ޖުޑީޝަލް ސާވިސް ކޮމިޝަނަށް އާންމުން ކުރާ އިތުބާރު އިތުރުވަމުން އަންނަ ކަމަށާއި، ދިވެހިރާއްޖޭގެ ޖުޑިޝަރީ ތަރައްގީކޮށް އިސްލާހު ކުރުމަށް މިދިޔަ އަހަރު ގިނަގުނަ މަސައްކަތްތަކެއް ނިންމައި ތަންފީޒު ކުރި ކަމަށް އެ ކޮމިޝަންގެ ރައީސް ހިސާން ހުސައިން ވިދާޅުވެއްޖެއެވެ.

އެ ކޮމިޝަނުން އާންމު ކުރި އަަހަރީ ރިޕޯޓްގައި ހިސާން ވިދާޅުވީ، 2021 ވަނަ އަހަރަކީ މިކޮމިޝަނުގެ އަމާޒާ ލަނޑުދަނޑި ސާފުކޮށް ބަޔާން ކުރެވި، އެމަންޒިލަށް ދަތުރު ފެށި އަހަރެއް ކަަމަށެވެ. ދުނިޔެއަށް ކުރިމަތިވި ކޮވިޑް ބަލިމަޑުކަމަކީ މިއަދު އެ ކޮމިޝަނަށް ކުރިމަތިވެފައިވާ ގޮންޖެހުމެއް ނޫން ކަމަށާއި 2020 ވަނަ އަހަރު ކޮމިޝަނަށް ގެނެވުނު އުމްރާނީ ތަރައްގީ އާއި މަސައްކަތުގެ ވައްޓަފާޅި އާއި އާދަކާދައަށް ގެނެވުނު އެދެވޭ ހެޔޮ ބަދަލުތަކާއެކު، މިއަދު ކޮމިޝަނުން މަސައްކަތް ކުރަމުން ދަނީ ކޮމިޝަންގެ މަސައްކަތްތައް ހުއްޓުމެއް ނެތް ގޮތަށް އައު އާންމު ހާލަތުގައި ކަަމަށް ހިސާން ވިދާޅުވިއެވެ.

މިދިޔަ އަހަރު ޖުޑީޝަލް ސާވިސް ކޮމިޝަން ހިނގައި ދިޔަގޮތުގެ މަށްޗަށް އެކުލަވާ ނެރުނު އަހަރީ ރިޕޯޓުގައި ދައްކާ ގޮތުގައި، އެ ކޮމިޝަނުގެ 93 ބައްދަލުވުމެއް ބާއްވާ 658 ނިންމުމެއް ނިންމިއެވެ. އަދި 7 ދާއިމީ ކޮމިޓީގެ ގިނަ ބައްދަލުވުން ބާއްވާ 88 ތަހްގީގް ކޮމިޓީއެއްގެ މަސައްކަތް ކުރިއަށް ގެންދިޔައެވެ. ހަމައެއާއެކު މިދިޔަ އަހަރު އެ ކޮމިޝަނަށް 404 މައްސަލައެއް ހުށަހަޅާފައިވާ އިރު، އެ ކޮމިޝަނުގެ މައްސަލަ ބެލުމާމެދު ގޮތެއް ނިންމާ ކޮމިޓީން 90 ޕަސެންޓް މައްސަލައަށް ގޮތެއް ނިންމިއެވެ. އެއީ ވޭތުވެ ދިޔަ 3 އަހަރުތެރޭ ހުށަހަލާފައިވާ މައްސަލަތަކަށް ބަލާނަމަ އޭގެ ކުރީ 10 އަހަރު ހުށަހެޅި މައްސަލައަށް ވުރެ 28 ޕަސަންޓް އިތުރަށް މައްސަލަ ވަނީ ހުށަހަޅާފައެވެ.

