ހާލުގައި ދިރިއުޅޭ ހަތަރު މައިން، ދިރިއުޅެން ރާނަން ފަށާފައިވާ ގެ ނިންމައި ދިނުމަށް އެހީތެރިވެދިނުމަށް މަމްސް ޖަމިއްޔާއިން އާންމުންނަށް ފުރުސަތު ހުޅުވާލައިފިއެވެ.

މީގެ ކުރިން ވެސް މަމްސް ޖަމިއްޔާ އިން ވަނީ ހާލުގައި ދިރިއުޅޭ އާއިލާތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ގޭގައި ބޭނުންކުރާ ސާމާނު ހޯދައިދީ، ދިރިއުޅޭނެ ގެއެއް އަޅައިދީ، އަދި ޒަރޫރީ ބޭނުންތަކަށް ބޭނުން ކުރާނެ ސާމާނު ހޯދައިދީ ހާލުގައި އުޅޭ އެ ފަދަ އާއިލާތަކަށް އުފާވެރިކަން ގެނެސް ދީފައެވެ. އެ ގޮތުން މިފަހަރު މަަމްސް ޖަމިއްޔާއިން އެހީތެރިކަން ފޯރުކޮށް ދެނީ ސާރާ ނަމަކަށް ކިޔާ އެކަނިވެރި މަޔަކަށެވެ.

ސާރާގެ ހާލަތު ބަޔާންކޮށް އެ ޖަމިއްޔާއިން ވަނީ އޭނާގެ ހަޔާތުގައި ތަޖުރިބާ ކުރި ހިތްދަތި ދިރިއުޅުމުގެ ވާހަކަތައް ހިއްސާ ކޮށްފައެވެ. އެ ގޮތުން ސާރާއަކީ ކުޑައިރުން ފެށިގެން ވެސް ހާލުގައި ދިރިއުޅުނު ކުއްޖެއް ކަމަށް ބުނެއެވެ. ސާރާގެ ބައްޕައަކީ މަސްވެރިއެއް ކަމުން ކަނޑުމަތީގައި ގިނަ ދުވަސްތައް ހޭދަ ކުރަން ޖެހުމާއި، އޭނާގެ މަންމަ އަކީ ބަލި މީހެއް ކަމުން ސާރާ ވަނީ، އެންމެ ކުޑަ އިރުން ފެށިގެން ވެސް އޭނާއަށް ބޭނުންވާ އެތައް ކަމަކުން އުނިވެފައި ކަމަށް އެ ޖަމިއްޔާއިން ބުނެއެވެ. ދިރިއުޅުމުގެ ހާލަތު ހުރި ގޮތުންނާއި މާލީ ތަނަވަސްކަން ނެތުމުން ސާރާއަށް ރަނގަޅަށް ތައުލީމް ވެސް ހާސިލް ނުކުރެވުނެވެ.

ސާރާގެ އާއިލާ ދިރިއުޅެމުން އަންނަ ތަނުގެ ހާލަތު

އެއަށް ފަހު މާލެއަށް ދިރިއުޅުން ބަދަލުކޮށް އުމުރުން 26 އަހަރުގައި ކުރި ކައިވެންޏަށް ފަހު އޭނާގެ ހަޔާތް ބަނަވެގެން ދިޔައީ ކަމަށާއި ގެވެށި އަނިޔާގެ ޝިކާރައަކަށް ސާރާވެ އޭނާގެ ހަޔާތް ބަނަވި ގޮތުގެ ވާހަކަތައް މަމްސް ޖަމިއްޔާިއން ވަނީ ހިއްސާ ކޮށްފައެވެ. ދެ ކައިވެނި ކޮށް އޭނާއަށް ދެ ދަރިން ލިބުނު އިރު، ދެ ކައިވެނީގައި ވެސް އޭނާ ތަހައްމަލު ކުރީ ގެވެށި އަނިޔާއެވެ. އާއިލާގެ ތެރެއިން ވެސް އޭނާއަށް މީހަކު އެހީއެއް ނުވެއެވެ. އަދި ވަރިވެގެން ތިމާގެ ބައެއްގެ ކައިރީގައި ދިރިއުޅުނު އިރު ވެސް ސާރާއާއި އޭނާގެ ދަރިންނަށް ލިބެމުން ދިޔައީ ހިތްދަތިކަމެވެ.

ހަގު ދަރިފުޅު ލިބިގެން ހާލުގައި އުޅެން ޖެހުމުން އެ ކުއްޖާގެ ބައްޕަ ކައީރީ އެހީއަކަށް އެދުމުން އެގޭގައި ދިރިއުޅެން ދިޔަ ސާރާއަށް ކުރިމަތިލާން ޖެހުނީ ސިހުރުގެ ބިރުވެރިކަމާއި އުނދަގޫތަކާ ކަމަށް މަމްސް ޖަމިއްޔާއިން ބުނެފައި ވެއެވެ. މި ހިތި ތަޖުރިބާ ތަހައްމަލް ކުރި ސާރާއަށް، ހާލުގައި ތިން ދަރިން ގޮވައިގެން އުޅެން ޖެހިފައިވާ އިރު އޭނާ އަށް އެހީވާން މަމްސް ޖަމިއްޔާއިން އެހީ ހޯދަން އިއުލާން ކުރީ މި މަހުގެ 19 ވަނަ ދުވަހުއެވެ.

ސާރާގެ ގެ ރާނަން ފަށައި 25 ޕަސަންޓް މަސައްކަތް ނިމިފައި

ސާރާގެ ތިން ދަރިން ތިބި އިރު އެ އާއިލާ ދިރިއުޅެމުން އަންނަނީ ވަރަށް ހާލުގައި ކަމަށް އެ ޖަމިއްޔާއިން ބުނެއެވެ. އަދި އަމިއްލަ ހަރަދުގައި އޭނާ މިހާރު ވަނީ ގެއެއް ރާނަން ފަށާފައެވެ. ނަމަވެސް އެ އިމާރާތުގެ 25 ޕަސަންޓް މަސައްކަތް ނިމި، މީގެ 6 އަހަރު ކުރިން އެ މަސައްކަތް މެދުކެނޑިފައި ވަނީ އެ އާއިލާއަށް ދިމާވެފައިވާ މާލީ ދަތިކަމުގެ ސަބަބުންނެވެ. އެހެންކަމުން އެ އިމާރާތުގެ ބާކީ 75 ޕަސެންޓް މަސައްކަތް ކުރިއަށް ގެންދިޔުމަށް އެހީތެރި ވުމަށް މަމްސް ޖަމިއްޔާއިން ވަނީ އާންމުންނަށް އެހީވެވޭ ގޮތަށް ފުރުސަތު ހުޅުވާލާފައި ކަމަށް އެ ޖަމއިްޔާއިން ބުނެއެވެ.

ސާރާގެ އެ ކުޑަ އާއިލާއަށް އުފާވެރިކަން ހޯދައި ދިނުމަށް ފަނަޑް ރެއިސް ކުރަން ބޭނުންވާ ފަރާތަކުން މަމްސް ޖަމިއްޔާގެ ބޭންކް އެކައުންޓަށް ފައިސާ ހަދިޔާ ކުރެވޭނެ ކަމަށް އެ ޖަމިއްޔާއިން ބުނެއެވެ.