ފަނޑިޔާރުކަމުން ވަކިކުރުމަށް ޖުޑީޝަލް ސާރވިސް ކޮމިޝަން (ޖޭއެސްސީ)އިން ނިންމާފައިވާ ހައިކޯޓުގެ ފަނޑިޔާރު އަބްދުއްރައޫފް އިބްރާހީމާއި ފަނޑިޔާރު އަބްދުﷲ ހަމީދުގެ ސިޓީއެއް އެ މައްސަލަ ދިރާސާކުރާ ޖުޑީޝަލް ކޮމިޓީއަށް ލިބިފައިވާތީ އެކަން އިތުރަށް ސާފުކުރުމަށް ކޮމިޓީން ނިންމައިފިއެވެ.
މިދެ ފަނޑިޔާރުން ވަކި ކުރުމަށް ޖޭއެސްސީން ނިންމާފައިވަނީ ގާނޫނު އަސާސީގެ 152 ވަނަ މާއްދާއާ ހިލާފަށް ފަނޑިޔާރުންނަށް ސަރުކާރުން ދޫކުރި ފްލެޓްތަކެއް ހާއްސަ އަގުތަކެއްގައި ބައްލަވައިގަނެފައިވާ ކަމަށް އަދި އެކަމުގެ ބަދަލެއްގެ ގޮތުން ހައިކޯޓުގެ ގަޒިއްޔާއެއްގެ ހުކުމް ކުރުމަށް ނިންމިކަމަށް ތުހުމަތުކޮށް ކޮމިޝަނަށް ހުށަހަޅާފައިވާ މައްސަލައެއް ތަހުގީގުކޮށް ބެލުމަށްފަހުގައެވެ.
ކޮމިޓީއަށް ދެ ފަނޑިޔާރުން ފޮނުވި ސިޓީީގައި ވަނީ ފްލެޓް ލިބުނު އެހެން ފަނޑިޔާރުން ސަރަފްވެރިކަމާއެކު ރިޓަޔާވުމުގެ ފުރުސަތު ދީފައިވާ ކަމަށާއި އެ މައްސަލަ ބެއްލެވި ޖޭއެސްސީގެ ކޮމިޓީން ރިޕޯޓަށް ބަދަލުތަކެއް ގެންނަވާފައިވާކަމުގެ ޝަކުވާތަކެވެ. އެހެންކަމުން އެކަންކަން ބަލަންޖެހޭކަމަށް މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީގެ މެންބަރުން ވަނީ ނިންމާފައެވެ.
ފްލެޓް ލިބުނު ފަނޑިޔާރަކު ޝަރަފްވެރިކަމާއެކު ރިޓަޔާކުރެއްވިކަމުގެ ތުހުމަތުތައް ކުރައްވާފައިވަނީ ހައިކޯޓުގެ ކުރީގެ ފަނޑިޔާރު އަލީ ސަމީރަށެވެ. ސަމީރުގެ މައްޗަށް އެ ތުހުމަތުކުރެވިފައިވަނިކޮށް މިމަހުގެ 17ގައި ވަނީ ފަނޑިޔާރުކަމުން އިސްތިއުފާދެއްވާފައެވެ.