ސްރީލަންކާއަށް ކުރިމަތިލާން ޖެހިފައިވާ ގޮންޖެހުންތައް ބޮއްސުންލައިގެން ގޮސް، އެ ގައުމުގެ ސަރުކާރުގެ އިސްތިއުފާއަށް، އާންމުންގެ އެތައް ބަޔަކު ގޮވާލަމުން ދާ ދަނޑިވަޅަކާށް ވީ ނަމަވެސް، އަދި މިހާތަނަށް ސަރުކާރުގެ ލީޑާޝިޕުން އެކަމަށް ދީފައި ވަނީ ބީރު ކަންފަތެކެވެ. މައްސަލަ ހައްލު ކުރުމުގެ ނަމުގައި ވަޒީރުންގެ މަޖިލީސް އިސްތިއުފާ ދެއްވާ، އާ މަޖިލީހެއް ހުވާ ކުރެއްވި ކަމުގައި ވީ ނަމަވެސް، ރައީސްއާއި ބޮޑުވަޒީރުގެ މާގަމަށް ބަދަލެއް އައިސްފައެއް ނުވެއެވެ.