އެހެންކަމުން ދިވެހިރާއްޖޭގެ ޝަރުޢީ ނިޒާމާމެދު ރައްޔިތުންގެ މެދުގައި އުފެދޭ ސުވާލުތަކާއި ފަނޑިޔާރުންނާ ކޯޓުތަކާމެދު އުފެދޭ ކަންބޮޑުވުންތަކާ ގުޅިގެން ފާއިތުވެދިޔަ އަހަރު ގިނަ މައްސަލަތަކެއް ހުށަހަޅާފައިވާ ކަމަށް ހިސާން ފާހަގަ ކުރެއްވިއެވެ. އަދި އެކމަުން ދޭހަ ވަނީ އެ ކޮމިޝަނާމެދު އާންމުން ކުރާ އިތުބާރު ބޮޑުތަނުން ބޮޑުވެފައިވާ ކަން ކަމަށް ހިސާން ވިދާޅުވިއެވެ.

މިދިޔަ އހަަރުގެ އަހަރަި ރިޕޯޓްގައި އެ ކޮމިޝަނުން ވަނީ އެ ކޮމިޝަނަށް ކުރިމަތިވި ގިންޖެހުންތައް ހިއްސާކޮށްފައެވެ. އެ ގޮތުން އެންމެ ބޮޑު ގޮންޖެހުމެއްގެ ގޮތުގައި ފާހަގަ ކޮށްފައި ވަނީ، މެޖިސްޓްރޭޓް ކޯޓުތަކުގެ ތެރެއިން މެޖިސްޓްރޭޓުން ނެތް ކޯޓުތަކަށް މެޖިސްޓްރޭޓުން ހޯދުމަށް އެކި ފަހަރު މަތިން އިއުލާން ކުރުމުން ވެސް ނިސްބަތުން އާބާދީ މަދު ރަށްރަށުގެ މެޖިސްޓްރޭޓް ކަމަށް ކުރިމަތިލާ ފަރާތްތައް މަދުވާ މައްސަލައެވެ. އެކަމުގެ ސަބަބުން އެ ރަށްތަކަށް މެޖިސްޓްރޭޓުން އައްޔަން ކުރުމަށް ދަތިތައް ކުރިމަތިވާކަން އެ ރިޕޯޓްގައި ފާހަގަ ކޮށްފައި ވެއެވެ.

ހަމައެއާއެކު މުވައްޒަފުން ތަމްރީން ކުރުމަށްޓަކައި ޕްރޮފެޝަނަލް ޑިވެލޮޕްމަންޓް އަށް ބޭނުންވާ ހަރަކާތްތައް ހިންގުމަކީ، ކޮމިޝަނުގެ މަސައްކަތްތައް ހަރުދަނާ ކުރުމަށް ނުހަނު ބޭނުންވެފައިވާ ކަމެއް ކަމަށް އެ ރިޕޯޓްގައި ބުނެފައި ވެއެވެ. ނަމަވެސް އެކަން ކުރިއަށް ގެންދިއުމަށް ފުރިހަމަ ކުރަންޖެހޭ ވަށައިގެންވާ ކަންކަން ފުރިހަމަ ކުރުމަށް ދަތިތައް ހުރުމުން އެފަދަ ޕްރޮގްރާމްތައް 2020 ވަނަ އަހަރު ވެސް ހިންގާފައި ނުވެއެވެ.

މީގެ އިތުރުން ފަނޑިޔާރުންގެ މަސައްކަތުގެ ފެންވަރު ވަޒަން ކުރުމުގެ އަމަލީ މަސައްކަތް ފެށުމަށް، ބޭނުންވާ ފަންނީ އެހީތެރިންނާއި އިވެލުއޭޓަރުންނާއި އެ މަސައްކަތަށް ބޭނުންވާ ގާނޫނީ ހުނަރު ހުރި، ފަންނީ ގާބީލު މީހުން ލިބުމުގައި ދަތިތަކާ ކުރިމަތިވެފައި ވެއެވެ. ކޮވިޑްގެ ހާލަތާ ގުޅިގެން ދަތުރުފަތުރު ކުރުމުގައި ހުރި ހުރަސްތަކުގެ ސަބަބުން ބޭރުގެ ކަމާބެހޭ ފަންނީ މީހުން ހޯދުމާއި ކޯޓުތައް އަދި ފަނޑިޔާރުން މަސައްކަތްތައް ކުރަމުންދާ ގޮތް ގާތުން ބެލުމުގައި ހުރަސްތައް ކުރިމަތިވި ކަމަށް ވެސް އެ ރިޕޯޓްގައި ބުނެއެވެ.